މުޣުނީގެ މައްސަލަ ގައުމީ މަޖިލީހަށް ނުފޮނުވީ އަވަސް ކުރަން: އެމްޑީޕީ

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ވެރިކަން ކުރާ ޕާޓީ، އެމްޑީޕީގެ ޓިކެޓްގައި ތިނަދޫ އުތުރު ދާއިރާއަށް ވާދަކުރައްވާ ކެންޑިޑޭޓް އަބްދުލް މުޣުނީ އަށް ކުރާ ތުހުމަތުތަކާ ގުޅިގެން އޭނާ އާ މެދު ފިޔަވަޅު އެޅުމަށް އެމްޑީޕީގެ ގައުމީ މަޖިލީހަށް ނުފޮނުވީ އޭނާއާ މެދު އަޅަން ޖެހޭ ފިޔަވަޅަކީ އަވަހަށް އަޅަން ޖެހޭ ފިޔަވަޅެއް ކަމަށް ޕާޓީއަށް ގަބޫލު ކުރެވޭތީ ކަމަށް އެޕާޓީން ބުނެފިއެވެ. ކުރީގެ އަންހެނުންނަށް ގެވެށި އަނިޔާ ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި މުޣުނީއަށް އެމްޑީޕީން ކުރާ ތާއީދު އަނބުރާ ގެންދިއުމަށް އިއްޔެ އެ ޕާޓީގެ އިސް ފަރާތްތަކުން ނިންމަވާފައިވާ ކަން އެމްޑީޕީން ވަނީ ބުނެފައެވެ. މިއަދު އެމްޑީޕީ މަޖިލިސް ކެމްޕެއިން އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި "ސަން" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އެޕާޓީގެ ސެކެޓްރީ ޖެނެރަލްގެ ނައިބު އަދި މަޖިލިސް ކެމްޕެއިން ތަރުޖަމާނު އަފްޝަން ލަތީފު ވިދާޅުވީ، އެ ނިންމުމަކީ ސިޔާސީ ނިންމުމެއް ކަމަށާއި ގައުމީ މަޖިލީހާއި ޕާޓީގެ ފިޔަވަޅު އަޅާ ގުނަވަންތަކުން މުޣުނީއާ މެދު ފިޔަވަޅު އެޅުމަށް ނުފޮނުވީ، އޭނާއާ މެދު ކުރެވޭ ތުހުމަތުތަކަކީ ސީރިއަސް ތުހުމަތުތަކެއް ކަމުން އެ ފިޔަވަޅަކީ އަވަހަށް އަޅަން ޖެހޭ ފިޔަވަޅެއް ކަމަށް ޕާޓީއަށް ގަބޫލު ކުރެވޭތީ ކަމަށެވެ. "އަޅުގަނޑުމެން ނިންމީ ވަރަށް އަވަހަށް އެކްޝަން ނަގަން ޖެހޭ ކަމެއް ކަމަށް. އަދި އެއީ ސިޔާސީ ނިންމުމަކަށް ވާން ޖެހޭ ކަމެއް ކަމަށް،" އެމްޑީޕީގެ ފިޔަވަޅު އަޅާ ގުނަވަންތަކާއި އެ ޕާޓީގެ ގައުމީ މަޖިލީހަށް މުޣުނީއާ މެދު ފިޔަވަޅު އަޅަން ހުށަނޭޅީ ކީއްވެގެންތޯ ސުވާލު ކުރުމުން އަފްޝަން ވިދާޅުވިއެވެ. އެފަދަ ބޮޑު ނިންމުމެއް ޕާޓީގެ އިސްފަރާތްތަކަށް ނިންމިދާނެ ކަމަށް ގަބޫލު ކުރައްވަންތޯ ސުވާލު ކުރުމުން އަފްޝަން ވިދާޅުވީ ޕާޓީގެ ލީޑާޝިޕަށް ސިޔާސީ ނިންމުމެއް ނިންމޭނެ ކަމަށެވެ. "އަޅުގަނޑުމެން ގަބޫލު ކުރާ ގޮތުގައި ޕާޓީގެ ލީޑާޝިޕަށް ސިޔާސީ ނިންމުން ނިންމޭނެ،" އަފްޝަން ވިދާޅުވިއެވެ. އެމްޑީޕީން އެ ޕާޓީގެ ކެންޑިޑޭޓަކާ މެދު އެފަދަ ބޮޑު ފިޔަވަޅެއް އަޅާއިރު، ވަރަށް ބޮޑަށް ވިސްނާފައި ކަމަށް އޭނާ ވިދާޅުވިއެވެ. ކުރިން ފިޔަވަޅު ނޭޅި ރަސްމީކޮށް ޝަކުވާ ހުށަހަޅާފައި ނުވާތީ! އަފްޝަން ވިދާޅުވީ، އެމްޑީޕީގެ މަޖިލިސް ޕްރައިމަރީގެ ކުރިން މުޣުނީއާ ގުޅޭގޮތުން އެހާ ސީރިއަސް ތުހުމަތެއް ކޮށް ރަސްމީކޮށް ޕާޓީއަށް ޝަކުވާ ހުށަހަޅާފައި ނުވާ ކަމަށާއި ނަމަވެސް މިހާރު ވަރަށް ބޮޑަށް "ހެކިންނާއި އެކި ބޭފުޅުން" ވަރަށް ބޮޑަށް އެތުހުމަތުތައްކުގެ ވާހަކަ ދައްކައި، މުޣުނީއާ ދެކޮޅަށް އަޑުއުފުލަމުން ގެންދާ ކަމަށެވެ. "އަޅުގަނޑުމެންނަށް [މުޣުނީއާ މެދު ކުރެވޭ ތުހުމަތުތަކުގެ] ތަފްސީލުތައް ނާންނަހާ ހިނދަކު، އަޅުގަނޑުމެންގެ ފިޔަވަޅުއަޅާ ކޮމެޓީއަކަށް ވެސް އެ މައްސަލައެއް ނުއެއް ބެލޭނެ. އަޅުގަނޑުމެންނަށް ގަބޫލު ކުރެވުނީ، މިހާރު ވަރަށް ބޮޑަށް އެވާހަކަތައް ދެކެވިގެންދާއިރު، އޭގެ ހެކިންނާއި އެކި ބޭފުޅުން އެ ވާހަކަތައްކާ މެދު އަޑު އުފުއްލަވަމުންދާއިރު، ޕާޓިން ކޮންމެވެސް ކަހަލަ ފިޔަވަޅެއް އަޅަން ޖެހޭ ކަމަށް،" އަފްޝަން ވިދާޅުވިއެވެ. އަފްޝަން ވިދާޅުވީ، ޕްރައިމަރީއަށް ފަހު މުޣުނީއާމެދު ފިޔަވަޅު އަޅި ނަމަވެސް ޕާޓީގެ "ސްޓޭންޑް އަކީ ގެވެށި އަނިޔާއާ އާއި އެފަދަ އެއްވެސް ތުހުމަތުތަކެއް ކުރެވޭނަމަ ފިިޔަވަޅު އަޅަން ޖެހޭ" ކަމަށެވެ. އަދި މުޢުނީއާ މެދު ފިޔަވަޅު އަޅާފައިވަނީ އެކަން ކަމަށް ރިއާޔަތްކޮށް ކަމަށް އަފްޝަން ވިދާޅުވިއެވެ. މުޣުނީއަށް ކުރާ ތުހުމަތުތަކުން އޭނާ ބަރީއަ ވެއްޖެ ނަމަ ޕާޓީން އަލުން އޭނާ އަށް ތާއީދުކޮށްފާނެތޯ ނޫސްވެރިއަކު ސުވާލު ކުރުމުން އަފްޝަން ވިދާޅުވީ، މުޣުނީއާ މެދު ފިޔަވަޅު އެޅީ އޭނާ އަށް ކުރާ ސިރިއަސް ތުހުމަތުތަކެއްގެ މައްޗަށް ބިނާ ކޮށް ކަމަށާއި އެކަމާ ގުޅިގެން އިތުރު މަޝްވަރާތައް ކުރަމުން އަންނަ ކަމަށެވެ. މުޣުނީ އިއްޔެ "ސަން" އަށް ވިދާޅުވީ، އެނާގެ އަށް ތާއީދު ނުކުރުމަށް އެމްޑީޕީން ނިންމެވީ އޭނާއާ އެއްވެސް ގޮތަށްކަށް ސުވާލެއް ނުކޮށް ކަމަށާއި ޕާޓީން އޭނާ އާ މެދު އެޅި ފިޔަވަޅާ މެދު ކަންބޮޑުވާ ކަމަށެވެ. އަދި މުޢުނީ އަށް ކުރާ ތުހުމަތުތައް ވެސް އޭނާ ދޮގު ކުރެއްވިއެވެ. "[ޕާޓީގެ ފަރާތުން] އެއްވެސް ކަހަލަ ނިންމުމެއް ނިންމާފައިވާ ކަމަށް އަޅުގަނޑަކަށް އަންގާފައި ނެތް. ޕާޓީގެ ގުނަވަނަކުން އަޅުގަނޑާ ސުވާލުކޮށްފައިވެސް ނެތް. ކުޑަމިނުން އެއީ މުޢުނީގެ ކުރީގެ އަނބިމީހާތޯ ވެސް ސުވާލުކޮށްފައި ނެތް. އަޅުގަނޑުގެ ބަހެއް ނެތި ޕާޓީގެ މި ނިންމުމާ ދޭތޭރެ ވަރަށް ބޮޑަށް ކަންބޮޑުވޭ،" މުޢުނީ އިއްޔެ "ސަން" އަށް ވިދާޅުވިއެވެ. https://sun.mv/116928 މުޣުނީއަށް ކުރި ތާއީދު އެ އެމްޑީޕީން އަނބުރާ ގެންދިއުމުން އެކަން ބަދަލުކުރުމަށް ގޮވާލާ އެމްޑީޕީގެ ތިނަދޫ ގޮފިން މިއަދު ގަރާރާރެއް ވެސް ވަނީ ފާސްކޮށްފަ އެވެ. މުޣުނީއާ ތާއީދު ކުރައްވާ ބޭފުޅުން އިއްޔެ ވަނީ ތިނަދޫގައި އެމްޑީޕީގެ އެނިންމުމާ ދެކޮޅާ އަޑުއުފުޅާ އެ ރަށުގައި ހިނގާލުމެއްވެސް ބާއްވާފަ އެވެ. https://sun.mv/116965
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ