ރައީސް ޞާލިހް ޔާމީނަށް: ޕީޕީއެމްގެ ކެންޑިޑޭޓުން ހޮވަން ދައުލަތުން ނެގި ފައިސާ އަދިވެސް ނުދައްކާ

ކެމްޕެއިނަށް ބަހައްޓާފައި ހުރި ފައިސާ ފްރީޒްކޮށްފައިވާތީ އަދިވެސް "އަތްލެވޭ ގޮތް ނުވެފައިވާ" ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވި ވިދާޅުވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރައްދު ދެއްވައިފިއެވެ.
ހަނިމާދޫއަށް ވަޑައިގެން ހަނިމާދޫ ދާއިރާ އަށް ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް އަބްދުލްޢަފޫރު މޫސާ އަށް ތާއީދު ހޯއްދެވުމަށް އެ ރަށުގައި ބޭއްވި ކެމްޕޭން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ، 2014 ވަނަ އަހަރު ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބަށް ޕީޕީއެމްގެ ކެންޑިޑޭޓުން ހޮވުމަށް ސަރުކާރުގެ ކުންފުނިތަކުން ފައިސާ ނަގައިގެން ޚަރަދު ކުރި ކަމަށާއި އެ ފައިސާ އަދި ވެސް އަނބުރާ ނުދައްކާ ކަމަށެވެ.
"އެމްޕީއެލް އިން ޑޮލަރު ގަތުމަށް ކަމަށް ބުނެ 70 މިލިއަނަށް ވުރެ ގިނަ ރުފިޔާ ނަގައި އެ ފައިސާ ބަހައިގެން, މި ވައްކަން ވެސް އޮތީ ކޮށްފައި. އަދި މިހާތަނަށް ވެސް އެ ފައިސާ އެމްޕީއެލް އަށް ނުދައްކާ" އެމަނިކުފާނު ވިދާޅުވި އެވެ.
ހަމަ ނޭވާ ލެވޭނީ އިދިކޮޅަށް މަޖިލީހުގެ އަގުލަބީޔަތު ލިބިގެން ކަމަށް ބުނެ ޔާމީން ދެއްކެއްވި ވާހަކަ އަށް ރައްދު ދެއްވައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވީ، އިދިކޮޅުގައި އެ ތިއްބެވީ ދައުލަތުގެ މާލިއްޔަތުން ދުވަހަކު ވެސް "ވައްކަން ނުކުރާ ވަރަށް ވައްކަންކޮށް" ހިޔާނާތް ވެފައިވާ ބައެއް ކަމަށެވެ.
"އެ އަނދަވަޅަށް ރާއްޖެ ވައްޓާލުމުގެ ފުރުސަތު ދެން ނުދެވޭނެ, އަޅުގަނޑު ދަންނަވާނީ އެބޭފުޅުންނަށް އެ ފުރުސަތު ދެއްވައިފިއްޔާ ރައްޔިތުން އަނެއްކާ ވެސް ތިބެން ޖެހޭނީ ކުރިން ތިބި ހާލަތުގައޭ،" ރައީސް ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީސް އިންތިޚާބަށް ޕީޕީއެމުން ކުރާ ކެމްޕޭންގައި، މަޑަވެލި ދާއިރާގެ ރައްޔިތުންނާ ފޯނުން ވާހަކަފުޅު ދައްކަވަމުން ޔާމީން ވިދާޅުވީ މަޖިލީސް އިންތިޚާބަށް ބެހެއްޓެވި ފައިސާ ވެސް ބޭނުންކުރެވޭ ގޮތް ނުވެފައިވާ ކަމަށާއި ކެމްޕޭނަށް ތަންތަނަށް ވަޑައިނުގެންނެވުނީ މި ސަރުކާރުން ކަންތައް ކުރި ގޮތުން ކަމަށެވެ.
"ކެމްޕެއިންގައި ހަރަދު ހިނގާނެކަން އެގިހުރެ ކެމްޕެއިނަށް ބަހައްޓާފައި ހުރި ފައިސާ ފްރީޒްކޮށްފައިވާތީ އަދިވެސް "އަތްލެވޭ ގޮތް ނުވެފައިވާ" އެހެންވެ ވަރަށް ދަތި ހާލުގައި ކުރާ މަސައްކަތް މި ކުރަނީ،" ޔާމީން ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ