މެންބަރު އާމިރަށް ޑިއާރްޕީން ދައްކަންޖެހޭ ފައިސާގެ ތެރެއިން ބައެއް ހައިކޯޓުން އުނިކޮށްފި

ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ)އިން ކުޑަ ހުވަދޫ ދާއިރާގެ މެމްބަރު އަހުމަދު އާމިރަށް ދައްކަން ޖެހޭ 16.3 މިލިއަން ރުފިޔާގެ ތެރެއިން ޖޫރިމަނާ ފައިސާ އުނިކުރުމަށްފަހު، ހިދުމަތުގެ އަގަށްވާ ފައިސާ އެކަނި ދެއްކުމަށް ޑީއާރްޕީގެ މައްޗަށް ހައިކޯޓުން ހުކުމްކޮށްފިއެވެ.
މި މައްސަލާގައި ސިވިލް ކޯޓުން 2015ވަނަ އަހަރު ހުކުމް ކުރީ ހިދުމަތުގެ އަގަށްވާ ފައިސާއާ ޖޫރިމަނާއަށްވާ ފައިސާއާ އެކު ޖުމްލަ 16.3 މިލިއަން ރުފިޔާ އާމިރަށް ދެއްކުމަށެވެ. ނަމަވެސް ޑީއާރްޕީން މި މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން ހައިކޯޓުން ވަނީ ޖޫރިމަނާ ފައިސާ އުނިކޮށްފައެވެ.
ސިވިލް ކޯޓަށް އާމިރު އޭރު ހުށަހެޅި މައްސަލައަކީ އާމިރުގެ ވީޑިއޯ ޕްރޮޑަކްޝަން ދެ ސްޓޯޑިއޯއަކުން 2007 ވަނަ އަހަރުން ފެށިގެން 2009 ވަނަ އަހަރާއި ހަމަޔަށް ޑީއާރުޕީއަށް ފޯރުކޮށްދީފައިވާ ހިދުމަތްތަކަކަށް އެ ޕާޓީން އާމިރުއަށް ދައްކަންޖެހޭ ފައިސާގެ ތެރެއިން ނުދައްކާ އޮތް 4.5 މިލިޔަން ރުފިޔާއާއި، އެފައިސާ ނުދެއްކުމުގެ ސަބަބުން އަރާފައިވާ ޖޫރިމަނާ ހޯދުމަށް ހުށަހެޅި މައްސަލައެކެވެ.
ހައިކޯޓުން ވަނީ އާމިރުގެ ސްޓޫޑިއޯއިން ފޯރުކޮށްދިން ޚިދުމަތްތަކުގެ އަގަށްވާ ހަތަރު މިލިއަން ރުފިޔާ ޑީއާރުޕީން ދައްކަން ޖެހޭނެ ކަމަށެވެ. އެކަމަކު ޖޫރިމަނާގެ ގޮތުގައި އަރާފައިވާ 15 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޑީއާރުޕީން ދައްކަން ނުޖެހޭނެ ކަމަށް ހައި ކޯޓުން ނިންމި އެވެ.
ހައިކޯޓުގެ ހުކުމްގައި ބުނެފައިވަނީ އާމިރުގެ ސްޓޫޑިއޯއިން ޑީއާރްޕީއަށް ދިން ހިދުމަތްތަކަށް ދައްކާފައިނުވާ ޖުމްލަ އަދަދު ކަމުގައިވާ ހަތަރު މިލިއަން ސާޅީސް ފަސްހާސް ފަސްސަތޭކަ ރުފިޔާ ސިވިލް ކޯޓަށް ދެއްކުމަށެވެ. އަދި އެއްމަސް ދުވަހުގެ ތެރޭގައި އެ ފައިސާ ދެއްކުމަށްވެސް ހައިކޯޓުން ވަނީ ހުކުމްކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ