53 މީހުން ކޮވިޑަށް ޕޮޒިޓިވް، ބަލިން 40 މީހުން ރަނގަޅުވެއްޖެ

ފާއިތުވި 24 ގަޑިއިރުގެ ތެރޭ 53 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެ އެ ބަލިން 40 މީހުން ރަނގަޅުވެއްޖެ އެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ އިއްޔެ ހަވީރު 6:00 ން މިއަދު ހަވީރު 6:00 އަށް 42 ދިވެހިންނާއި 11 ބިދޭސީން ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އެ ކޭސްތަކާ އެކު ރާއްޖެ އިން ކޮވިޑް ޖެހުނު މީހުންގެ އަދަދު 10،098 އަށް އަރާފައިވެ އެވެ.
އަލަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 47 މީހުންނަކީ މާލެ ސަރަހައްދުން ޕޮޒިޓިވްވި ބައެކެވެ. ބާކީ ތިބި ހަ މީހުން ޕޮޒިޓިވްވީ ރަށްރަށާއި ރިސޯޓުތަކުންނެވެ.
އެ އެޖެންސީން ރޭ ހާމަކުރި މައުލޫމާތުތަކަށް ބަލާއިރު، ރިޕީޓުކޮށް ހަދާފައިވާ ޓެސްޓުތަކާ އެކު 147،681 ޓެސްޓް ހަދާފައިވެ އެވެ. އެ އަދަދު މިރޭ 149،135 އަށް އިތުރުވެފައިވާއިރު، އަލަށް 53 މީހަކު ޕޮޒިޓިވްވީ 1،454 ސާމްޕަލްގެ ތެރެއިންނެވެ.
ބަލިން 40 މީހުން ރަނގަޅުވެފައިވާތީ މި ވަގުތު އެ ބައްޔަށް ފަރުވާ ހޯދަމުންދާ މީހުންގެ އަދަދު އުޅެނީ 1،210 ގަ އެވެ. ހޮސްޕިޓަލުގައި އެޑްމިޓުކޮށްގެން ފަރުވާ ދެމުން އަންނަ މީހުންގެ އަދަދު ވެސް 83 އަށް ވެއްޓިފައިވާއިރު އައިސޮލޭޝަން ފެސިލިޓީތަކުގައި ތިބި މީހުންގެ އަދަދު ވެސް 771 އިން 620 އަށް ދަށްވެފައިވެ އެވެ.
މާލޭގެ އިތުރުން 19 ރަށަކާއި 23 ރިސޯޓެއްގައި 30 މުވައްޒަފުންނާއި 12 ޓޫރިސްޓަކަށް ކޮވިޑް ޖެހިފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ