ރަށްތައް ހިންގުމުގެ ހުރިހާ ކަމެއް ކައުންސިލަށް ދޫކޮށްލާނަން: ރައީސް

ސަރުކާރުގެ ސިޔާސަތަކީ ރާއްޖޭގެ ރަށްތައް ހިންގުން އެރަށެއްގެ ކައުންސިލަށް ދޫކޮށްލުން ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ރައީސް ޞާލިހް މިހެން ވިދާޅުވީ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ހާސިލުކުރައްވަން ކަނޑައަޅުއްވާފައިވާ ވައުދުތަކުގެ ތެރެއިން، ލާމަރުކަޒީ ނިޒާމުގެ ދާއިރާއަށް އަމާޒުކުރައްވާފައިވާ ވައުދުގެ ދަށުން، ރަށު ކައުންސިލްތަކުން ބޭނުންކުރުމަށްޓަކައި ފަރުމާކޮށްފައިވާ ވެބް ޕޯޓަލް "އައިލެންޑްސް.އެމްވީ" އިފްތިތާހް ކޮށްދެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެގޮތުން ރަށްރަށުގައި ހިންގާ ވިޔަފާރިތައް ފަދަ ކަންކަން ވެސް ކައުންސިލްތަކުގެ ދަށަށް ދޫކޮށްލަން ސަރުކާރުން ވިސްނަމުންދާ ކަމަށްވެސް ރައީސް ވިދާޅުވި އެވެ. އަދި ލޯކަލް ޓޫރިޒަމާ އެކު ރަށްރަށުގެ ފުދުންތެރިކަން ވެސް އިތުރު ކުރުމަކީ ސަރުކާރުގެ އަމާޒެއް ކަމަށްވެސް ރައީސް ވިދާޅުވި އެވެ.
"ޖަޒީރާވަންތަ ގޮތެއްގައި ރާއްޖެ ތަރައްގީ ކުރަން އަޅުގަނޑުމެން މަސައްކަތް ކުރާއިރު ރަށްރަށުގެ ފުދުންތެރިކަން އިތުރު ކުރަންޖެހޭ. ހިންގުމާ އެކީގައި މާލީގޮތުން ފުދުންތެރި ކުރުވުން އެއީ އަޅުގަނޑުމެންގެ އެއް ސިޔާސަތު." ރައީސް ޥިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ލޯކަލް ޓޫރިޒަމަށް ހާއްސަ ކޮށްގެން ނެރުނު ވެބްސައިޓުގެ ސަބަބުން ރަށްރަށުގެ ލޯކަލް ޓޫރިޒަމް މިހާރަށްވުރެ ބޮޑަށް ފުޅާވެ ކުރި އަރާނެ ކަމަށެވެ. އަދި އެ ވެބްސައިޓް ބެލެހެއްޓުމުގެ ޒިންމާވެސް ސަރުކާރުން ހަވާލުކުރާނީ އެރަށެއްގެ ކައުންސިލާ ކަމަށްވެސް ރައީސް ވިދާޅުވި އެވެ. ރައީސް ވިދާޅުވީ އެމަނިކުފާނު އިފްތިތާހު ކޮށްދިން ވެބްސައިޓުގެ ފައިދާ ލިބޭނީ ހަމައެކަނި ރާއްޖޭ އަންނަން ބޭނުންވާ ފަތުރުވެރިޔާއަކަށް ނޫން ކަމަށެވެ. އެކަމުގެ ފައިދާ ދިވެހި ރައްޔިތުންނަށްވެސް ކުރާނެ ކަމަށް ވިދާޅުވި އެވެ.
"އައިލެންޑްސް އެމްވީ" ވެބްސައިޓަކީ ރާއްޖޭގެ ރަށްރަށުގައި ހުރި ގެސްޓް ހައުސްތަކުގެ މައުލޫމާތާއި، ވޯޓާ ސްޕޯޓްސްގެ މައުލޫމާތާއި ރަށުގެ ގުދުރަތީ ވަސީލަތްތަކުގެ މައުލޫމާތާއި، އާސާރީ ތަންތަނުގެ މައުލޫމާތުގެ އިތުރުން އެރަށެއްގައި ހުންނަ ރެސްޓޯރަންޓު ތަކުން ލިބެން ހުންނަ ކެއުމުގެ ބާވަތްތަކުގެ މައުލޫމާތު ހިމަނައިގެން ލޯކަލް ޓޫރިޒަމް މާކެޓް ކުރުމަށް ނޭޝަނަލް ސެންޓާ ފޯ އިންފޮމޭޝަން އެންޑް ޓެކްނެލޮޖީ (އެންސީއައިޓީ) ތައްޔާރުކުރި ވެބްސައިޓެކެވެ.
އައިލެންޑްސް.އެމްވީ އިން ރަށުގައި ފަތުރުވެރިކަމާ ގުޅޭ ކަންކަން ބެލެހެއްޓުމާއި، ރަށުން ލިބެން ހުންނަ ހުރިހާ ޚިދުމަތްތަކެއްގެ މައުލޫމާތު އެއްތަނަކުން ލިބި، ރަށު ކައުންސިލްތައް މެދުވެރިކޮށް ހުރިހާ ދާއިރާއަކުން ރަށާބެހޭ މައުލޫމާތު އިސްތިހާރު ކުރެވޭނެ ފުރުސަތު ފަހިވެގެން ދާނެއެވެ. މިގޮތުން، އެރަށަކަށް ލިބިފައިވާ ޚާއްޞަ ކަންކަމާއި، ރަށުގައި ލިބެންހުރި ވަސީލަތްތަކާއި، ރަށުގެ އިޤްތިޞާދާ ބެހޭ މައުލޫމަތު ފޯރުކޮށްދޭނެ ޑިޖިޓަލް ފްރަންޓް އޮފީހެއްގެ ގޮތުގައި މި ވެބް ޕޯޓަލް ބޭނުން ކުރެވޭނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ