ބައެއް މައްސަލަތައް ތަހުގީގުކޮށް ނިމިއްޖެ: ސުއޫދު

މަރާލާފައިވާ ބައެއް މީހުންނާއި ގެއްލިފައިވާ ބައެއް މީހުންގެ މައްސަލަތައް ތަހުގީގުކޮށް ނިމިފައިވާ ކަމަށް، އެ މައްސަލަތައް ބަލަން އުފެއްދި ރިޔާސީ ކޮމިޝަނުން ބުނެފިއެވެ.
އެ ކޮމިޝަންގެ ރައީސް ހުސްނުއް ސުއޫދު ވިދާޅުވީ 24 މައްސަލައިގެ ތެރެއިން ބައެއް މައްސަލަތައް ބަލައި ނިންމާފައިވާ ކަމަށެވެ. ނަމަވެސް އެއީ ކޮން މައްސަލައެއް ކަމެއް އަދި އެ މައްސަލަތަކުގެ އަދަދާއި ތަހުގީގާ ގުޅޭ އެއްވެސް މައުލޫމާތެއް ނުދެއްވަ އެވެ.
އޭނާ ވިދާޅުވީ މައްސަލަތައް ބަލައި ނިމުނުކަމުގައި ވިޔަސް ކޮމިޝަނަށް ގާނޫނީ ބާރުވެރިކަން ނުލިބުމުގެ ސަބަބުން ދަތިތަކާ ދިމާވާ ކަމަށެވެ. އެއީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ފާހަގަކޮށްފައިވާ ގޮތުގައި، ކޯޓަށް ހުށަހެޅޭނީ އެ މައްސަލަ ބަލާ އިދާރާއަކަށް ދިން ބަޔާން އެކަނި ކަމަށްވާތީ އެވެ.
 
މިދިޔަ ނޮވެމްބަރު 17 ވަނަ ދުވަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކޮމިޝަން އުފެއްދެވީ ޖެނުއަރީ 1، 2012 އިން ފެށިގެން ނޮވެމްބަރު 17، 2018 އާ ދެމެދު މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށެވެ. އެގޮތުން އެ މުއްދަތުގެ ތެރޭގައި ހިނގާފައިވާ 24 މައްސަލައެއް ބޭރުގެ ތަޖުރިބާކާރުންގެ އެހީއާއެކު އަންނަނީ ތަހުގީގު ކުރަމުންނެވެ.
އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު ޑރ. އަފްރާޝީމް އަލީ އާއި ބްލޮގަރު ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގެ އިތުރުން ގެއްލިފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާންގެ މައްސަލަ ވެސް ކޮމިޝަނުން އަންނަނީ ބަލަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ