ޓޫރިޒަމް މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ ސަސްޕެންޑު ކޮށްފި

އޮޑިޓް އޮފީހުން އާންމު ކުރި ޓޫރިޒަމް މިނިސްޓްރީގެ ކޮވިޑް-19 ކޮމްޕްލަޔަންސް ރިޕޯޓާއި ގުޅިގެން އެ މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ އާއިޝަތު ސޫޒަން ހަނީފު ސަސްޕެންޑް ކޮށްފި އެވެ.
ސިވިލް ސާވިސް ކޮމިޝަނުން ބުނީ ސޫޒަން ސަސްޕެންޑު ކުރީ އޭނާއާއި ގުޅޭގޮތުން އެ ކޮމިޝަނަށް ހުށަހެޅިފައިވާ ޝަކުވާތަކެއް ބެލުމަށާއި، ސިވިލް ސާވިސް ކޮމިޝަނުގެ ފަރާތުން ޓޫރިޒަމް މިނިސްޓްރީގައި ހިންގި ހާއްސަ އޮޑިޓް ރިޕޯޓުން ފާހަގަކުރެވުނު ކަންތައްތަކާ ގުޅިގެން، އިދާރީ ގޮތުން ބަލަންޖެހޭ މައްސަލަތައް ބަލައި ނިމެންދެން ކަމަށެވެ.
ސޫޒަން ސަސްޕެންޑު ކުރީ 30 ދުވަހުގެ މުއްދަތަކަށެވެ. އޭނާ ސަސްޕެންޑު ކުރި ނަމަވެސް އެ މުއްދަތުގައިވެސް މުސާރަ ލިބޭނެ އެވެ.
ޓޫރިޒަމް މިނިސްޓްރީގެ ޕާމަނަންންޓް ސެކެޓްރީ ސަސްޕެންޑް ކޮށްފައި ވާއިރު، އެ މިނިސްޓްރީގެ ފައިނޭންޝަލް ކޮންސަލްޓަންޓް އައިޝަތު ވަފާ މުހައްމަދު މަނިކު އިސްތިއުފާ ހުށަހެޅުއްވިކަމަށްވެސް ވަނީ އަޑު ފެތުރިފަ އެވެ. އެހެންނަމަވެސް އެވާހަކަ ވަފާ ވަނީ ދޮގުކޮށްފަ އެވެ.
ކޮވިޑް-19 އާއި ގުޅިގެން އޮޑިޓަރ ޖެނެރަލް ހަސަން ޒިޔަތު ސޮއިކުރައްވާ އާންމުކުރި އޮޑިޓް ރިޕޯޓުގައި ވާ ގޮތުން ކޮވިޑާ ގުޅިގެން ޓޫރިޒަމުން ހޭދަކުރި 26 މިލިއަން ރުފިޔާގެ 99 ޕަސަންޓް ހޭދަކޮށްފައި ވަނީ އެ މިނިސްޓްރީގެ މެންޑޭޓުން ބޭރުންނެވެ. އަދި ސިއްހީ އާލާތްތައް ގެނައުމުގައާއި، މެޑިކަލް ޓީމު ގެނައުމުގެ އިތުރުން ކަރަންޓީން ފެސިލިޓީ ހެދުމުގައި ވެސް ކޮރަޕްޝަން އެކުލެވިގެންވާ ކަމުގެ ތުހުމަތު އެ ރިޕޯޓުގައި ކޮށްފައި ވެއެވެ.
މީގެ އިތުރުން ބޮޑެތި އޮޅުވާލުންތަކެއް ފޮރުވުމަށް ސައްހަ ނޫން ލިޔެކިޔުންތަކެއް ތައްޔާރު ކޮށްފައިވާކަމަށްވެސް އޮޑިޓަށް ފާހަގަކުރެވިފައިވާ ކަމަށް ރިޕޯޓުގައި ވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ