ހައްޖު އަދާކުރުމަށް ފައިސާ ދޫކުރުމާ ބެހޭ އެއްބަސްވުމެއްގައި ސޮއިކޮށްފި

ފަރުޟު ޙައްޖުގެ އަޅުކަން އަދާކުރުމަށް ފައިސާ ދޫކުރުމާއި ގުޅޭގޮތުން މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑާ ޕެންޝަން އޮފީހާއި ދެމެދު 18 ޖޫން 2019 ވީ އަންގާރަ ދުވަހު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
އެ ކޯޕަރޭޝަނުން ބުނެފައިވަނީ މި އެއްބަސްވުމުގެ މަޤްޞަދަކީ ފަރުޟު ޙައްޖުވުމަށް މޯލްޑިވްސް ރިޓަޔަރމަންޓް ޕެންޝަން ސްކީމުން ފައިސާ ދައްކަން އެދޭ ފަރާތްތަކަށް އެ ފުރުޞަތު ފަހިކޮށްދިނުމެވެ.
މިއެއްބަސްވުމުގައި މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑުގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިންގ ޑިރެކްޓަރ އިސްމާއިލް ޙަމީދެވެ. ޕެންޝަން އޮފީހުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސަރ މުޙައްމަދު ޙުސައިން މަނިކެވެ.
އެއްބަސްވުމުގެ ދަށުން ފަރުޟު ޙައްޖު އަދާކުރުމަށް ރިޓަޔަރމަންޓް ސޭވިންގްސް އެކައުންޓުގެ ފައިސާ ބޭނުންކުރުމުގެ ޝަރުތު ހަމަވާކަން ކަނޑައަޅާ، އެފައިސާ އެ ކޯޕަރެޝަނަށް ދޫކުރާނީ ޕެންޝަން އޮފީހުން ކަމަށް ބުނެފައިވެއެވެ. އަދި މިކަމަށް އެދުމުގެ ފުރުޞަތު މި މަހުގެ 26 ވަނަ ދުވަހު ހުޅުވާލާނެ ކަމަށްވެސް ބުނެފައިވެއެވެ.
އެ ކޯޕަރޭޝަނުން ނެރެފައިވާ އިއުލާލެއްގައި ބުނެފައިވަނީ ޕެންޝަން އޮފީހުން ކަނޑައަޅާފައިވާ އުޞޫލާއި އެއްގޮތަށް ފަރުޟު ޙައްޖު އަދާމުރުމަށް ރިޓަޔަރމަންޓް ސޭވިންގްސް އެކައުންޓުގައިވާ ފައިސާ ބޭނުންކުރުމުގެ ޝަރުތު ހަމަވާ ފަރާތްތަކަށް އެފަރާތެއްގެ ޙައްޖު ދަތުރުގެ އަގުގެ ބައެއް ދެއްކުމަށް އެފައިސާ ބޭނުން ކުރެވޭނެ އިންތިޒާމް ޕެންޝަން އޮފީހާއި ގުޅިގެން އެ ކޯޕަރޭޝަނުން ހަމަޖައްސައިދޭނެ ކަމަށެވެ.
ޙައްޖު ކޯޕަރޭޝަނުން އިތުރަށް ބުނެފައިވަނީ ހައްޖަށް ދިއުމަށް އެ ކޯޕަރޭޝަނަށް ފައިސާ ދައްކަވާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ފަރާތްތަކަށް ހައްޖުގެ އަގުގެ 50 ޕަސެންޓް ފައިސާ އެ ކޯޕަރޭޝަނަށް ދެއްކެވުމުން، އެފަރާތަކަށް ހައްޖަށް ދިއުމުގެ ޖާގަ ކަށަވަރުކޮށްދީ ސްލޮޓް ލިސްޓުން ޖާގަ ދޭނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ