އަދުރޭ އޭސީސީއަށް ހާޒިރުކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހާޒިރުކޮށްފިއެވެ.
ޕީއެންސީގެ ވަގުތީ ރައީސްގެ މަގާމުވެސް ފުރުއްވަމުން އަންނަ އަބްދުއްރަހީމް އޭސީސީއަށް ހާޒިރުކޮށްފައިވާކަން އިއުލާންކޮށްފައިވަނީ ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފް، މިއަދުގެ މަޖިލީހުގެ ޖަލްސާ ތެރެއިންނެވެ.
އާރިފް ވިދާޅުވީ އަބްދުއްރަހީމް މިހާރު ހާޒިރުކޮށްފައިވާ ކަމަށާއި، 11:00 ގައި އޭނާވެސް ހާޒިރުވާން އަންގާފައިވާ ކަމަށެވެ. ނަމަވެސް ހާޒިރުވާން އެންގީ ކޮން މައްސަލައަކާ ގުޅިގެން ކަމެއް އާރިފް ހާމައެއް ނުކުރައްވައެވެ.
އަދުރޭ ވަނީ ކުރީގެ ރައީސް ޔާމީން ހައްޔަރުކުރުމާ ގުޅިގެން އިދިކޮޅު ކޯލިޝަނުން ދެއްވި ޕްރެސް ކޮންފަރެންސެއްގައި، އެމްޑީޕީގެ މެމްބަރުންގެ ތެރެއިން ފައިސާ ނަގާފައިވާ ބޭފުޅުން އެނގިވަޑައިގަންނަވަން ބޭނުންފުޅުވާނަމަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އޭނާގެ އަރިހަށް ވަޑައިގަތުމަށް ދައުވަތު އަރުވާފައެވެ.
ބެލެވޭ ގޮތުގައި އޭނާ ހާޒިރުކޮށްފައިވަނީ އެހެން ވިދާޅުވުމާ ގުޅިގެން، އެކަން ސާފު ކުރުމަށެވެ. ރައީސް ސޯލިހް ވަނީ އެމަނިކުފާނުގެ ސަރުކާރަކީ ޒީރޯ ކޮރަޕްޝަނުގެ ސަރުކާރަކަށް ހެއްދެވުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ