އެމްއެމްޕީއާރުސީގެ ފައިސާ ލިބުނުކަމަށް ތުހުމަތުކުރާ ފަސް ފުލުހެއްގެ ތަޙްޤީޤު ފަށައިފި

މޯލްޑިވްސް މާރކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމެއެމްޕީއާރުސީ) ގެ ޚިޔާނާތުގެ ފައިސާ ލިބިފައިވާކަމަށް ފާހަގަ ވެފައިވާ ފަސް ފުލުހެއްގެ ޖިނާއީ އަދި އިދާރީ ތަޙްޤީޤު ފަށައިފައިވާކަމަށް ފުލުހުން ހާމަކޮށްފިއެވެ.
ތަހްޤީޤު ކުރިއަށް ދާއިރު މި ފަސް ފުލުހުންވެސް ތިބީ މަސްއޫލިއްޔަތުން ދުރުކޮށްފައި ކަމަށް ފުލުހުންގެ މިޑީއާއިން މަޢުލޫމާތު ދެއްވިއެވެ.
އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ 267 ފަރާތަކަށް ލިބިފައިވާކަމަށް ކުރިންވެސް ފުލުހުން ވަނީ ހާމަކުރައްވައިފިއެވެ.  އޭގެތެރޭގައި ފުލުހުންގެ ވަޒީފާއިގައި ދެމިތިބި ފުލުހުންނާއި ވަޒީފާއިން ވަކިވެފައިވާ ފުލުހުން ވެސް ހިމެނޭ ކަމަށް މިދިޔަ އަހަރު ފުލުހުން ވަނީ ހާމަކުރައްވައިފައެވެ. އަދި ޕޮލިސްކޮމިޝަރަކާއި ޑެޕިއުޓީ ޕޮލިސް ކޮމިޝަނަރަކު ގިނަ ޢަދަދެއްގެ ފައިސާ ނަގައިފައިވާ ކަމަށް ވެސްަ ވަނީ ހާމަކުރައްވައިފައެވެ.
ފައިސާ ލިބިފައިވާ ފަރާތްތަކުގެ ތެރޭގައި 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ 44 މެމްބަރަކާއި 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ 16 މެމްބަރެއް ހިމެނޭކަމަށް ވެސް ވަނީ ވިދާޅުވިއެވެ. މިނިވަން މުޢައްސާސާތަކުގެ 5 މެމްބަރުންނާއި ކުރީ ސަރުކާރުގެ އިސްމަޤާމުގެ ތަކުގައި ތިއްބެވި 23 ފަރާތަކާއި މިހާރުގެ ސަރުކާރުގެ ހަތް ފަރާތެއް ވެސް މިޚިޔާނާތުގައި ބައިވެރި ވި މީހުންގެ ތެރޭގައި ހިމެނޭކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ. ކުރިއާއި މިހާރުގެ ހަ ފަނޑިޔާރަކާއި ސަލާމަތީ ބާރުތަކުގެ 7 އޮފިސަރެއް ހިމެނޭ ކަމަށް ވެސް ވަނީ ހާމަކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ