ފަގީރުންގެ ދަފްތަރުގައި ރަޖިސްޓްރީވުމަށް ހުޅުވާލައިފި

މިދިޔަ އަހަރުގެ މުދަލު ޒަކާތް ބެހުމަށްޓަކައި ފަގީރުންގެ ދަފުތަރު މުރާޖައާ ކުރުމުގެ ގޮތުން އެ ދަފުތަރުގައި ރަޖިސްޓްރީވާން އިސްލާމިކް މިނިސްޓްރީން ހުޅުވާލައިފި އެވެ.
މި ފުރުސަތަކީ މިހާރު އޮތް ފަގީރުންގެ ލިސްޓުގައި ރަޖިސްޓްރީވެފައި ނުވާ ފަރާތްތަކަށް ހުޅުވާލި ފުރުސަތެއް ކަމަށާއި އަދި މި އަހަރުގެ ފިތުރު ޒަކާތް ބެހިއިރު ފަގީރުންގެ ދަފުތަރުގައިވާ ފަރާތްތަކުން އަލުން ރަޖިސްޓްރީވާން ނުޖެހޭނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.
އެހެންކަމުން މާދަމާއިން ފެށިގެން މި މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ފަގީރުންގެ ދަފުތަރުގައި ރަޖިސްޓްރީ ވާން ހުޅުވާލާފައިވާ ކަމަށް މިނިސްޓްރީން މައުލޫމާތު ދެއެވެ.
މީގެ އިތުރުން ފަގީރުންގެ ދަފުތަރުން އުނިވާން ބޭނުންވާ ފަރާތްތަކުންނާއި، ދިރިއުޅޭ ރަށް ބަދަލުވެ މިހާރު ދިރިއުޅޭ ރަށުގެ ދަފުތަރަށް ބަދަލުވުމަށް އެދޭނަމަ އެ ކަން ބަޔާންކޮށް ސިޓީއަކުން އިސްލާމިކް މިނިސްޓްރީއަށް ހުށަހެޅުމަށް އެ މިނިސްޓްރީން އެދިފައިވެ އެވެ.
މާލެ ސިޓި ފިޔަވައި އެހެން ރަށްރަށުގައި ފޯމު ބަލައިގަތުމުގެ އިންތިޒާމު ހަމަޖެހިފައި ވަނީ އެ ރަށެއް ނުވަތަ ސިޓީއެއްގެ ކައުންސިލުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ