ޔާމީން ރަޝީދު މަރާލި މައްސަލަ: ކުށް ސާބިތުވި މީހުން މައްސަލަ އިސްތިއުނާފުކޮށްފި

އަނިޔާވެރި ގޮތަކަށް މަރާލި ބްލޮގާ ޔާމީން ރަޝީދު މަރާލި ކަމުގެ ކުށް ސާބިތުވި ދެމީހުންގެ އެ ހެކުމް އިސްތިއުނާފު ކޮށްފިއެވެ.
މި މައްސަލާގައި ދައުލަތުން ދައުވާ އުފުލީ ހ. އަންނާރުމާގޭ އިސްމާއިލް ހައިޝަމް ރަޝީދާއި، މ. ކޮޅުފުށީ އީސްޓް ހުސައިން ޒިޔާދާއި، މ. ތާއިފް އިސްމާއިލް ރަޝީދާއި، މ. ކުދެހިގެ ހަސަން ޝިފާޒާއި، ގދ. ގައްދޫ ސިންދުބާދުގޭ މުހައްމަދު ދިފްރާނުގެ އިތުރުން މ. އިރާސްމިކުގެ އަހުމަދު ޒިހާން އިސްމާއިލްގެ މައްޗަށެވެ. އެ މީހުންގެ މައްޗަށް ކުރީ ތޫނު އެއްޗެއް ބޭނުން ކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާއެވެ.
މިމައްސަލައިގައި އިސްމާއިލް ހައިޝަމް ރަޝީދުއާއި، އަހުމަދު ޒިހާންގެ މައްޗަށް ތޫނު އެއްޗެއް ބޭނުންކޮށްގެން ޤަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ ސާބިތުވާކަމަށް ކަނޑައަޅުއްވައި، އިސްމާއިލް ހައިޝަމް ރަޝީދުއާއި، އަހުމަދު ޒިހާން އުމުރަށް ޖަލަށްލުމާއެކު، ޔާމީންގެ ރަޝީދުގެ މަރުގެ ދިޔައިގެ ގޮތުގައި -/1،333،333 ޔާމީން ރަޝީދުގެ އާއިލާއަށް ދިނުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައިވެއެވެ.
ކްރިމިނަލް ކޯޓުގެ އެ ހުކުމް އެ މީހުން އިސްތިއުނާފު ކޮށްފައިވަނީ މި ހަފްތާގެ ތެރޭގައެވެ.
މީގެއިތުރުން މިމައްސަަލައިގައި ހިމެނޭ މުހައްމަދު ދިފްރާންއާއި, އިސްމާއިލް ރަޝީދުގެ މައްޗަށް ކުށް ސާބިތު ނުވުމުން، އެ ނިންމުން ދިވެހިރާއްޖޭގެ ހައި ކޯޓުގައި ޕީޖީން ވަނީ އިސްތިއުނާފު ކޮށްފައެވެ.
ޔާމީން ރަޝީދު މަރާލީ 2017 އޭޕްރިލް 23 ވަނަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައެވެ. އޭނާ މަރާލީ އޭނާ ދިރިއުޅޭ ގޭގެ ސިޑި ގޮޅި ތެރޭގައެވެ. މި މައްސަލަ، މަރުތައް ތަހުގީގުކުރުމަށް ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ ރިޔާސީ ކޮމިޝަނުންވެސް އަންނަނީ ތަހުގީގުކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ