ހައުންސިން ފަންޑަށް ފައިސާ ހޯދަން ދޫކުރާ ތިން ރަށުގެ ޕްރީބިޑް މީޓިން އަށް އިންވެސްޓަރުންގެ މާ ބޮޑު ތަރުހީބެއް ނުލިބުނު

ހައުސިން ފަންޑަށް ފައިސާ ހޯދުމަށް ދެވަނަ ފަހަރަށް ބިޑަށް ލާފައިވާ ތިން ރަށުގެ ޕްރީބިޑް މީޓިން ބުދަދުވަހު ޝީ ބިލްޑިންގައި ނިންމާލަން ޖެހުނީ އިންވެސްޓަރުންގެ މާ ބޮޑު ތަރުހީބެއް ނުލިބި އެވެ.
އެކުއިޒިޝަން ކޮސްޓްގެ (ރަށުގެ މިލްކުވެރިކަމުގެ އަގު) ގޮތުގައި ހަތަރު މިލިއަން ޑޮލަރަށް ވުރެ ކުޑަ އަދަދެއް ހުށަނޭޅޭ ގޮތަށް މިފަހަރު ބީލަމަށް ލާފައިވާ ތިން ރަށަކީ ނ. ހުއިވަންޏާއި ރާފުށި އަދި ރ. ދިގައްޔެވެ.
ޕްރީބިޑް މީޓިންގައި ބައިވެރިވުމަށް ހަތަރު ފަރާތަކުން މިނިސްޓްރީގައި ނަން ނޯޓްކޮށްފައި އޮތް ނަމަވެސް އިއްޔެގެ ބައްދަލުވުމުގައި އެއިން އެއްވެސް ފަރާތަކުން ބައިވެރިވެފައެއް ނުވެ އެވެ. އެ ބައްދަލުވުމުގައި ބުދަދުވަހު ބައިވެރިވީ ދެ ކުންފުންޏެއްގެ ހަތަރު މީހުންނެވެ. އޭގެ ތެރެއިން ތިން މީހުންނަކީ ބައްދަލުވުން އިންތިޒާމުކުރުމުގެ ގޮތުން ހަރަކާތްތެރިވި ކުންފުނީގެ ތިން މީހުންނެވެ. އެމީހުން ވަނީ އެތިން ރަށުގެ ބީލަމުގައި ބައިވެރިވުމުގެ ޝައުގުވެރިކަން ވަރަށް ބޮޑަށް ފާޅުކޮށްފަ އެވެ. މިނިސްޓްރީން ބުނި ގޮތުގައި އިއްޔެއާ ހަމައަށް ވިއްކިފައިވަނީ ތިން ރަށަށް އެންމެ ބީލަން ފޮތެކެވެ.
ހުއިވަނި، ރާފުށި، އަދި ދިގަލި ކުއްޔަށް ދެނީ ކޮންމެ ރަށެއްގައި ވެސް 200 އެނދުގެ ރިސޯޓެއް ތަރައްގީކުރުމަށް 25 އަހަރު ދުވަހުގެ މުއްދަތަށެވެ. އަދި ރަށްތައް ދޫކުރަނީ އެނދަކަށް އަހަރަކު އެވްރެޖްކޮށް 2،700 ޑޮލަރަށް ފުރަތަމަ ދިހަ އަހަރު ދުވަހުގެ ކުލި ކޮންޓްރޯލްކޮށްގެންނެވެ. ބިޑިން ޑޮކިޔުމަންޓުގައި ބުނެފައިވާ ގޮތުގައި، އެ ޑޮކިޔުމަންޓުގައި ވަކި ގޮތަކަށް ބަޔާންކޮށްފައި އޮތް ނަމަވެސް ގާނޫނަށް އިސްލާހު އަތުވެއްޖެ ނަމަ އެ އިސްލާހަކާ އެއްގޮތަށް އަމަލުކުރެވޭނެ އެވެ. ޓޫރިޒަމްގެ ބޭނުމަށް 50 އަހަރަށް ރަށްތައް ކުއްޔަށް ދޫކުރެވޭ ގޮތަށް ހަމަޖައްސައި އަދި އެނދު ކުލީގެ ބަދަލުގައި ބިމުން ކުލި ނަގާ ގޮތަށް، ޓޫރިޒަމް ގާނޫނަށް ގެނެސްފައިވާ އިސްލާހަށް އަންނަ ޖެނުއަރީ 1 ވަނަ ދުވަހުން ފެށިގެން އަމަލުކުރަން ފަށާނެ އެވެ.
ޓޫރިޒަމް މިނިސްޓްރީން ބުދަދުވަހު ވަނީ ދެ އިސްލާހެއް ބިޑިން ޑޮކިޔުމަންޓަށް ގެނެސްފަ އެވެ. އިސްލާހު ގެނެސްފައިވަނީ ބީލަމުގައި ބައިވެރިވެ ޝަރުތު ހަމަވެ، ބީލަން ކާމިޔާބުކުރުމުގެ ފުރުސަތު ހޯދާ ހުރިހާ ފަރާތްތަކަކަށް ބީލަން ކާމިޔާބުކުރުމުގެ ފުރުސަތު ލިބޭ ގޮތަށް ހަމަޖެއްސުމަށެވެ. މިގޮތުން ނިންމާފައިވަނީ ބީލަމުގައި އެންމެ މަތީ މާކްސް ހޯދާ ފަރާތުން އެކުއިޒިޝަން ކޮސްޓްގެ ގޮތުގައި ހުށަހަޅާ އަދަދު ދެއްކުމަށް 30 ދުވަސް ދިނުމަށް ފަހު ފައިސާ ނުދައްކައި ނަމަ، ފަހަށް އަންނަ ހުރިހާ ފަރާތްތަކަކަށް ވެސް މާކްސް ހޯދާފައިވާ ތަރުތީބުން ފައިސާ ދެއްކުމުގެ ފުރުސަތު ދެމުން ގެންދިއުމަށެވެ. ބީލަމުގައި ދެވަނަ، ތިން ވަނަ އަދި ހަތަރު ވަނަ އަށް އަންނަ ފަރާތަށް ބީލަން ކާމިޔާބު ކުރުމުގެ ފުރުސަތު ލިބިއްޖެ ނަމަ ފައިސާ ދެއްކުމަށް ދޭން ހަމަޖައްސާފައިވަނީ 15 ދުވަހުގެ މުއްދަތެވެ. ފަސް ވަނަ އަށް ފުރުސަތު ލިބޭ ފަރާތުން ފެށިގެން ފަހަށް އަންނަ ފަރާތްތަކަށް ފައިސާ ދައްކަން ދެނީ ހަތް ދުވަހުގެ މުއްދަތެވެ.
އޮގަސްޓް 29 ވަނަ ދުވަހު ބީލަމަށްލީ މި ތިން ރަށުގެ ބީލަން ފޮތް މި މަހުގެ 29 ވަނަ ދުވަހާ ހަމައަށް ވިއްކާ ގޮތަށް މިނިސްޓްރީން ވަނީ ހަމަޖައްސައިފަ އެވެ. މި ރަށްތަކުގެ ބީލަން ހުޅުވަން ހަމަޖައްސާފައި ވަނީ މި މަހުގެ 30 ގަ އެވެ.
ހުއިވަންޏާއި ރާފުށި އަދި ރ. ދިގަލީގެ ބީލަމުގެ ފުރަތަމަ ބުރުގައި އެކުއިޒިޝަން ކޮސްޓްގެ ގޮތުގައި 7.1 މިލިއަން ޑޮލަރު ކޮންމެ ރަށަކަށް ވެސް އިންވެސްޓަރުން ހުށަހެޅި އެވެ. އޭގެ ތެރެއިން ދެ ރަށެއްގެ ބީލަން، ބާތިލުކުރީ އެންމެ މަތީ މާކްސް ހޯދި ފަރާތްތަކުން ފައިސާ ނުދެއްކުމުގެ ސަބަބުންނެވެ. އަނެއް ރަށުގެ ބީލަން ބާތިލުކުރީ، ހުށަހަޅާފައިވާ އަގުތަކާ މެދު މިނިސްޓްރީން ހިތްހަމަނުޖެހިގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ