ގުބާރު 9

ސާރާ އަތުގެ ނުފުށުން ކަރުނަތައް ފޮހެލުމަށްފަހުގައި މަލާޒަށް މެސެޖެއް ކުރިއެވެ. މާގިނަ އިރުތަކެއް ނުވެ އޭނާ ވެސް އެތަނަށް އައެވެ. މަލާޒު ފެނުމާއެކު، އޭނާ ދުވެފައި ގޮސް މަލާޒު ގައިގައި އޮޅުލައިގަތެވެ. އަދި ވަރަށް އަސަރާއެކު ރޯން ފެށިއެވެ. އަފީފުގެ މަރުގެ ހަބަރު މާގިނަ އިރުތަކެއް ނުވެ މީޑިއާތަކުގައި ފެންމަތި ވިއެވެ. އޭނާގެ މަރުގެ ހަބަރާއެކު އޭނާގެ އާއިލާގައި ތިބި މަދު ބަޔަކުވެސް ހޮސްޕިޓަލަށް އައެވެ. އަފީފުގެ ޖަނާޒާގެ ހުރިހާ ކަމެއް ނިމެންދެން މަލާޒު އެތަނުގައި ހަރަކާތްތެރިވިއެވެ. އަފީފުގެ އާއިލާގެ އެކަކުވެސް ސާރާ އަކާއި ވާހަކައެއް ނުދެއްކިއެވެ. ސާރާ ހަނދާންވީ އަފީފު، އޭނާގެ އާއިލާއާއި ގުޅޭގޮތުން ސާރާ ގާތު ބުނެފައިވާ ވާހަކަތަކެވެ. އެހެންކަމުން ސާރާވެސް މާބޮޑަކަށް އަފީފުގެ އާއިލާ މީހުންނާއި ވާހަކަ ދައްކާކަށް މަސައްކަތެއް ނުކުރެއެވެ.
ޖަނާޒާގެ ކަންކަން ނިމިގެން މަލާޒު، ސާރާ ގެއަށް ލައިދޭން ދިޔައެވެ. އެތައް ދުވަހެއް ފަހުން އެ އެޕާޓްމަންޓަށް މަލާޒަށް ވަދެވުމާއެކު، އޭނާ ހުރީ ތަންކޮޅެއް އައު ވެފައެވެ. އެތެރެއަށް ވަދެވުމާއެކު ދެމީހުން އެކަކު އަނެކަކަށް އަނގައިން ނުބުނެ ހަމަ ހިމޭން ކަމުގައި އެތައް ވަގުތެއް ހޭދަވިއެވެ. އެވަގުތު ސާރާގެ ފޯނު ރިންގުވާން ފެށިއެވެ. ދަބަހުން ފޯނު ނަގައި ބަލާލިއިރު އެކޮޅުން ގުޅަނީ ސާރާގެ ސުޕަވައިޒަރެވެ. ސާރާ ކަރުކެހިލާފައި، ހަމަޖެހިލައިގެން ސޯފާގައި އިށީނުމަށްފަހު ފޯނު ނެގިއެވެ. "ސާރާ!." އޭނާގެ ސުޕަވައިޒަރު ހުޝާމް ވާހަކަ ދެއްކިއެވެ. "ކީއްވެ އެއްވެސް ވާހަކައެއް ނުބުނީ؟. ބުނިނަމަ އަހަރެން ސާރާއަށް ކޮންމެވެސް ކަހަލަ ރިލީޒެއް ހަމަޖައްސަދިނީސް. މިހާރުވެސް ބޭނުމިއްޔާ ހަމަ ޖެހޭނެ އިނގޭ." ހުޝާމަކީ އޭނާގެ ދަށުން މަސައްކަތް ކުރާ މުވައްޒަފުންނަށް ވަރަށް ކަމޭހިތާ، އެމީހުންނަށް ދިމާވާ ކޮންމެ ކަމެއްގައިވެސް އަބަދުވެސް ވަރަށް އެހީތެރިވާ މީހެކެވެ.
"އަޅުގަނޑަށް ބުނަން ނުކެރުނީ. ހުރިހާ ކަމެއްވެސް ހިނގާ ދިޔައީ ވަރަށް ކުއްލި ގޮތަކަށް. އެހެންވެ ބުނާނެ ފުރުސަތެއްވެސް ނުލިބުނީ." ސާރާގެ އަޑުގައި ވަނީ މޮޅިވެރިކަމެވެ. "އޯކޭ!. އަހަރެން ތިން ދުވަހުގެ ރިލީޒެއް ދޭނަން. ހަމަޖެހިލައިގެން އެޓެންޑުވޭ. ސޮރީ ފޯރ ދަ ލޮސް. ޓޭކް ކެއާ." ހުޝާމު އެހެން ބުނެފައި ފޯނު ބޭއްވިއެވެ. އެހިނދު ސާރާ، މަލާޒާއި ދިމާލަށް ބަލައިލިއެވެ. މަލާޒު އިނީ ސޯފާނެ އަނެއް ކަނުގައި އިށީންދެގެންނެވެ. "ނިދާލަން ދާންވީނު؟." މަލާޒުގެ އަޑުގައި ވަނީ އޯގާތެރިކަމާއި ލޯތްބެވެ. ސާރާ އާއެކޭ ބުނުމުގެ ގޮތުން ބޯ ޖަހާލިއެވެ. ސާރާ ކޮޓަރިއާއި ދިމާލަށް ހިނގައިގަތުމާއެކު، މަލާޒު އެޕާޓްމަންޓުން ނިކުތެވެ.
ސާރާ ކޮޓަރިއަށް ވަދެ އެނދުގައި ހަމަޖެހިލައިގެން އިށީނެވެ. އަދި ކަންކަން ވެގެން ދިޔަ ގޮތާއި މެދު ފުންކޮށް ވިސްނާލިއެވެ. ހަޔާތުގެ ދަތުރަކީ އާދަޔާ ހިލާފު ތަޖުރިބާ ތަކެއް ކުރަންޖެހޭ ދަތުރަކަށް ވެގެންދާނެ ކަމަކަށް އޭނާ ދުވަހަކުވެސް ވިސްނާނުލައެވެ. ދުނިޔޭގައި އަބަދު ހުރިހާ ކަމެއް އެއްގޮތަކަށް ނުހިނގާނެ ކަމާއި، ދިރިއުޅުމަކީ އިމްތިހާނެއްކަން އޭނާއަށް ވިސްނެން ފެށިއެވެ. ސާރާ ބޭނުންވީ އެ ހުރިހާ ހިޔާލުތަކުން ސިކުނޑި އެއް ފަރާތް ކޮށްލުމަށްފަހު ފުން ނިންޖަކުން ނިދާލުމަށެވެ. އޭނާ އެނދުގައި އޮށޯވެލިތާ މާގިނަ އިރުތަކެއް ނުވެ ނިދިއްޖެއެވެ.
ސާރާއަށް ހޭލެވުނީ ފައިކޮޅަށް ފިނިވާން ފެށުމުންނެވެ. ހޭލި ގޮތަށް ކައިރީގައި ފަށްޖަހާފައި އޮތް ރަޖާގަނޑު ނަގައި ގައިގައި އޮޅާލިއެވެ. އަދި ކޮޓަރީގެ ފާރުގައި އަޅުވާފައި ހުރި ގަޑި ބަލާލިއިރު ރޭގަނޑު އެގާރަ ޖަހަނީއެވެ. އޭރު ބަނޑުހައިވެގެން ގޮހޮރު ވަޔާއި ތެޅެނީއެވެ. ނަމަވެސް އޭނާ ތެދުވާހިތް ނުވެފައި ދެ ފަރާތަށް ފުރޮޅިލަ ފުރޮޅިލާ އޮތެވެ. އޭނާއަށް ވިސްނެމުން ދިޔައީ އަފީފާއި ދޭތެރޭގައެވެ. އަފީފު މަތިން އޭނާ ދުވަހަކުވެސް ހަނދާނެއް ނުނެތޭނެއެވެ. އަފީފަކީ ސާރާގެ ހަޔާތުގައި ދިމާވި އެންމެ ތަފާތު މީހާއެވެ. ނަމަވެސް މިއަދު މީހުންގެ ނަޒަރުގައި ސާރާ ވެފައިވަނީ، ލާރީގެ ބޭނުމުގައި އަފީފާއި ކައިވެނި ކުރި މީހެއްގެ ގޮތުގައެވެ. އަފީފުގެ މަރުގެ ހަބަރާއެކު، މުޅި ސޯޝަލް މީޑިއާގައި ވާހަކަ ފެތުރިފައިވަނީ މިފަދަ ގޮތަކަށެވެ. ކަން މިހެން އޮތް ނަމަވެސް ސާރާ އެއްވެސް މީހަކަށް ހަގީގަތް ކިޔައިދޭކަށް ބޭނުމެއް ނުވެއެވެ. އެންމެންގެ ދުލުގައި ހިފެހެއްޓުމަކީ ވާނެ ކަމެއް ނޫނެވެ. އަދި އެންމެން ރުއްސައިގެން އުޅުމަކީވެސް ފަސޭހަކަމެއް ނޫނެވެ.
ސާރާގެ ދުވަސްތައް މަޑުމަޑުން ފާއިތުވަމުން ދިޔައީ އެކަނިވެރިކަމުގެ ތެރޭގައެވެ. އަފީފު މަރުވެގެން ސާޅީސް ދުވަސްވެގެން ދިޔައިރުވެސް މަލާޒު އާއި ސާރާގެ ގުޅުމަކަށް ވަކި ބަދަލެއް ނާދެއެވެ. މިކަމާއި މެދު ސާރާ ހިތް ނުތަނަވަސް ވެސް ވިއެވެ. ދެމީހުން އޭރު ދުރުވި ގޮތަށް މިހާރުވެސް އެހާ ދުރެވެ. ނަމަވެސް މަލާޒަށް ސާރާއާއި ދުރުގައި ކެތްކޮށްލެވުނީ ދެމަސް ދުވަހެވެ. މަލާޒު ސާރާއަށް ގުޅާފައި ބައްދަލުކުރަން ބޭނުންވާ ވާހަކަ ބުންޏެވެ. ސާރާއަށް މިހާރު މަލާޒާއި ބައްދަލުކުރުމުގައި އެއްވެސް ހުރަހެއް ނެތެވެ. ވުމާއެކު ސާރާ އެކަމަށް އިންކާރެއް ނުކުރެއެވެ. ނަމަވެސް ސާރާ އެދުނީ ބައްދަލުކުރަން އެ އެޕާޓްމަންޓަށް އައުމަށެވެ. ސަބަބަކީ، ސާރާ ބޭރުތެރެއިން އެހެން ފިރިހެނަކާއެކު ފެނިގެން ބަޔަކަށް ވާހަކަތަކެއް ދައްކަން ފުރުސަތު ދޭން ބޭނުން ނުވާތީއެވެ. މަލާޒުވެސް އެދުނީ ހަމަ އެގޮތެވެ.
އެތައް ޒަމާނެއް ފަހުން މަލާޒު ސާރާއާއި ބައްދަލުކުރުމަށް އެ ގެއަށް އަންނާތީ ސާރާހުރީ ވަރަށް އުފާވެފައެވެ. ނަމަވެސް ސާރާގެ އެ އުފާވެރިކަން ހިތުގެ އެއް ކަނެއްގައި ފޮރުވާފައި ބޭއްވިއެވެ. ސަބަބަކީ މިހާރު އެ ދެމީހުން ވަރަށް ބޮޑަށް ދުރުވެފައިވާތީއެވެ. މަލާޒު ފެނުމާއެކު، ސާރާގެ ހިތް އުފަލުން ނަށަން ފެށިއެވެ. މަލާޒުގެ ހިތުގެ ހާލަކީވެސް އެއީއެވެ. އެތެރެއަށް ވަދެ ދެމިހުންވެސް ސޯފާގައި ހަމަޖެހިލިއެވެ. އަދި އިރުކޮޅެއް ވަންދެން އަނގައިން ނުބުނެ މަޑުމަޑުން ތިބުމަށްފަހު މަލާޒު ވާހަކަ ދައްކަން ފެށިއެވެ.
"ސާރާ އެއްކަލަރޭ ސުވާލުކުރީމެއްނު، އަހަރެންނަށް މިހާ ބޮޑު ބަދަލެއް އައީ ކީއްވެގެންހޭ؟." މަލާޒު އޭނާއަށް ހަނދާންކޮށްދިނީ ތަންކޮޅެއް ކުރިން ރެއަކު އޭނާ ކުރި ސުވާލެކެވެ. ސާރާ ހިނިތުންވެލާފައި އާއެކޭ ބުނުމުގެ ގޮތުން ބޯ ޖަހާލިއެވެ. "އަހަރެންނަށް ސާރާ ގެއްލުނު ހިސާބުން ދިރިއުޅުމާއި ދޭތެރޭ ވަރަށް ސީރިއަސްކޮށް ވިސްނެން ފެށި. އަހަރެންމީ ހަގީގަތުގައި ވަރަށް ނަސީބުގަދަ މީހެއް. އަހަރެން އެންމެ ލޯބިވާ މީހާ ގެއްލުނު ހިސާބުން އަހަރެންނަށް އޭގެ ބަދަލުގައި އަހަރެންދެކެ ވަރަށް ލޯބިވާ އެހެން މީހަކު ލިބުނު." މަލާޒުގެ އެ ޖުމްލައިގެން ސާރާގެ ހިތުގެ ވިންދު އަވަސްވިއެވެ. އަދި އިށީންދެގެން އިން ސާރާއަށް ހީވީ އޭނާގެ ފައިދަށުން ބިންގަނޑު ކަނޑައިގެން ދިޔަހެންނެވެ. އޭނާގެ ދެއަތް މުއްކަވާލިއެވެ.
ސާރާގެ މި ހަރަކާތްތައް މަލާޒަށް ފެނުނެވެ. ސާރާ އަދިވެސް އޭނާ ދެކެ ލޯބިވާކަން އޭނާއަށް ޔަގީންވެ ކަށަވަރުވިއެވެ. "ހިހި.. ހަމަޖެހިބަލަ. އަހަރެންގެ ދިރިއުޅުމުގައި ސާރާ ނޫން އެހެން އަންހެން ކުއްޖެއް ނެތް." މަލާޒު ސާރާއަށް ޔަގީންކަން ދިނެވެ. އެހިސާބުން ފާއިތުވެދިޔަ ދުވަސްތަކުގައި ކަން ހިނގާދިޔަ ގޮތް މަލާޒު ސާރާއަށް ކިޔައިދިނެވެ. ސާރާއިނީ ރޯންވެސް އަދި ހޭންވެސް ނޭންގިފައެވެ. އެހާވެސް އުފާވިއެވެ. ސާރާ އުފަލުން ގޮސް މަލާޒު ގައިގައި އޮޅުލައިގަތެވެ. ނަމަވެސް މަލާޒު އޭނާ ދުރަށް ޖައްސާލިއެވެ. "އެކަކު އަނެކަކު ގާތްވުން އެހާ ރަނގަޅެއް ނޫން. އަދި ކޮންމެވެސް ދުވަހަކުން ގާތްވެވޭނެ." މަލާޒުގެ މި އަމަލު ފެނިފައި ސާރާގެ ސިކުނޑިއަށް ބާރުކުރިއެވެ. އެއީ ދުވަހަކުވެސް މަލާޒު އޭނާއާއި މެދު ކަންކުރި ގޮތެއް ނޫނެވެ.
ސާރާއަށް އަފީފު ހަދިޔާކޮށްފައިވާ އަގުހުރި މުދަލުގެ ވާހަކަ މަލާޒު ގާތު ނުބުނެވި އުޅެނިކޮށް އޭނާގެ ފޯނަށް ފޯނެއް އައެވެ. ގުޅީ ނާޝިދުއެވެ. ފޯނު ކަންފަތުގައި ޖެހުމަށްފަހު އޭނާ މަޑުމަޑުން ބެލްކަންޏާއި ދިމާލަށް ހިގައިގަތެވެ. މަލާޒަށް އައިސްގެން އުޅޭ ބަދަލުތަކާއި މެދު ސާރާ ވަރަށް ބޮޑަށް ކަންބޮޑުވިއެވެ. މަލާޒަކީ ދުވަހަކުވެސް އެގޮތަށް ފޯނު ކޯލަކަށް ޖަވާބުދޭން އޭނާ ކައިރީ އިނދެފައި އެކަހެރިވާ މީހެއް ނޫނެވެ. އަނެއްކާ މަލާޒު އޭނާއަށް ކަމެއް ސިއްރުކުރަނީބާއެވެ. މި ހިޔާލުގައި ހުއްޓާ، މަލާޒު ފޯނު ކޯލު ނިންމާލުމަށްފަހުގައި އެތެރެއަށް ވަނެވެ. "ސާރާ، އަހަރެން ދާން ޖެހިއްޖެ. ވަގުތުވީ ވަރަކުން ހާލު ބަލާލަން އަންނާނަން އިގޭ." މަލާޒު ނިކުންނަން ދަމުން ސާރާ ގައިގައި ބައްދާވެސް ނުލިއެވެ. މިވަނީ ކިހިނެއް ހެއްޔެވެ.
"ސާރާ!. ކޮންމެ ކަމެއް ކޮންމެ ގޮތަކަށް ދިމާވިއަސް އަހަރެންނަށް ނަފްރަތު ނުކުރައްޗޭ. ސުވަރުގޭންވެސް އަހަރެން ބައްދަލުކުރަން ބޭނުން ހަމައެކަނި އަންހެނަކީ ތީ." މަލާޒުގެ މި އާދަޔާ ހިލާފު ވާހަކަތަކުން ސާރާގެ ހިތް ނުތަނަވަސް ކަމުން ފުރާލިއެވެ. "މަލާޒު ކީކޭތަ ތިކިޔަނީ؟." ސާރާ ދުވެފައި ގޮސް ދޮރުމަތީގައި ހުރި މަލާޒު ކައިރީގައި ހުއްޓުނެވެ. "އަހަރެންދެކެ ލޯބިވާނަމަ ސާރާ މިހާރު ތަބާވާ ދީން ދޫކޮށްނުލާތި." މަލާޒު ސާރާއާއި ދުރަށް ޖެހިލިއެވެ. އަދި އެތަނުން ނިކުމެގެން ހިނގައިގަތެވެ. މަލާޒަށް ވެގެން މިއުޅެނީ ކިހިނެއް ހެއްޔެވެ؟. އެއީ އޭނާ ދުވަހަކުވެސް ނުދައްކާ ކަހަލަ ވާހަކަތަކެކެވެ. މަލާޒަށް އެވަރުގެ ބަދަލެއް އައިސްގެން އުޅެނީ ހަމަ އެކަނި ނާޝިދުގެ ސަބަބުން ހެއްޔެވެ؟. ނާޝިދަކީ ކިހާވަރެއްގެ ކާކު ހެއްޔެވެ؟. މި ހުރިހާ ސުވާލުތަކަކުން ސާރާގެ ސިކުނޑި ސުމަކަށް ދިޔައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ