ރާއްޖޭގެ އެންމެ ބޮޑު ކަނޑޫފާ ހަލާކުވާ ވާހަކަ ރާއީގެ ދުލުން އަސަރާއެކު!

ހދ. ނޭކުރެންދޫގައި ކަނޑޫފާ ހަލާކުވަމުންދާ ކަމަށް ވިދާޅުވެ، ކަނޑޫފަލުން ގެނައި ބައެއް ކަނޑޫތައް ރައްޔިތުންގެ މަޖިލިހުގެ މަކުނުދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ރާއީ، މަޖިލިހުގެ އިދާރާއަށާއި އެންވަޔަރަމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީއާ ހަވާލުކުރައްވައިފިއެވެ.
ގދ. ތިނަދު އަށް ވަރަށް ބޮޑަށް އުދަ އެރި މައްސަލައިގައި ރައްޔިތުންގެ މަޖިލިހަށް ހުށަހެޅި ކުއްލި މައްސަލަ އަށް ބަހުސް ކުރައްވަމުން ރާއީ ވިދާޅުވީ ނޭކުރެންދޫގައި އޮތް ކަނޑޫފާއަކީ ރާއްޖޭގައި އޮތް އެންމެ ބޮޑު ކަނޑޫފާ ކަމަށާއި އެ ތަން ހަލާކުވަމުންދާ ކަމަށެވެ. އަދި އެ ތަނުގައި ހުރި 10،000 ގަސް ހަލާކުވެފައިވާ ކަމަށް ވިދާޅުވެ، އެތަނުގެ ހާލަތު އޮތް ގޮތުގެ ފޮޓޯއެއް ރާއީ ވަނީ ދައްކާލައްވައިފައެވެ.
"މިއީ އޭގެ އެއް ފޮޓޯ. ހަމައެކަނި ކަނޑޫ ހަލާކުވަމުން ދަނީ،" ކަނޑޫފާ އޮތް ގޮތުގެ ފޮޓޯއެއް ދައްކަވަމުން ރާއީ ވިދާޅުވިއެވެ.
އޭގެ ފަހުގައި، ރާއީ ދެއްކެވީ އެ ރަށުގެ ކަނޑޫފާ އިން ގެނެސްފައި ހުރި ކަނޑޫތަކެކެވެ. އޭގެ ތެރެއިން އެއް ޕެކެޓުގައި ފެންނަނީ ފެހި ކުލައިގެ ކަނޑޫތަކެކެވެ. އަދި ދެ ވަނަ އަށް ހުރި ޕެކެޓުގައި ފެންނަނީ މަޑު މުށިކުލައެއްގައި ހުރި ކަނޑޫތަކެކެވެ.
ރާއީ ވިދާޅުވީ މި ތަކެއްޗަށް ވެފައި ހުރި ބަދަލުތައް ބައްލަވައި ދެއްވުމަކީ ރަށުގެ ރައްޔިތުންނާއި އޭނާގެ އެދުމެއް ކަމަށެވެ.
ރާއީ ވިދާޅުވީ މިކަމުގައި އެންވަޔަރަމަންޓް މިނިސްޓަރު ޑރ. ހުސެއިން ރަޝީދާ ބައްދަލު ކުރައްވަން ހަމަޖެހިފައިވާ ކަމަށެވެ. އަދި މައުލޫމަތު ލިބިފައިވާ ގޮތުގައި މިނިސްޓްރީގެ މާހިރުންގެ ޓީމެއް އެ ރަށަށް ދަތުރު ކުރަމުން އަންނަ ކަމަށް ވެސް ރާއީ ވިދާޅުވިއެވެ.
"އެކަމަކު، އަޅުގަނޑުމެންނާއި ނޭކުރެންދޫ ރައްޔިތުން ވެސް ނޭދޭ މައްސަލަ ބަލާފައި އަނެއްކާ ވެސް އެ ބާއްވާފައި ސުރުހީއަކަށް ވެގެން ދާކަށް. މައްސަލަ ބަލާފައި އަޅުގަނޑުމެންނަށް ހައްލު ބޭނުންވޭ،" ރާއީ ވިދާޅުވިއެވެ.
ރާއީ ވިދާޅުވި ގޮތުގައި ކަނޑޫފާ އިން ލިބެންވާ މަންފާ ނުލިބެން ރައްޔިތުން ބޭނުމެއް ނުވާނެއެވެ. އެހެންވެ، މި ކަނޑޫފާ ހިމާޔަތް ކުރުމަށާއި އެހެން ނޫނީ އިއާދަ ނުކުރެވޭ ވަރުގެ ގެއްލުމެއް ލިބިދާނެ ކަމަށް ވެސް ރާއީ ވިދާޅުވިއެވެ.
ރާއީގެ ވާހަކަތަކާ ގުޅިގެން ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ފެހި ކުލަ އިން ފެންނަ ކަނޑޫއަކީ ރަނގަޅަށް ހުންނަ އިރުގެ ކަނޑޫ ކަމަށާއި މަޑު މުށިކުލައިގެ ކަނޑޫއަކީ މިހާރު ނޭކުރެންދޫ އިން "ހިތާމައާ އެކު" ފެންނަ ކަނޑޫ ކަމަށެވެ.
ނޭކުރެންދޫގައި އޮތް އެންމެ ބޮޑު ކަނޑޫފާ 2008 ވަނަ އަހަރު ވަނީ ހިމާޔަތްކޮށްފައެވެ. ކުޅިއަކާއި ބޮޑު ޗަސް ބިމެއް ހިމެނޭ އެ ސަރަހައްދުން ގަސް ކެނޑުން ފަދަ ގެއްލުން ލިބޭ ފަދަ އެތައް ކަމެއް ވަނީ ހުއްޓާލައިފައެވެ. އެ ފަލުގައި ކަނޑުލުގެ އިތުރުން ބުރެވި ގަހާއި ބޮޑަވަކި ގަހާއި ތެލަ ގަހުގެ އިތުރުން ތަކަފަތި ގަސް ހުރެއެވެ. އެކަމަކު، ރަށުގައި މަރުވެގެން ދަނީ މުޅިން ހެން ކަނޑޫ ގަހެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ