ރައީސް ޔާމީން ވެރިކަމުގައި ބިނާކުރަން ފެށި ފުލެޓުތައް އަންނަ އަހަރު ޖުލައިއަށް ނިމޭނެ: އެމްޑަބްލިއުއެސްސީ

ހިޔާ މަޝްރޫޢުގެ ދަށުން ރައީސް ޔާމީނުގެ ވެރިކަމުގައި އެމްޑަބްލިއުއެސްސީން އަޅަން ފަށާފައިވާ ޓަވަރުގެ މަސައްކަތް އަންނަ އަހަރުގެ ޖުލައި 26 އަށް ނިމޭނެ ކަމުގައި އެކުންފުނިން ބުނެފިއެވެ. އެކުންފުނީގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޙަސަން ޝާހު ވިދާޅުވެފައިވަނީ ޓަވަރުގެ ބިނާގެ މަސައްކަތް މިހާރުވަނީ އެކީ ނިމިފައި ކަމުގައެވެ. އަދި މުޅި ޓަވަރުގެ މަސައްކަތުގެ ތެރެއިން 55 އިންސައްތައާއި 60 އިންސައްތައާ ދެމެދުގެ މަސައްކަތް މިހާރު އެކީ ނިންމާފައިވާ ކަމުގައިވެސް އޭނާ ވިދާޅުވިއެވެ. ޝާހު އިތުރަށް ވިދާޅުވީ އެ ކުންފުނިން ކުރިން މަސައްކަތްކުރީ އަންނަ އަހަރުގެ ޖޫން މަހަށް އެ ޓަވަރުގެ މަސައްކަތް ނިންމުމަށް ކަމުގައެވެ. ނަމަވެސް ކޮވިޑް-19ގެ ސަބަބުން މަސައްކަތް ލަސްވުމަކީ އެކަށީގެންވާ ކަމެއް ކަމުގައިވެސް ވިދާޅުވިއެވެ. ތާވަލާ އެއްގޮތަށް ފުލެޓުތަކުގެ މަސައްކަތް ނިންމަވައިލެވިއްޖެނަމަ އަންނަ އަހަރު ފުލެޓުތައް މުވައްޒަފުންނާ ހަވާލުކުރާނެ ކަމުގައި އޭނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ 2021 ވަނަ އަހަރުގެ ޖޫން މަހަށް މަސައްކަތް ނިންމައިލެވޭނެ ކަމަށް އުންމީދުކުރައްވާ ކަމުގައެވެ. "އެކަމަކު ކޮވިޑް-19އާ ގުޅިގެން ބޭނުންވާ މެޓީރިއަލް ނުލިބި އަދި ހޯދުމުގައި ދަތިތައް ހުރުމުން ވަރަށް ބޮޑު ގޮންޖެހުންތަކާ ދިމާވޭ. މި ހާލަތުގައި ވެސް އަޅުގަނޑުމެން މިދަނީ މި މަސައްކަތް ނިންމާލައި އަންނަ އަހަރު މުވައްޒަފުންނަށް ފްލެޓްތަކަށް ވަދެވޭވަރު ކޮށްދޭން މަސައްކަތް ކުރަމުން." ޝާހު ވިދާޅުވިވިއެވެ. ކުރީ ސަރުކާރުންވަނީ އެމްޑަބްލިއުއެސްސީގެ ފަރާތުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި 15 ބުރީގެ ދެ ޓަވަރު ބިނާކުރުމަށް ނިންމާފައެވެ. ނަމަވެސް މިވަގުތު މަސައްކަތްކުރަމުންދަނީ 1 ޓެވަރުގެ މަސައްކަތެވެ. ދެވަނަ ޓަވަރުގެ މަސައްކަތްކުރާނީ ފުރަތަމަ ޓަވަރަށް ލިބޭ ތަރުހީބަށް ބެލުމަށް ފަހުގައި ކަމަށް އެކުންފުނިން މައުލޫމާތު ދީފައިވެއެވެ. ފުރަތަމަ ޓަވަރުގައި 1 ކޮޓަރީގެ 92 ފުލެޓާއި، 2 ކޮޓަރީގެ 40 ފުލެޓާއި 3 ކޮޓަރީގެ 50 ފުލެޓު ހުންނާނެއެވެ. އަދި އެ ކުންފުނީގެ 72 މުވައްޒަފަކަށް މިފުލެޓުތަކުން ފުލެޓު ލިބޭނެ ކަމަށް އެކުންފުނިން ވަނީ ބުނެފައެވެ. އޭގެ ތެރޭގައި އެކުންފުނީގައި 20 އަހަރު ޚިދުމަތްކުރި މުވައްޒަފުންވެސް ހިމެނޭ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ. ފުލެޓުތަކުގެ އަގުތަކަށް ބަލާއިރު އެއް ކޮޓަރީގެ ފުލެޓުގެ އަގަކީ 1.3 މިލިއަނާއި 1.2 މިލިއަން ރުފިޔާއާ ދެމެދުގެ އަގެކެވެ. އަދި 2 ކޮޓަރީގެ ފުލެޓުގެ އަގަކީ 1.9 މިލިއަނާއި 2.2 މިލިއަން ރުފިޔާގެ އަގެކެވެ. 3 ކޮޓަރީގެ ފުލެޓުގެ އަގަކީ 2.4 މިލިއަނާއި 2.6 މިލިއަން ރުފިޔާއާ ދެމެދުގެ އަގެކެވެ. 
މިލިޔުން ކިޔާލުމުން
0 %
އުފާވި
0 %
ދެރަވި
0 %
ރުޅިއައި
0 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ