މާލޭގެ މޮބައިލް ފިހާރައެއްގައި ރޯވެ ދެ މިލިއަން ރުފިޔާގެ ގެއްލުންވެއްޖެ

މަޖީދީމަގުގައި ހުންނަ އައި މޯބައިލް ފިހާރައިގައި ބުރާސްފަތި ދުވަހުގެ ރޭ ފަތިހު ހިނގި އަލިފާނުގެ ހާދިސާގައި އެތަން އަނދައި ހުލިވެ ދެ މިލިއަނެއްހާ ރުފިޔާގެ ގެއްލުން ވެއްޖެ އެވެ.
މަޖީދީ މަގު ގައުމީ ކުތުބުހާނާ ކުރިމަތީގައި ހުންނަ، މޯބައިލް ފޯނުތައް ސާވިސްކޮށްދިނުމުގެ އިތުރުން ގިނަ އަދަދެއްގެ ފޯނު ވިއްކަން ބަހައްޓައިފައި ފިހާރައިގައި އަލިފާން ރޯވެފައި ވަނީ ބުރާސްފަތި ދުވަހުގެ ރޭ ފަތިހު 30: 4 ހާއިރު އެވެ.
ފުލުސް އޮފީހުން މިއަދު ބުނިގޮތުގައި ގ. ސާތީގޭގައި ހަދައިފައި ހުރި އެ ފިހާރައިގައި އަލިފާން ރޯވެފައި ހުރި ކަން އެނގުނީ އެ ފިހާރައިގެ ފަޔަ އެލާމުގެ އަޑު އިވިގެން މާލެތެރެ ޕެޓްރޯލް ކުރަމުންދިޔަ ފުލުހުންނަށެވެ. ފުލުހުންނަށް އެ ސަރަހައްދަށް ދެވުނުއިރު ފިހާރައިގެ ކައުންޓަރާ ދިމާއިން ހުޅުގަނޑު ފަޅައިގެން ގޮސް ފިހާރައިގައި ވަނީ އަލިފާން ރޯވެފަ އެވެ.
އަލިފާން ރޯވުމާއެކު އެ ސަރަހައްދުގެ ގޭގޭގައި ތިބި މީހުންގެ ނެރެ ގަލޮޅު ވިލީ ފުލުހަށް ވަނީ ގެންގޮސްފަ އެވެ. އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުލިބެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވި ގޮތުގައި މިހާތަނަށް ބެލިބެލުމުން އެ ފިހާރައިގައި އަލިފާން ރޯވެފައި ވަނީ ކަރަންޓް ޝޯޓެއްގެ ސަބަބުންނެވެ.
އައި މޯބައިލް ކޮމްޕެނީގެ ފަރާތުން ވާހަކަ ދެއްކެވި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ހަނީފު މިއަދު ވިދާޅުވީ އަލިފާން ރޯވިއިރު ފިހާރައިގެ އިންވެންޓްރީގައި އެކަނި ވެސް 1.9 މިލިއަން ރުފިޔާގެ މުދާ ހުންނާނެ ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި ގުދަނުގައި ހުރި މުދާތައް އެ ކުންފުނީގެ ދެ ޓެލެޝޮޕަށް ވެއްދީ މީގެ ދެ ހަފްތާއެއްހާ ދުވަސް ކުރިން ކަމަށާއި ފިހާރަ އަނދައިގެން ދިޔައީ އެ މުދާތައް ސިސްޓަމަށް ރިކޯޑު ވެސް ނުކުރެވި އުޅެނިކޮށްނެވެ.
"ގުދަނުގައި ހުރި މުދާތައް ވެސް ޝޮޕްތަކަށް ގެނައިތާ އަދި މާގިނަ ދުވަހެއް ނުވާނެ. 1.9 މިލިއަން ރުފިޔާގެ މުދާ އިންވެންޓްރީގައި އެކަނި ވެސް ހުންނާނެ. މުދާތައް އެންޓަ ނުކުރެވި ހުރީމަ ލިބުނު ގެއްލުމުގެ ތަފްސީލެއް އަދި ނޭނގެ،" ހަނީފު ވިދާޅުވި އެވެ.
އަނދައިގެން ދިޔަ ފިހާރައިގެން އިތުރުން މަޖީދީ މަގު، އާޓިފިޝަލް ބީޗު ސަރަހައްދުގައި ވެސް އެ ކުންފުނީގެ ފޯނު ފިހާރައެއް ހުރެ އެވެ.
އޭނާ ވިދާޅުވީ، އެ ކުންފުނީގެ ފޯނު ވިއްކާ މައި ފިހާރަ އަނދައިގެން ދިޔައިރު، ފިހާރައިގެ މުދާގެ އިތުރުން ވަތަނިއްޔާގެ ކިޓްތަކެއް ވެސް އެ ފިހާރައިގައި ހުންނާނެ ކަމަށެވެ.
އެ ކިޓްތަކުގެ އިތުރުން ވެސް އެތަނުގައި ހުރި ފަރުނީޗަރާއި ސާވިސް ސާމާނުތައް ވެސް ވަނީ އަނދައި އަޅިއަށް ވެފަ އެވެ. އެ ފިހާރައަކީ އެލައިޑް އިންޝުއަރެންސް އިން އިންޝުއާކޮށްފައި ހުންނަ ފިހާރައެކެވެ.
ފުލުހުން ބުނީ ފިހާރައިގެ ބިއްލޫރިގަނޑު ތަޅާލައިގެން ވަދެ އަލިފާން ނިއްވާ ފުޅިއަކުން އަލިފާން ނިއްވޭތޯ މަސައްކަތް ކުރި ކަމަށެވެ. އެހެން ނަމަވެސް އަލިފާންގަނޑު ރޯވެ ފެތުރެމުންދިއުމާ އެކު، އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު އާއި އާއްމުންގެ ވެސް އެހީގައި ވަނީ އަލިފާން ނިންވުމުގެ މަސައްކަތް ފަށައި އަލިފާން ނިންވާލެވުނީ ފަތިހު ގާތްގަނޑަކަށް 40: 5 ހާއިރު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ