ސޮނޭވާ ޖާނީން އިންސްޕެކްޝަނަށް މަކަރު ހެދި މައްސަލައިގެ ތަހުގީގު ފަށައިފި

ފަތުރުވެރިންނަށް ހިދުމަތްދޭ ތަންތަން އިސްލާހު ކުރުމަށް ޓޫރިޒަމް މިނިސްޓްރީން ހިންގާ އިންސްޕެކްޝަނަށް މަކަރު ހެދިކަމަށް ތުހުމަތު ކުރެވޭ ސޮނޭވާ ޖާނީ ރިސޯޓުގެ މައްސަލަ ބަލަން ފަށައިފި އެވެ.
ޓޫރިޒަމް އެމްޕްލޯއީޒް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީމް) އިން ތުހުމަތު ކުރާ ގޮތުގައި ނ. އަތޮޅުގައި ހިންގާ ސޮނޭވާ ޖާނީ ރިސޯޓުން ޓޫރިޒަމް މިނިސްޓްރީގެ އިންސްޕެކްޝަން ޓީމަށް އޮޅުވާލީ ގަވާއިދާ ހިލާފަށް އެތަނުގައި މަސައްކަތް ކުރާ ގިނަ އަދަދެއްގެ މުވައްޒަފުން އެހެން ދެ ރަށަކަށް ފޮނުވާލައިގެން ކަމަށެވެ.
ސީއެންއެމް އަށް ކަށަވަރުވެފައިވާ ގޮތުގައި ޓޫރިޒަމް މިނިސްޓްރީން ވަނީ އެ ތުހުމަތާއި ގުޅިގެން މައްސަލަ ބަލަން ފަށާފަ އެވެ.
މިނިސްޓްރީގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އެ މައްސަލަ އިންސްޕެކްޝަން ޓީމުގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށެވެ. އެކަމަކު ތަހުގީގު ކުރިއަށް ދާތީ އިތުރު މައުލޫމާތެއް ހިއްސާ ނުކުރެއްވި އެވެ.
ޓީމްގެ ސެކެޓްރީ ޖެނެރަލް މައުރޫފް ޒާކިރް ސީއެންއެމް އަށް ވިދާޅުވީ މިނިސްޓްރީގެ ތަހުގީގީ ޓީމުން އިއްޔެ އެ ރިސޯޓަށް ދިޔުމުގެ ކުރިން ގަވާއިދާ ހިލާފަށް އެތަނުގައި މަސައްކަތް ކުރާ މުވައްޒަފުން އެހެން ދެ ރަށަކަށް ފޮނުވާލި ކަމަށެވެ.
އެ މުވައްޒަފުންނަކީ އެއްވެސް ލިޔެކިޔުމެއް ނެތި ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީން ކަމަށާއި މިނިސްޓްރީގެ ޓީމެއް ރިސޯޓަށް ދާނެ ވަގުތަށް އެމީހުން ރިސޯޓުން ބޭރު ކުރި ކަމަށް މައުރޫފް ވިދާޅުވި އެވެ.
"އަންޑޮކިޔުމެންޓެޑް" ނުވަތަ ލިޔެ ކިޔުމެއް ނެތި މަސައްކަތް ކުރާ 50 ވަރަކަށް މުވައްޒަފުން ސޮނޭވާ ޖާނީ ރިސޯޓު ކައިރީގައި އޮންނަ މިނާރު ނަމަކަށް ކިޔާ ސިނާއީ ރަށަކަށް ފޮނުވާލި ކަމަށެވެ.
އޭގެ އިތުރުން ބިޒްނަސް ވިސާ އާއި ޓޫރިސްޓް ވިސާގެ ދަށުން ޖާނީ ގައި މަސައްކަތް ކުރާ ބިދޭސީން މަނަދޫ އަށް ފޮނުވާލާފައިވާ ކަމަށް ވެސް ޓީމުން ތުހުމަތު ކުރެ އެވެ.
ފަތުރުވެރިކަމުގެ ދާއިރާގެ މުވައްޒަފުންގެ ހައްގުގައި މަސައްކަތް ކުރާ އެ ޖަމިއްޔާ އިން ވަނީ އެފަދަ އަމަލުތައް ހުއްޓުވުމަށް ޓޫރިޒަމް މިނިސްޓްރީ އަށް ގޮވާލާފަ އެވެ.
މިނިސްޓްރީން ކުރިއަށް ގެންދާ އިންސްޕެކްޝަނުތައް މިހާރަށް ވުރެ ހަރުދަނާކޮށް ކުރުމަށް ވެސް ޓީމުން ވަނީ ގޮވާލާފަ އެވެ. ޓީމުގެ ތުހުމަތުތަކާއި ގުޅޭ ގޮތުން ސޮނޭވާ ޖާނީ ރިސޯޓުން ވަކި އެއްޗެއް ބުނާކަށް ބޭނުމެއް ނުވި އެވެ.
ސޮނެވާ އަކީ ފަސް ތަރީގެ ރިސޯޓް ހިންގާ ކުންފުންޏަކަށް ވާއިރު ރާއްޖޭގައި ސޮނެވާގެ ދެ ރިސޯޓެއް ހިންގަ އެވެ. އެއީ ނ. މެދުފަރުގައި ހިންގާ ސޮނެވާ ޖާނީ އަދި ބ. ކުންފުންދޫ ގައި ހިންގާ ސޮނެވާ ފުއްޓެވެ.
ފަތުރުވެރިންނަށް ހިދުމަތްދޭ ތަންތަނުގެ އިންސްޕެކްޝަން ފެށީ މިއަހަރުގެ ކުރީކޮޅު އެފަދަ ބައެއް ތަންތަނުގައި ހިނގި އަލިފާނުގެ ހާދިސާތަކާއި، ފަތުރުވެރިން ގެނބިގެން މަރުވާ މައްސަލަ އިތުރުވުމުންނެވެ.
އެ މިނިސްޓްރީން ކުރިއަށް ގެންދާ އިންސްޕެކްޝަންތައް ކުރިއަށް ގެންދަނީ ވަރަށް ބަލައިގެން، ފުރިހަމަކޮށްކަމަށް މީގެކުރިން މިނިސްޓަރު އަލީ ވަހީދު ވަނީ ވިދާޅުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ