މިހާލަތުގައިވެސް ތައުބާވުމަށް އެދޭ މީހާ މިކަންކަމަށް ވިސްނައިލި ނަމަވެސް ފުދި އިތުރުވާނެއެވެ!: ޝައިޚް އާދަމް ނިޝާން

ޢާލަމީ ވަބާއެއްގެ ގޮތުގައި ކޮރޯނާ ވައިރަސް މުޅި ދުނިޔެއަށް ފެތުރިގެންދާއިރު އިންސާނާގެ ނިކަމެތިކަން ނިކަން ދެކި ބަލާށެވެ! ތަނަވަސްކަން ހުރުމުން އަމިއްލަ ހޮސްޕިޓަލްތައް އަޅައިގެން ތިބި، ވަސައިގެން ޑޮކްޓަރުން ބައިތިއްބައިގެން ފަރުވާ ހޯދަމުންދާ އެތައް މަހުޖަނުންނާއި އާރާއި ބާރު ހުރި އެތައް ބައަކު އެދަނީ ކޮރޯނާ ވައިރަސްގެ ޝިކާރައަކަށްވަމުންނެވެ. 
ޤައުމުތަކުގެ އެންމެ އިސްވެރިން އިން ފެށިގެން އެންމެ މަޝްހޫރުކަން ހޯދައިގެން ތިބި މީހުންވެސް އެވަނީ ލޮލަށް ނުފެންނަ ވައިރަސްއެއްގެ ސަބަބުން ބަލިމަޑުކަމުގެ ތެރެއަށް ވެއްޓިފައެވެ. މިކަންކަމުން އެނގިގެން މިދަނީ ﷲ ތަޢާލާއީ ކޮންމެ ކަމަކަށް ކުޅަދުންވަންތަ އިލާހް ކަމެވެ. ހުރިހާ ކަމެއްގެ ހުރިހާ ބާރުތަކެއް ލިބިވޮޑިގެންވަނީ ﷲ ތަޢާލާއަށް ކަމެވެ. 
ކަން މިހެން އޮތުމުން އަޅުގަނޑުމެންގެ ނަފުސްތަކުގެ ނިކަމެތިކަމާއިމެދު ނުވިސްނަނީ ކީވެގެންތޯ މިއީ މިއަދު ކުރަންޖެހިފައިވާ ސުވާލެކެވެ! 
ބައެއް މީހުންނަށް ތަނަވަސްކަމާ އާރާއި ބާރު ލިބުމުން ތިމާޢަކީ ހުރިހާ ބާރުތަކެއް ލިބިގެންވާ މީހަކު ކަމަށް ޤަބޫލުކުރެވި ތިމަންނާއަކީ އިލާހެއް ކަމަށް ޤަބޫލުކުރެވޭ ޙާލަތަށް މީހާގެ ވިސްނުން ދެއެވެ. 
ނަމަވެސް އޭނާގެ ފެށުންވެސް ވަނީ ނިކަމެތިކަމުގައެވެ. އަދި އޭނާގެ ނިމުންވެސް ވަނީ ނިކަމެތިކަމުގައެވެ. އަދި ކީއްހެއްޔެވެ؟ އޭނާ، އޭނާގެ ވެރި ރައްބާއި ބައްދަލުކުރަން ދާހިނދު އޭނާ ވާނީ ނިކަމެތި މަޚްލީޤެއްގެ ގޮތުގައެވެ. 
ކަން މިހެން އޮތް ނަމަވެސް ﷲ ތަޢާލާ ދެއްވި ބުއްދި އާއި ބުއްދީގެ ބޭނުންކޮށްގެން ލިބޭ ތަރައްޤީ އާއި ތަހުޒީބު ލިބުމުން އެމީހުންގެ ހިތްތައް އެންމެ މައްޗަށް އަރައިގެން ގޮސް އެމީހުން މިވަނީ ﷲ އަށް ކާފިރުވެފައެވެ. 
ﷲ ތައާލާ ވަޙީކުރައްވަވާފައިވަނީ އިންސާނާ ބަލިކަށިކަމުގެ ތެރެއިން އުފެއްދެވި އިލާހަކީ ތިމަން ﷲ ކަމަށެވެ. އެކަމުގެ ތެދުކަން ނިކަން ދެކެބަލާށެވެ! އިންސާނާގެ ނިކަމެތިކަން ނިކަން ދެކެބަލާށެވެ! ޠަބީޢީ ގޮތަށް ބަލައިފިނަމަ އިންސާނާ އުފެދިގެން އަންނަނީ ބައްޕަގެ ކުޑަކަމުދާ ގުނަވަނުން ނުކުންނަ ފެންތިއްކަކުންނެވެ. ދުނިޔެއަށް އުފަންވަނީ މަންމަގެ ކުޑަކަމުދާ ގުނަވަމުންނެވެ. ވީއިރު އިންސާނުންނަކީ މިހައިވެސް ނިކަމެތި ބައެކެވެ.  
އަދި ކީއްހެއްޔެވެ؟ ހިނގައިގަނެވެނީވެސް އެތައް ދުވަހެއް ފަހުންނެވެ. އެއިގެ ފަހުން މީހަކަށްވެ ކަމެއް ކުރެވޭވަރުވަނީވެސް އެތައް ދުވަހެއް ފަހުންނެވެ. ނަމަވެސް ދުނިޔޭގައި އުޅުމުގެ އާރާއި ބާރުލިބުމުން ގުންފައިޖަހާފައި ހިނގާއުޅޭއިރު ޤަބޫލުކުރެވޭނީ ފަރުބަދަތަކަށްވުރެ އިސްކޮޅު ދިގުކަމަށެވެ. އާރާއި ބާރުލިބުމުން ﷲ ތައާލާގެ އަމުރުފުޅުތަކަށް ފުރަގަސްދީފައިދާއިރު އިންސާނާގެ މިނިކަމެތިކަން އަމިއްލައަށް ދެނެގަންނަން ޖެހެއެވެ. 
- ޝައިޚް އާދަމް ނިޝާންގެ ދަރުސަކުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ