މުވައްޒަފުންނަށް ފިޔަވަޅު އެޅުން ހުއްޓުވުމުގެ އަމުރަކަށް ބީއެމްއެލްއިން އެދިއްޖެ

ތަހުގީގީ އިދާރާތަކަށް މައުލޫމާތު ފޯރުކޮށްދިނުމާ ގުޅޭ ގޮތުން ޝަރީއަތުން ގޮތެއް ކަނޑައެޅެންދެން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ މުވައްޒަފުންނަށް ފިޔަވަޅު އެޅުން ހުއްޓުވުމުގެ ވަގުތީ އަމުރަކަށް އެ ބޭންކުން އެދިއްޖެއެވެ.
ފަދަ އަމުރަކަށް ބީއެމްއެލްއިން އެދުނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އުފައްދަވާފައިވާ އެސެޓް ރިކަވަރީ ކޮމިޝަނާ ދެކޮޅަށް އެ ބޭންކުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައަކާއި ގުޅިގެން މިއަދު ބޭއްވި ޑިސްޕިއުޓް މަރުހަލާގައެވެ.
ބީއެމްއެލްއިން ސިވިލް ކޯޓަށް މައްސަލައެއް ހުށައަޅާފައިވަނީ ދެ އެކައުންޓެއްގެ މަޢޫލޫމާތު އޮޅުންފިލުވުމަށް އެސެޓް ރިކަވަރީ ކޮމިޝަންގެ ފަރާތުން ބޭންކުގައި އެދިފައިވުމުން އެކަމުގައި ގޮތެއް ކަނޑައާޅައިދިނުމަށް އެދިއެވެ. މި މައްސަލައަށް އޭސީސީން ވެސް ވަނީ ތަދައްޚުލުވެފައެވެ.
ތަޙްޤީޤީ އިދާރާތަކުން ބަލަމުންދާ މައްސަލަތަކުގައި ބޭންކް އޮފް މޯލްޑިވްސްއިން ހޯދަން ބޭނުންވާ ބައެއް މަޢުލޫމާތު ހޯދުމަށް ބޮޑެތި ދަތިތަކެއް ކުރިމަތިވަމުން އަންނަކަމަށް ފުލުހުންނާއި، އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ވަނީ ވިދާޅުވެފައެވެ. އެ ކޮމެޓީގައި ވާހަކަފުޅު ދައްކަވަމުން ފުލުހުން އަދި އޭސީސީން ވަނީ ބީއެމްއެލްގެ އެނިންމުމުގެ ސަބަބުން ކުރިއަށް އޮތްތަނުގައި ތަހުގީގީ އިދާރާތަކުން ތަހުގީގުކުރާ މައްސަލަތައް ނިންމުމަށާއި އިންސާފު ހޯދުމަށް ވަރަށް ބޮޑެތި ދަތިތަކާއި ކުރިމަތިލާންޖެހޭނެ ކަމަށް ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ