ނާސިރުގެ ނަންފުޅުގައި ހުރި މުދަލާއި ގޯތިތައް ބަހައިދޭން އެދެފި

ކުރީގެ ރައީސް އިބްރާހިމް ނާސިރުގެ ނަންފުޅުގައި ހުރި ނަމަ ހުރި އެއްޗެއް ތަރިކަ މުދާ ބަހާ އުސޫލުން ބަހައިދެވޭނެ ކަމަށް ސިވިލް ކޯޓުން ބުދަ ދުވަހު ބުނެފި އެވެ.
ރައީސް ނާސިރުގެ ނަންފުޅުގައި ހުރި ތަކެތި ދަރިންގެ މެދުގައި ބަހައިދިނުމަށް ނާސިރުގެ ދަރިކަލުން އަހުމަދު ނާސިރުގެ ވަކީލު ޝަރީއަތުގައި ބުދަ ދުވަހު ވަނީ އެދިވަޑައިގެންފަ އެވެ.
ނާސިރުގެ ތަރިކަ ހޯދުމުގެ މައްސަލަ ސިވިލް ކޯޓަށް ވައްދަވާފައިވާ އެމަނިކުފާނުގެ ދޮށީ ދަރިކަލުން އަހުމަދު ނާސިރުގެ އިތުރުން ދެން ތިއްބަވަނީ އިސްމާއިލް ނާސިރާއި އައިޝަތު ނާސިރެވެ.
އަހުމަދު ނާސިރުގެ ބަދަލުގައި ކޯޓަށް ވަޑައިގެންނެވި ޏ. އަލީ ޝަރީފްގެ ވަކީލު ޝަރީއަތުގައި ވިދާޅުވީ ނޮވެމްބަރު ،22 2008 ގައި ނާސިރު އަވަހާރަވެފައިވާ ކަމަށާއި އެހެންކަމުން ނާސިރުގެ ނަންފުޅުގައި ހުރި ނަމަ ހުރި އެއްޗެއް ނާސިރުގެ ދަރިންގެ މެދުގައި އިސްލާމީ ޝަރީއަތާ އެއްގޮތަށް ކޯޓުން ބަހައިދިނުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
ވަކީލު ވިދާޅުވީ ނާސިރުގެ މައްޗަށް ހައި ކޯޓުން ހުކުމްކުރުމުން ނާސިރުގެ ގޯތިތަކުގެ ތެރެއިން ދައުލަތަށް ނަގާފައި ވަނީ ބައެއް ގޯތިތައް ކަމަށެވެ. އަދި ބައެއް ގޯތިތައް ނެގުމަށް އެއްވެސް ފިޔަވަޅެއް އަޅާފައިނުވާ ކަމަށާއި އޭގެ ތެރެއިން ބައެއް ތަންތަން އަދިވެސް ހުރީ ނާސިރުގެ ނަންފުޅުގައި ކަމަށް އޭނާ ވިދާޅުވި އެވެ. ނާސިރުގެ ނަންފުޅުގައި ހުރި ގޯތިތަކަކީ، ވަކީލު ވިދާޅުވި ގޮތުގައި، މެދުޒިޔާރަތް މަގުގައި އޮތް ހަ ނަންބަރު ގޯއްޗާއި އަށް ނަންބަރު ގޯއްޗާއި އެ ގޯތިތަކުގައިވާ އެންމެހައި އިމާރާތްތަކާއި ނޫރާނީ ގޯޅީގައި ހުރި ކްރެސަންޓް ގުދަނާއި އިމާރާތާއި ތަކެއްޗެވެ.
ވަކީލު ވިދާޅުވީ ނާސިރުގެ ޕެންޝަންގެ ގޮތުގައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ އެކައުންޓެއްގައި 21،312.39 1،9ރ. ހުރި ކަމަށެވެ. އަދި ނާސިރުގެ ބައެއް ގޯތިތައް ދައުލަތަށް ނެގުމަށް ފަހު ބައެއް ގޯތިތަކަށް ބަދަލުގެ ގޮތުގައި ފައިސާ ދީފައިވާ ކަމަށާއި އެ ފައިސާ ޖަމާކޮށްފައި ވަނީ ސްޓޭޓް ބޭންކް އޮފް އިންޑިއާގައި ނާސިރުގެ ނަންފުޅުގައި ހުޅުވާފައިވާ 256 ނަންބަރު އެކައުންޓަށް ކަމަށް ވަކީލު ވިދާޅުވި އެވެ. ނަމަވެސް އެ އެކައުންޓުގައި ހުރި ފައިސާގެ އަދަދު އެނގިވަޑައިނުގަންނަވާ ކަމަށް އޭނާ ވިދާޅުވި އެވެ.
މައްސަލަ ބައްލަވާ ގާޒީ އަލީ ރަޝީދު ހުސެއިން ވިދާޅުވީ ނާސިރުގެ ނަންފުޅުގައި ހުރި ތަކެތި ތަރިކަ މުދަލުގެ ގޮތުގައި ބެހުމުގެ އިތުރުން، އެމްއެމްއޭ އާއި އިންޑިއާ ބޭންކުގައި ނާސިރުގެ ނަމުގައި ފައިސާއެއް ހުރި ނަމަ ކޯޓަށް އެ ފައިސާ ވެސް ގެންނާނެ ކަމަށެވެ.
މައްސަލައިގެ އަޑުއެހުން ނިންމާލައްވަމުން ގާޒީ ވިދާޅުވީ މިއީ ތަރިކައިގެ މައްސަލައެއް ކަމުން މައްސަލަ ކުރިއަށް ގެންދެވޭނީ އިސްމާއިލް ނާސިރާއި އައިޝަތު ނާސިރު ވެސް ކޯޓަށް ވަޑައިގެން ނުވަތަ އެ ދެ ބޭފުޅުންގެ ފަރާތްޕުޅުން ބަދަލު ހަމަޖައްސަވައިގެން ކަމަށެވެ. އެހެންކަމުން އެކަންތައްތައް ހަމަޖެއްސުމަށް ގާޒީ އެދިވަޑައިގަތެވެ.
ރައީސް ނާސިރުގެ ބިމާއި މުދާތައް ދައުލަތަށް ނެގި މައްސަލަ ވެސް އެމަނިކުފާނުގެ އާއިލާގެ ފަރާތުން ވަނީ ސުޕްރީމް ކޯޓަށް ހުށަހަޅައިފަ އެވެ. އެކަމަކު އެކަން ނުބެލޭނެ ކަމަށް ބުނެ ސުޕްރީމް ކޯޓުން ނާސިރުގެ އާއިލާ އަށް ސިޓީއެއް ފޮނުވާފައިވާ ކަމަށްވެ އެވެ. ނަމަވެސް އެ ސިޓީގެ އެއްވެސް ތަފުސީލެއް ލިބިފައެއް ނުވެ އެވެ.
ނާސިރުގެ ބިމާއި މުދާ ނެގުމަށް ހައި ކޯޓުން މީގެ 25 އަހަރު ކުރިން ކޮށްފައިވާ ހުކުމުގައި ބުނެފައި ވަނީ ދައުލަތުގެ ފައިސާ އަށް ނާސިރު ހިޔާނާތްތެރިވެފައިވާކަން ސާބިތުވާ ކަމަށެވެ. އަދި އެ ފައިސާ ހަ މަސް ދުވަހުގެ ތެރޭގައި އަނބުރާ ދައުލަތަށް ހަވާލުކުރުމަށް ވެސް ނާސިރުގެ މައްޗަށް ހައި ކޯޓުން އޭރު، އެމަނިކުފާނުގެ ޣައިރު ހާޒިރުގައި، ހުކުމްކުރި އެވެ.
ހައި ކޯޓުގެ އެ ހުކުމުގައި ވަނީ ނާސިރު ހިޔާނާތްވި ފައިސާ ހަ މަސް ދުވަހުގެ ތެރޭގައި ނުދައްކައިފި ނަމަ ނާސިރުގެ ތަންތަނާއި ތަކެތީގެ ތެރެއިން ދައުލަތަށް ބޭނުންވާ ތަކެތި ވިއްކާލުމުގެ ހުއްދަ ދައުލަތަށް ދީފަ އެވެ. އަދި ބޭންކުތަކާއި މަނިޓަރީ އޮތޯރިޓީގައި ހުރި ނާސިރުގެ އެކައުންޓްތަކުގައި ހުރި ފައިސާ ވެސް ނަގައި ދަރަނި ހަމަޖެއްސުމަށް ވަނީ ހުކުމްކޮށްފަ އެވެ.
މީގެ އިތުރުން ދައުލަތުގެ ފައިސާ އަށް ހިޔާނާތްތެރިވެފައިވާތީ 25 އަހަރަށް ރައީސް ނާސިރު އަރުވާލުމަށް ވެސް ހައި ކޯޓުން ހުކުމްކޮށްފައިވެ އެވެ. އެކަމަކު ރާއްޖޭގެ މިނިވަންކަމުގެ ރިހި ޔޫބީލް މުނާސަބަތުގައި 1990 ވަނަ އަހަރު އޭރުގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވަނީ އެ ހުކުމް މައާފުކޮށްދެއްވައިފަ އެވެ.
ރާއްޖޭގެ ރައީސް ކަމުގައި 10 އަހަރު ހޭދަކުރެއްވުމަށް ފަހު ޑިސެމްބަރު 1978 ގައި ނާސިރު ރާއްޖެ ދޫކުރައްވާ ސިންގަޕޫރަށް ވަޑައިގެންނެވީ މައުމޫން ރައީސް ކަމާ ހަވާލުވެވަޑައިގެންނެވިތާ މަހެއް ވެސް ނުވަނީހެވެ. އޭގެ ފަހުން އެމަނިކުފާނު ރާއްޖޭގެ ފަސްގަނޑުގައި ފައިންޕުޅު ބީއްސާލައްވާފައެއް ނުވެ އެވެ. މައުމޫންގެ 30 އަހަރުގެ ވެރިކަން ނިމި މުހައްމަދު ނަޝީދު ވެރިކަމަށް ވަޑައިގެންނެވިތާ ދެ ހަފުތާގެ ތެރޭގައި ސިންގަޕޫރުގައި އަވަހާރަވުމުން އެމަނިކުފާނުގެ ހަށިކޮޅު ރާއްޖެ ގެނެސް ހުކުރު މިސްކިތު ގޯތިތެރޭގައި ވަނީ ފަސްދާނުލާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ