ރޭޕް ކޭސްތަކާ ގުޅިގެން ހުރި ކަންބޮޑުވުންތައް ވީއޯސީން ރައީސަށް ހުށަހަޅައިފި

ކުޑަކުދިންނާއި އަންހެނުންނަށް ކުރާ ޖިންސީ ގޯނާ އާއި ފުރައްސާރައިގެ މައްސަލަތައް މިދުވަސްވަރު ގިނަވުމާ ގުޅިގެން ހުރި ކަންބޮޑުވުންތައް ވޮއިސް އޮފް ޗިންލްޑްރެން (ވީއޯސީ) އިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ހުށަހަޅައިފިއެވެ.
ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ ވެސް ބައިވެރިވެވަޑައިގެންނެވި ބައްދަލުވުމާ ގުޅޭގޮތުން ވޯއީސީން ބުނީ ކުޑަކުދިންގެ ހައްގުތަކާއި މިދުވަސްވަރު ރާއްޖޭގައި ޖިންސީ ގޯނާގެ މައްސަލަތައް އިތުރުވެފައިވާތީ އެކަމާ ގުޅިގެން ހުރި ޝަކުވާތައް ރައީސާ ހިއްސާކޮށްފައިވާ ކަމަށެވެ. އަދި ރައީސް ވަރަށް ގާތުން އެޖަމިއްޔާގެ ކަންބޮޑުވުންތައް އަޑުއެއްސެވި ކަމަށް ވީއޯސީން ބުންޏެވެ.
"ރައީސް އަޅުގަނޑުމެންގެ ކަންބޮޑުވުންތައް އެއްސެވި، އަދި ކަމާ ގުޅުންހުރި އިދާރާތަކާ ގުޅިގެން މައްސަލަތައް ހައްލު ކޮށްދެއްވާނެ ކަމުގެ ޔަގީންކަން ދެއްވި،" ވީއޯސީން ބުންޏެވެ.
ޖިންސީ ގޯނާގެ މައްސަލަތަކުގައި އެދެވޭ އިންސާފެއް ނުލިބޭ ކަމަށްބުނެ ވީއޯސީން އަންނަނީ މުޒާހަރާ ކުރަމުންނެވެ. އެގޮތުން މުޒާހަރާތަކުގައި ބައެއް ބައިވެރިން އަންނަނީ ޖިންސީ ގޯނާގެ ޝިކާރައަކަށްވެ، ދިމާވި ހިތްދަތި ހާދިސާތައްވެސް ހިއްސާ ކުރަމުންނެވެ.
ޖެންޑާ މިނިސްޓަރު ވަނީ ޖިންސީ ގޯނާ ފަދަ ކުށުގައި އަންހެނުންނާއި ކުޑަކުދިން ރައްކާތެރިކޮށް ހިމާޔަތްކޮށްދިނުމަށް އޮތް ދައުލަތުގެ ނިޒާމު ފެއިލްވެފައި އޮންނަތާ އެތައް ދުވަހެއްވެފައިވާތީ، އެ މައްސަލައަށް އަވަސް އިސްލާހުތަކެއް އަންނަން ޖެހޭ ކަމަށް ވިދާޅުވެފައެވެ.
ސަފާރީއެއްގައި އަންހެނަކު ރޭޕްކުރި ކަމަށް ބުނާ މައްސަލައިގައިވެސް ވީއޯސީން ވަނީ އަޑުއުފުލައިފައެވެ. އެ މައްސަލައަށް ނުފޫޒު ވަދެފައިވާ ކަމަށްބުނެ، އެ މައްސަލައިގައި އިންސާފު ނުލިބިދާނެތީ ގިނަ ފަރާތްތަކަކުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެ މައްސަލައިގެ ފަހުން ވަރަށް ގިނަ ފަރާތްތަކަކުން އަންނަނީ ސޯޝަލް މީޑިއާ މެދުވެރިކޮށްވެސް ޖިންސީ ފުރައްސާރައިގެ ހާދިސާތައް ހިއްސާ ކުރަމުންނެވެ.
މި ފަހުން ޖިންސީ ގޯނާގެ ވަރަށް ގިނަ ކޭސްތަކެއް އަންނަނީ ފެންމަތިވަމުންނެވެ. އެގޮތުން ހާއްސަ އެހީއަށް ބޭނުންވާ ކުއްޖަކު ރޭޕްކޮށް، ބަނޑުބޮޑުވުމުގެ ސަބަބުން އެކުއްޖާގެ ޅިޔަނު ވަނީ މިދިޔަ ހަފުތާގައި ހައްޔަރުކޮށްފައެވެ. އިތުބާރު ހުރި މަގާމެއްގައި ހުރެ 13 އަހަރުގެ އަންހެން ކުއްޖަކު ރޭޕްކޮށް، ބްލެކްމެއިލް ކުރި މައްސަލައިގައި އިއްޔެ ވަނީ މީހަކު ހައްޔަރުކޮށްފައެވެ. އަދި ކޯޓުން ބޭރުގައި ކައިވެނިކޮށް ރޭޕްކުރި މައްސަލައެއްގައި 23 އަހަރުގެ ފިރިހެނަކު މިއަދު ވަނީ ހައްޔަރުކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ