ސްޓޫޑެންޓް ލޯނާއި ސްކޮލަޝިޕް ތަކަށް 205 މިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދުކޮށްފި

ސްޓޫޑެންޓް ލޯނާއި ސްކޮލަޝިޕްގެ އެކި ފުރުސަތުތައް ފަހިކޮށްދިނުމަށް މިހާތަނަށް 205.2 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދުކޮށްފައިވާކަމަށް ހަޔަ އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.
އެ މިނިސްޓްރީން ކުރި ޓްވީޓެއްގައި ބުނެފައިވަނީ މިހާތަނަށް ސްޓޫޑެންޓް ލޯނު 763 ދަރިވަރަކަށް ދީފައިވާކަމަށާއި 272 ދަރިވަރަކަށް ސްކޮލަޝިޕް ދީފައިވާކަމަށެވެ. އެ ފުރުސަތުތަކަށް މިދިޔަ ނޮވެމްބަރު 2018 އިން ފެށިގެން މިހާތަނަށް 341 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ހާމަކުރެއެވެ.
Twitter Embeded
މީގެ އިތުރުން ހިލޭ ޑިގްރީ ކިޔަވައިދިނުމުގެ ޕްރޮގްރާމަށް މިހާތަނަށް 135.7 މިލިއަން ރުފިޔާ ދަރިވަރުންނަށް ހަރަދުކޮށްފައިވާނެ ކަމަށް މިނިސްޓްރީން ހާމަކުރެއެވެ. ސަރުކާރުން މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ތައާރަފުކުރި ހިލޭ ޑިގްރީ ޕްރޮގްރާމުގެ ދަށުން، 100 ޕަސެންޓް ހިލޭ ކިޔަވައިދެނީ ހަމައެކަނި ސަރުކާރުގެ ދެ ޔުނިވާސިޓީގަ އެވެ. އަމިއްލަ ކޮލެޖުތަކުގައި ހިންގާ ކޯސްތަކުގެ ޓިއުޝަން ފީ ވެސް ސަރުކާރުން ކަނޑައަޅާފައިވާ އަދަދަށް ކަވަރު ކުރާ ކަމަށް މިނިސްޓްރީން ބުނެއެވެ.
އެޑިއުކޭޝަން މިނިސްޓްރީގެ ޓްވީޓްގައި އިތުރަށް ބުނެފައިވަނީ ދިވެހިންނަކީ ތައުލީމީގޮތުން ކުރިއަރާފައިވާ ގާބިލް ބަޔަކަށް ހެދުމަށް ސަރުކާރުން ގިނަގުނަ މަސައްކަތްތަކެއް ކުރަމުން އަންނަކަމަށެވެ. ބަޖެޓުގެ ބޮޑު އިންސައްތައެއް ތައުލީމީ ދާއިރާއަށް ހާއްސަކޮށްފައި ވަނީ ވެސް މި ސަބަބަށްޓަކައިކަމަށް މިނިސްޓްރީން ފާހަގަކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ