ރައީސްގެ އަނބިކަނބަލުން މުލަކު ސްކޫލަށް 100،000 ރުފިޔާ ހަދިޔާކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން އިލްހާމް ހުސެއިން މ. އަތޮޅު މުލަކު ސްކޫލަށް 100،000 ރުފިޔާ ހަދިޔާ ކުރައްވައިފި އެވެ.
ސަން އަށް އެނގިފައިވާ ގޮތުގައި އެ ފައިސާ މުލަކު ސްކޫލަށް ހަވާލުކޮށްފައި ވަނީ ރޭ އެ ސްކޫލްގައި ބޭއްވި ސްކޫލްގެ ބޯޑު މެމްބަރުންގެ ބައްދަލުވުމެއްގަ އެވެ.
ސްކޫލްގެ ޕްރިންސިޕަލް އުދަޔާ ރާޒް މިއަދު ސަން އަށް ވިދާޅުވީ އެ ފައިސާ އަކީ އެ ސްކޫލްގެ ކޮމްޕިއުޓާ ލެބްގެ ފެންވަރު ރަނގަޅުކޮށް އިތުރަށް ތަރައްގީ ކުރުމަށް ބޭނުންވެގެން، ސްކޫލްގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި މީގެ ހަތަރު މަސް ދުވަސް ކުރިން އެދިގެން ހަދިޔާކޮށްފައިވާ ފައިސާއެއް ކަމަށެވެ.
"މިސްކޫލްގައި މިހާރު ބޭނުން ކުރަން ހުރީ ފަސް ކޮމްޕިއުޓަރު. އެ އެއްޗެއްސަކީ މީގެ 10 ނޫނީ 15 އަހަރުން ފެށިގެން ބޭނުން ކުރަމުން އަންނަ އެއްޗެހި އެހެންވެ ސްކޫލުގެ ޑިޕާޓްމަންްޓްގެ ފެންވަރު ރަނގަޅު ކުރަން ބޭނުންވާ ވާހަކަ ވާނީ ރައީސް މިރަށަށް ޒިޔާރަތް ކުރެއްވި ދަތުރުފުޅެއްގައި ނަން ގަނެފައި،" ސްކޫލްގެ ޕްރިންސިޕަލް ވިދާޅުވި އެވެ.
ގައުމައިގެން ކުރިއަށް ކޯލިޝަންގެ ސްޕޯކްސްޕާސަން އަބްދުއްރަޝީދު ނާފިޒު މިއަދު ސަން އަށް ވިދާޅުވީ އެ ފައިސާ އިލްހާމް މުލަކު ސްލޫލަށް ހަދިޔާ ކުރައްވާފައި ވަނީ އަމިއްލަފުޅު ހައިސިއްޔަތުން ކަމަށެވެ.
"މުލަކު ސްކޫލަށް އެކަންތައް ކޮށްދެއްވާނެ ކަމަށް ރައީސް ވަހީދު އެ ރަށަށް ކުރެއްވި ރަސްމީ ދަތުރުފުޅެއްގައި ވަނީ ވިދާޅުވެފައި. ނަމަވެސް ސްކޫލަށް އެކަންތައްތައް ނުކޮށްދެއްވި އޮތީމާ އަނެއްކާ އަމިއްލަފުޅު ހައިސިއްޔަތުން ނަމަވެސް އެކަންތައް ސްކޫލަށް ކޮށްދެއްވާނެ ކަމަށް ރައީސް ވަހީދު ވިދާޅުވެފައި ވާތީ އިލްހާމް ސްކޫލަށް އެ ފައިސާ ހަދިދާ ކުރެއްވީ،" ނާފިޒު ވިދާޅުވި އެވެ.
އިލްހާމް މުލަކަށް ވަޑައިގަތީ ގައުމައިގެން ކުރިއަށް ކޯލިޝަންގެ ކެމްޕެއިން ދަތުރުފުޅެއްގައި އެ އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅެއްގައި އުޅުއްވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ