މެންބަރުންތަކަކަށް އަމާޒުކޮށް ރެއިޑްކުރަން ފުލުހުންތަކެއް އެބަ އުޅޭ: ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ ވަކި މެންބަރުންތަކަކަށް އަމާޒުކޮށް އެ މެންބަރުންގެ ގެކޮޅުތަކަށް ރެއިޑް ކުރަން ބައެއް ފުލުހުން އުޅޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ފުލުހުންގެ ހިދުމަތުގެ އާ ބިލެއްގެ މަސައްކަތް މަޖިލީހުގެ މެންބަރުން ކުރައްވަމުން ގެންދަވާ މި ދަނޑިވަޅުގައި ބައެއް މެންބަރުންނަށް އަމާޒުކޮށް ބައެއް ކަންކަން ކުރަން ފުލުހުންތަކެއް އުޅޭ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.
"އަޅުގަނޑަށް ވަރަށް މައުލޫމާތު ލިބޭ އެބަ، ފުލުހުންގެ ތެރެއިން މަދު ކުދިންކޮޅެއް ރައްޔިތުންގެ މަޖިލީހުގެ ވަކިވަކި މެންބަރުންގެ އެކިއެކި ކަންކަން ރެއިޑް ކުރުމަށް، ބެލުމަށް، މަސައްކަތް ކުރަމުންދާ ކަމަށް،" ރައީސް ނަޝީދު ވިދާޅުވި އެވެ.
ރައީސް ނަޝީދު ވިދާޅުވީ، ފުލުހުންގެ ހިދުމަތުގެ ބިލުގެ ސަބަބުން ފުލުހުންގެ މުއައްސަސާއަށް ގިނަ އިސްލާހުތަކެއް އަންނާނެ ކަމަށެވެ. އެ މަސައްކަތް ކުރާތީވެ، ފުލުހުންގެ އުސޫލުން ބޭރުން މަޖިލީހުގެ ވަކި މެންބަރުންތަކަކަށް އަމާޒުކޮށްގެން ވަކި ބާވަތެއްގެ ކަމެއް ނުކުރުމަށް އެދިވަޑައިގަންނަވާ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.
"އަޅުގަނޑު މި ދެންނެވި ގޮތަށް މަޖިލީހުގެ އިއްޒަތްތެރި މެންބަރުންގެ ގެކޮޅަށް ވިޔަސް، ސައިކަލަކަށް ވިޔަސް، އެހެން ރައްޔިތަކަށް ޝައުގުވެރިކަން ނުދޭ މިންވަރަށް، ފުލުހުންގެ އުސޫލުތަކާ ހިލާފަށް މެންބަރުން ހުއްޓުވައި ބަލައިފާސްކޮށް ގެކޮޅަށް ގޮސް ބަލައި ފާސް ކުރުމުގެ ކަންކަން ނުކުރަން ފުލުހަށް އެދެން،" ނަޝީދު ވިދާޅުވި އެވެ.
ފުލުހުންގެ ހިދުމަތުގެ ބިލުގެ އިބްތިދާއީ ބަހުސްގެ މަރުހަލާގައި އެމްޑީޕީގެ ބައެއް މެންބަރުން ވަނީ ފުލުހުންނަކީ އެއްވެސް އަހްލާގެއް ނެތް ބަޔެއްގެ ގޮތުގައި ސިފަކުރައްވައިފަ އެވެ. އަދި ފުލުހުންނަށް އާދައިގެ ޔުނީފޯމެއް ދިނުމަށް ވެސް ބައެއް މެންބަރުން ގޮވާލެއްވި އެވެ.
އެމްޑީޕީގެ ބައެއް މެންބަރުން ދެއްކެވި މި ވާހަކަތަކާ ގުޅިގެން ގިނަ އަދަދެއްގެ ފުލުހުންނާއި އާންމުންގެ ފާޑުކިއުންތައް ވެސް އެމްޑީޕީގެ މެންބަރުންނަށް އަމާޒުވި އެވެ. ބައެއް މެންބަރުންގެ ވާހަކަތަކަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު އާއި ފުލުހުންގެ މުއައްސަސާއެއްގެ ބައެއް އިސް އޮފިސަރުން ވެސް ރައްދު ދެއްވައިފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ