އެމްޕީއެލުން ވައްކަންކުރަން އުޅުނު މީހަކު ހައްޔަރުކޮށްފި

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ވައްކަންކުރަން އުޅެނިކޮށް ރޭ މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ މީޑިއާގެ އޮފިޝަލަކު ވިދާޅުވީ ސްޓާފް އޭރިޔާގެ އޮފީހުން ވައްކަން ކުރަން އުޅެނިކޮށް 19 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެ މައްސަލަ އިތުރަށް ތަހުގީގުކުރަމުން އަންނަ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
އެމްޕީއެލްގެ އޮފިޝަލަކު ވިދާޅުވީ ވައްކަންކުރަން ވަން މީހާ ވަދެގެން ދާތަން ފެނިގެން ހިފެހެއްޓީ ސެކިއުރިޓީން ކަމަށެވެ. އެހެންވެ އޭނާއަކަށް އެއްވެސް އެއްޗެއް ނުގެންދެވެ އެވެ.
މިދިޔަ ހަފުތާގައި ވެސް އެމްޕީއެލްގެ ހިއުމަން ރިސޯސް (އެޗްއާރު) ގެ އެޑްމިން އޮފީހުގެ ސީސީޓީވީ ކެމެރާ ހަލާކުކޮށްލުމަށް ފަހު މީހަކު ވަދެފައިވެ އެވެ. ލިޔެކިޔުންތަކެއް ފިޔަވައި އިތުރު އެއްޗެއް އެރޭ ގެންގޮސްފައިނުވާ ކަމަށް އެތަނުން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ