ކުޅިވަރު އެކެޑަމީތަކަށް ޖޮބް ސެންޓަރު މެދުވެރިކޮށް އެހީވަނީ

ކޮރޯނާވައިރަސް (ކޮވިޑް-19) އާ ގުޅިގެން އަސަރުކޮށްފައިވާ ކުޅިވަރު އެކެޑަމީތަކަށް ސަރުކާރުގެ ޖޮބް ސެންޓަރު މެދުވެރިކޮށް އެހީވާން ކުޅިވަރާ ބެހޭ ވުޒާރާ އިން ނިންމައިފި އެވެ.
ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ ކުޅިވަރު އެކެޑަމީތަކުން ވަނީ އެ އެކެޑަމީތަކުގެ ހަރަކާތްތައްވެސް ހުއްޓާލާފައެވެ. މީގެ ތެރެއިން ގިނަ އެކެޑަމީތަކުގެ ކޯޗުންނަކީ އެ އެކެޑަމީތަކުން ލިބޭ މުސާރައަށް ބަރޯސާވާ ކޯޗުންނަށް ވާއިރު، މިފަދަ ދަނޑިވަޅެއްގައި އެ ކޯޗުންނަށް ގިނަ ގޮންޖެހުންތަކަކާއި ކުރިމަތިލާން ޖެހޭނެއެވެ.
ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ދާދި ފަހުން ކުޅިވަރު އެސޯސިއޭޝަންތަކާ އެކު ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހުލޫފް ބޭއްވި ބައްދަލުވުމުގައި ވަނީ ކޯޗުންނާއި އެކެޑަމީތަކަށް އެހީތެރިކަން ފޯރުކޮށްދެވޭނެ ގޮތްތަކާ ބެހޭގޮތުން މަޝްވަރާކޮށްފަ އެވެ.
ކޮވިޑް-19 އާ ގުޅިގެން ޕްރައިވެޓް ސެކްޓަރުގައި މަސައްކަތްކުރާ ގިނަ ބައެއްގެ ވަޒީފާ ގެއްލި މުސާރަ ކުޑަކުރުމާއި ނޯޕޭ އަށް ފޮނުވާލުމުގެ ކަންކަން ހިނގަމުންދާތީ ސަރުކާރުން ވަނީ ޖޮބް ސެންޓަރެއް ގާއިމުކޮށް އެފަދަ ފަރާތްތަކުން ރަޖިސްޓްރީ ވުމަށް ހުޅުވާލާފައެވެ.
ރާއްޖެ.އެމްވީ އަށް މައުލޫމާތު ދެމުން ކުޅިވަރާ ބެހޭ ވުޒާރާގެ އޮފިޝަލަކު ބުނީ އެކެޑަމީތައް ހިންގަނީ ވިޔަފާރިއެއް ގޮތުގައި ރަޖިސްޓްރީކުރެވިގެން ކަމަށާއި އެހެންކަމުން ސަރުކާރުން ކަނޑައަޅާފައިވާ ސްކީމްގައި އެކެޑަމީތަކުގެ ކޯޗުންނަށް ބައިވެރިވެވޭނެ ކަމަށެވެ.
ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އެކި ކުޅިވަރުތަކުގެ އެކެޑަމީތައް އަންނަނީ ހިންގަމުންނެވެ. އަދި ހާއްސަކޮށް މާލެ ސަރަހައްދުގައި ގިނަ ފުޓްބޯޅަ އެކެޑަމީތައް ހިންގަ އެވެ.
ކޮވިޑް-19 އާ ގުޅިގެން އެކެޑަމީތައް ވަގުތީ ގޮތުން ހުއްޓިފައިވާއިރު، ކުޅިވަރާ ބެހޭ ވުޒާރާއިން ވަނީ އެ ވުޒާރާގެ ދަށުގައިވާ ހުރިހާ ކުޅިވަރު ކުޅެ ތަންތަނާއި މަރުކަޒުތައް މާޗު މަހުގެ 15 ވަނަ ދުވަހުން ފެށިގެން ބަންދު ކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ