ޕާކިސްތާނަށް އެހީވާނެ ފައިސާ ހޯދަން ބޭރުގެ އެއްވެސް ބަޔަކަށް ހުއްދަ ދީފައެއް ނުވާނެ: އިސްލާމިކް މިނިސްޓްރީ

ޕާކިސްތާނުގެ ބައެއް ސަރަހައްދުތަކުގައި ފެންބޮޑުވުމުގެ ސަބަބުން ހާލުގައި ޖެހިފައިވާ މީހުންނަށް އެހީވުމަށްޓަކައި ރާއްޖެ އިން ފައިސާ އެއްކުރުމަށް ބޭރުގެ އެއްވެސް ބަޔަކަށް ހުއްދަ ދީފައިނުވާނެ ކަމަށް އިސްލާމިކް މިނިސްޓްރީން މިއަދު ބުނެފި އެވެ.
ޕާކިސްތާނަށް އެހީވުމުގެ ނަމުގައި ގޭގެ އަށް ހިނގައިގެން ފައިސާ ނަގަމުންދާ، ޕާކިސްތާން ބަޔަކު މާލެ ތެރޭގައި ހަރަކާތްތެރިވަމުން ދިއުމާ ގުޅޭ ގޮތުން، އެ މިނިސްޓްރީއާ ސުވާލުކުރުމުން، އެ ތަނުން ބުނީ އެއީ އެ މިނިސްޓްރީން ހުއްދަ ދީގެން ކުރާ ކަމެއް ނޫން ކަމަށެވެ.
"އެ ގޮތަށް ގޭގެއަށް ހިނގައިގެން ފައިސާ ހޯދުމަށް މި މިނިސްޓްރީން އެއްވެސް ބަޔަކަށް ހުއްދައެއް ދީފައެއް ނޯންނާނެ. އެފަދަ ލިޔުމެއް ވެސް މި ތަނަކުން ނުދެން. އެ ގޮތަށް ފައިސާ ނަގަމުން ދަނީ އަޅުގަނޑުމެންނަށް އެނގިގެނެއް ނޫން،" އެ މިނިސްޓްރީގެ އެސިސްޓެންޓް ޑިރެކްޓަރު އަހްމަދުﷲ ޖަމީލު މިއަދު ވިދާޅުވި އެވެ.
ނަމަވެސް މާލޭގެ މަގުތަކުގައި ފޮތިގަނޑެއް ހިފައިގެން ފައިސާ އެއްކުރަމުންދާ ޕާކިސްތާން ބަޔަކު އުޅޭކަމުގެ މައުލޫމާތު ބައެއް ފަރާތްތަކުން ވަނީ "ހަވީރަ"ށް ދީފަ އެވެ. އެމީހުން ބުނާ ގޮތުގައި އެގޮތަށް ފައިސާ ޖަމާކުރަމުން ދަނީ އިސްލާމިކް މިނިސްޓްރީގެ ހުއްދައާ އެކުގަ އެވެ.
"މި މިނިސްޓްރީން އޮންނާނެ ޕާކިސްތާން ބަޔަކަށް ލިޔުމެއް ދީފައި، އެ މީހުންނަކީ އިންސާނިއްޔަތަށް މަސައްކަތްކުރާ ބައެއް ކަން އަންގައިދޭން. އަޅުގަނޑުމެން އެ ލިޔުން ދިނީ މާލޭގައި ހުންނަ ޕާކިސްތާން އެމްބަސީން މި ތަނަށް ހުށަހެޅި ލިޔުމެއްގެ މައްޗަށް ބިނާކޮށް. އެ މީހުންނަކީ އިންސާނިއްޔަތަށްޓަކައި މަސައްކަތްކުރާ ކަމުގެ ލިޔުމެއް ދީފައި އޮންނާނީ. ފައިސާ ނަގަން ހުއްދައެއް ދީފައެއް ނޯންނާނެ،" އަހްމަދުﷲ ވިދާޅުވި އެވެ.
މާލެ އައިސް އުޅޭ ޕާކިސްތާންގެ ދެ މީހަކު އިއްޔެ މާލޭގެ ބައެއް މިސްކިތްތަކުގައި ފައިސާ އެއްކުރުމުގައި ހަރަކާތްތެރިވި އެވެ.
"އިއްޔެ އަސްރު ގަޑީގައި އަޅުގަނޑަށް ދިމާވީ ބަންޑާރަ މިސްކިތުން ޕާކިސްތާނުގެ ދެ މީހަކާ. އެ ދެ މީހުން ތިބީ ފޮތިގަނޑެއް ހިފައިގެން. ދެން މިސްކިތުން ނިމިގެން ފޭބި މީހުން އެ ފޮތިގަނޑަށް ފައިސާ އަޅަމުން ދިޔައީ. ބައެއް މީހުން 5ރ، 10ރ، 20ރ. ވެސް އެ އަށް އެޅި. މުދިމު ވެސް އަޑުގަދަކުރާ އިން ގޮވި އެއީ ހުއްދަ ލިބިގެން އެކަން ކުރަމުންދާ ބައެކޭ. އެއީ ޕާކިސްތާން ބައެކޭ ވެސް ގޮވި. އެހެންވެ އަޅުގަނޑު ވެސް އެއަށް 20ރ. ވައްޓާލިން. އެ މީހުން ތިބި ސުބްހާނަﷲ ކިޔާލަ ކިޔާލަ،" އިއްޔެ ބަންޑާރަ މިސްކިތަށް ނަމާދަށް އެރި މީހަކު "ހަވީރަ"ށް ކިޔައިދިނެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ ޕާކިސްތާނަށް އެހީވުމުގެ ނަމުގައި ފައިސާ ހޯދުމުގައި ނަހަމަ ކަންތައްތަކެއް ހިނގަމުންދާ ކަމަށެވެ. އެ ގޮތުން ކާކުކަން ނޭނގޭ ބައެއް މީހުން މިސްކިތްތަކުގައި ފޮށި ބަހައްޓައިގެން ވެސް ފައިސާ އެއްކުރަމުންދާ ކަން ފާހަގަކޮށް އެކަން ނުކުރުމަށް އެ މިނިސްޓްރީން އެދުނެވެ.
"ބައެއް މީހުން މިސްކިތުގައި ފޮށި ބަހައްޓައިގެން ލާރި ނަގަނީ. އޭގެ ތެރޭގައި އެއީ ކޮން ބައެއް ކަން ނޭނގޭ މީހުން ވެސް އެބަ ފޮށި ބަހައްޓާ. އެފަދަ މީހުން އެކަން ކޮށްގެން ނުވާނެ. މި ތަނުން ހުއްދަ ދޭ ބަޔަކު އެގޮތަށް ފޮށި ބަހައްޓަންވާނީ. ކޮން ބައެއްކަން ނޭނގި ފޮށި ބަހައްޓާ މީހުންނަށް ފައިސާ ނުދިނުމަށް ވެސް އިލްތިމާސްކުރަން. އަދި އެކަން ކުރާ މީހުން މިސްކިތުގައި އެކަން ނުކުރުމަށް ވެސް އަޅުގަނޑުމެން އިލްތިމާސްކުރަން،" އަހްމަދުﷲ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ