އެންޓިޖެން ޓެސްޓުތަކަށް އަދި ހުއްދައެއް ނުދެން: އެޗްޕީއޭ

ހަށިގަނޑުގައި ކޮވިޑް-19 ހުރިކަން 15 މިނެޓުން ދެނެގަނެވޭ ކޮވިޑް-19ގެ އެންޓިޖެން ޓެސްޓުތައް ރާއްޖެއަށް ތައާރަފްކޮށްފައި ވިޔަސް އެ ބޭނުން ކުރުމުގެ ހުއްދަ އަދި ދީފައި ނުވާނެ ކަމަށް އެޗްޕީއޭ އިން ބުނެފި އެވެ.
މެޑިކަލް ސާމާނު ސަޕްލައިކުރާ މެޑްޓެކް ކުންފުނިން މިދިޔަ ހޯމަ ދުވަހު ވަނީ ރާއްޖެ އަށް މި ޓެސްޓު ކިޓް ގެނެސްފަ އެވެ.
އެޗްޕީއޭ އިން ބުނީ އެ ޓެސްޓު ކިޓްތަކަށް ހުއްދަ ދިނުމާ މެދު އަދި ވަކި ގޮތެއް ނުނިންމާ ކަމަށެވެ. މީގެ ކުރިން ވެސް އެހެން ގައުމުތަކުގައި މި ޓެސްޓު ކިޓްތައް ބޭނުންކުރަން ފެށުމުން ރާއްޖެއަށް މި ގެނައުމާ މެދު ދެކެވުނު ވާހަކަތަކަށް އެޗްޕީއޭ އިން ބުނެފައި ވަނީ އޭރު ރާއްޖޭގައި ކޮވިޑް-19ގެ ހާލަތު އޮތް ގޮތުން އެ ޓެސްޓު ކިޓްތަކަކީ ރާއްޖެ އެ ވަގުތަށް އެންމެ އެކަށީގެންވާ އެއްޗެއް ނޫން ކަމަށެވެ.
އެޗްޕީއޭ އިން "މިހާރު" އަށް ބުނީ މި ކިޓްތައް ރާއްޖެއަށް ގެނައުމަށް ހުއްދައަށް އެދިފައި ވަނީ މި މަހު ކުރީކޮޅު ކަމަށެވެ. ހުއްދަ ދިނުމާއި ނުދިނުމާ މެދު ޓެގް ޓީމުން އަދިވެސް އަންނަނީ މަޝްވަރާ ކުރަމުން ކަމަށް ބުންޏެވެ.
މެޑްޓެކުން ބުނީ އަންނަ ހަފުތާގައި ވެސް އިތުރު އެހެން ޓެސްޓު ކިޓެއް ގެނައުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށެވެ. ދެން ގެންނަން ނިންމާފައި ވަނީ ޕީސީއާރް ޓެސްޓު ފަދަ މޮލެކިއުލާ ޓެސްޓް ކިޓްތަކެއް ކަމަށް އެ ކުންފުނިން ބުންޏެވެ. އެއަށް ވެސް ހުއްދައަށް އެދިފައިވާނެ ކަމަށް މެޑްޓެކުން ބުންޏެވެ. އެޗްޕީއޭ އިން ބުނީ މޮލެކިއުލާ ޓެސްޓާ ގުޅޭ މަޝްވަރާތައް ވެސް ޓެގުން ކުރަމުން އަންނަ ކަމަށެވެ.
މެޑްޓެކުން ރާއްޖެއަށް ތައާރަފްކޮށްފައިވާ އެންޓިޖެން ޓެސްޓް ކިޓްތަކަކީ މިހާރު ވެސް އެކި ގައުމުތަކުގައި ބޭނުންކުރަމުން އަންނަ އެއްޗެކެވެ. ކްރެޑިޓް ކާޑު ސައިޒުގެ ޓެސްޓުގެ ސެންސިޓިވިޓީ އަކީ 97 ޕަސެންޓެވެ. ސްޕެސިފިސިޓީ ނުވަތަ އިންފެކްޝަން ދެނެގަތުމުގެ ޕަސެންޓޭޖަކީ 98.5 ޕަސެންޓް ކަމަށް ކްލިނިކަލް ސްޓަޑީތަކުން ދައްކަ އެވެ.
ލެބޯޓްރީ ތަހުލީލުކުރުމަށް ބޭނުންކުރާ އާލަތްތައް އުފެއްދުމުގައި މަޝްހޫރު އެބޮޓް ލެބޯޓްރީގެ ޕޯޓަބަލް އެންޓިޖެން ޓެސްޓް ކިޓަކީ ނޭސަލް ސްވަބް ބޭނުންކޮށްގެން ޓެސްޓު ހަދާ ކިޓެކެވެ. ކަމާބެހޭ އިދާރާތަކަށް ފަސޭހަވާނެ ގޮތަށް، އެބޮޓުން ވަނީ ޓެސްޓާ ގުޅޭ ހާއްސަ އެޕެއް ތައާރަފްކޮށް ފޯނުން ޓެސްޓުގެ ނަތީޖާ ފެންނާގެ ގޮތް ހަދައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ