މަސްވެރިންނަކީ ރާއްޖޭގެ މުއްސަނދިކަން، ފައިސާ ނުދީ ނިކަމެތިވެގެން ނުވާނެ: ޖާބިރު

މަސްވެރިންނަކީ ރާއްޖޭގެ މުއްސަނދިކަން ކަމަށާއި އެ މީހުންނަށް ބާނާ މަހަށް ފައިސާ ނުލިބިގެން ނިކަމެތިވެގެން ނުވާނެ ކަމަށް ޑީއާރްޕީގެ ލީޑަރު އަދި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.
މިކަމާއި ގުޅިގެން ޖާބިރު "ވަގުތު" އަށް ވިދާޅުވީ ޒަމާޏުއްސުރެ ރާއްޖޭގެ މަސްވެރިން ގަންނަ މަހަށް ވަގުތުން ފައިސާ ލިބެމުން އައި ނަމަވެސް މިހާރު، މަސްވެރިން ބާނާ މަހަށް ހަމަ އަގުގައި ފައިސާ ނުލިބޭ ތަނުގައި ފައިސާވެސް ނުދެވޭތީ ކަންބޮޑުވާ ކަމަށެވެ. މިފަދަ ކަންކަމުގައި ސަރުކާރުން އޮޅުވާލަމުންދާ ކަމަށާއި އާއްމު މަސްވެރިޔާ ފަގީރުކޮށްލުމަކީ ލަދުވެތިކަމެއް ކަމަށް ޖާބިރު ވިދާޅުވިއެވެ.
"މިފްކޯގެ ކުރީގެ ޗެއާމަނުގެ ހަސިއްޔަތުން އަޅުގަނޑު ލަދުގަންނަން. ނުއަގުގައި ގަންނަ ތަނުގައި ކަރުދާސްކޮޅެއް ދެނީ. އެތަން ހީވަނީ ސިޔާސީ ބަރުކަމުން އަޑިއަށް ދާންއުޅޭ އޮޑިއެއްހެން. ކީއްވެގެންތޯ މިހާ ނިކަމެތިކޮށް މަސްވެރިންނާއި މެދު އަމަލުކުރަންވީ. އަދި ކޮވިޑްގެ މިހާލަތުގާ އަމުދުން. މަސްވެރިންނަކީ ރާއްޖޭގެ އެންމެ ބޮޑު އެއް ވޯކް ފޯސް. މިހެންވީމަ މި ދަންނަވަނީ ފެއިލްވެއްޖެއޭ." ޖާބިރު ވިދާޅުވިއެވެ.
މަސްވެރިންނަށް ރަނގަޅު ގޮތްތަކެއް ހޯއްދަވައިދެއްވަން މިހާރުގެ ފިޝަރީޒް މިނިސްޓަރ ޒަހާ ވަހީދު ނުކުޅެދިފަވާކަމަށް ފާހަގަކުރައްވާ ޖާބިރު ވަނީ ޒަހާއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.
ޑީއާރްޕީ އިން ކޮށްފައިވާ ޓްވީޓެއްގައި ބުނީ ދިވެހި މަސްވެރިން ބާނާ މަސް ކިރުމަށްފަހު ދުވަހުން ދުވަހަށް ފައިސާ ނުދީ މަސްވެރި އާއިލާތައް ބިކަވަމުންދާ މައްސަލާގައި ޖާބިރު މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅަން ނިންމާފައިވާ ކަމަށެވެ. އަދި އެޕާޓީން ކޮށްފައިވާ ޓްވިޓެއްގައި ބުނީ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅަން ނިންމުމުގެ އިތުރުން ކަމާ ބެހޭ މިނިސްޓަރުންނާ ސުވާލު ކުރަންވެސް ނިންމާފައިވާ ކަމަށެވެ.
ޑީއާރްޕީގެ ޓްވީޓާ މެދުވެރިކޮށް ޖާބިރު ވަނީ އަންނަ ހޯމަ ދުވަހުގެ މަޖިލީހުގެ ޖަލްސާ ހުރިހާ މަސްވެރިންވެސް ބަލައިލުމަށް ދައުވަތު އަރުވާފައެވެ. އަދި މަސްވެރިންގެ ހައްގުގައި ޖާބިރު ކުރައްވާ މަސައްކަތަށް ހިތްވަރު ދެއްވުމަށް ޖާބިރު ވަނީ އެދިލައްވާފައެވެ.
މިފްކޯ އަށް މަސް ކިރުމަށް ފަހު މަސްވެރިންނަށް ފައިސާ ނުލިބި ހުރި ބިލުތަކަށް މީގެ 3 ހަފްތާއެއްހާ ދުވަސް ކުރިން ފައިސާ ދޫކުރަން ފަށާފައިވާ ކަމަށް އެ ކުންފުނިން ބުނި ނަމަވެސް އަދިވެސް މަސްވެރިންގެ ގިނަ ކަންބޮޑުވުންތަކެއް އެބަހުއްޓެވެ. އެފައިސާ އަކީ މިދިޔަ މަހުގެ 12 ވަނަ ދުވަހާއި ހަމައަށް މިފްކޯއަށް މަސް ކިރުމަށްފަހު މަސްވެރިންނަށް ލިބެން ޖެހޭ ފައިސާއެވެ.
މިފްކޯ އިން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ މަސްވެރިން ކިރާ މަހުގެ ފައިސާ ވީހާ ވެސް އަވަހަށް ފޯރުކޮށްދިނުމަށް އެ ކުންފުނިން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. މިވަގުތު ދުނިޔޭގެ އިގްތިސާދު ދަށްވުމާ ގުޅިގެން ފައިސާ ދެއްކުމުގައި ދަތިތަކެއް އުޅޭ ކަމަށް އެ ކުންފުނިން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ