ރާއްޖެ ދޫކޮށްފައެއް ނުދާނަން: ޖީއެމްއާރު

އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް ހިންގުމަށްޓަކައި އިންޑިއާ ޖީއެމްއާރު ކުންފުޏާއެކު ވެފައިވާ އެއްބަސްވުން ބާތިލްކޮށް، ހަތް ދުވަސް ތެރޭގައި އެއާޕޯޓް ހަވާލުކުރަން ސަރުކާރުން އެންގި ނަމަވެސް، އެއީ ގާނޫނީ އެންގުމެއް ނޫން ކަމަށާއި ރާއްޖެ ދޫކޮށް ނުދާނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ. ސަރުކާރުން ނިންމި ނިންމުމާބެހޭ ގޮތުން ޖީއެމްއާރުގެ ހެޑް އޮފް ކޮމިއުނިކޭޝަން އަރުން ބަގަދު މިރޭ ހަވީރަށް ވިދާޅުވީ ސަރުކާރުން އަންގާފައިވަނީ ޖީއެމްއާރުގެ އެއްބަސްވުމަކީ "އުފަންވި ވަގުތު ވެސް ބާތިލު" އެއްޗެއް ކަމަށެވެ. ނަމަވެސް އެގްރީމެންޓްގައި ސޮއިކުރިތާ ދެ އަހަރުވެފައިވާއިރު އެގޮތަށް އެގްރީމެންޓް އުވާލެވޭނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށް އަރުން ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އެގްރީމެންޓްގައި ބުނެފައިވާ ގޮތުން އާބިޓްރޭޝަނަށް ނުގޮސް އަދި ސިންގްޕޫރުގެ އާބިޓްރޭޝަންގައި މިހާރު ވެސް މައްސަލައެއް އޮއްވައި، ކުއްލި ގޮތަކަށް އެގްރީމެންޓް އުވާނުލެވޭނެ ކަމަށެވެ. އަދި ސަރުކާރުން ހަތް ދުވަހުގެ ނޯޓިސް ދިނަސް ރާއްޖެ ދޫކޮށް ނުދާނެ ކަމަށާއި މަސައްކަތްކުރާނީ އެގްރީމެންޓްގެ މުއްދަތަށް [ 25 އަހަރު] އެއާޕޯޓް ހިންގުމަށް ދެމިތިބުމަށް ކަމަށް ވިދާޅުވި އެވެ. "އަޅުގަނޑުމެން އެއްވެސް ތަނަކަށް ނުދާނަން. މައްސަލައަށް ފަރުވާއެއް ހޯދޭނެ،" އަރުން ވިދާޅުވި އެވެ. ޖީއެމްއާރާއެކު ވެފައިވާ އެގްރީމެންޓް އުވާލިކަން އެ ކުންފުންޏަށް ސަރުކާރުން އެންގީ، އިރު އޮއްސުނު ވަގުތު އެޓާނީ ޖެނެރަލް އައިޝަތު އާޒިމާ ޝަކޫރު ރައީސް އޮފީހުގައި ބޭއްވި ނިއުސް ކޮންފަރެންސުން ކަމަށް އަރުން ވިދާޅުވި އެވެ. އޭގެ ކުރިން އެގްރީމެންޓް އުވާލަން އުޅޭކަމަށް އަދި މައްސަލައަށް ހައްލެއް ހޯދުމަށް ސަރުކާރުން މަޝްވަރާކޮށްފައި ނެތް ކަމަށް އޭނާ ވިދާޅުވި އެވެ. "އަޅުގަނޑުމެންނަށް ލިޔުން ލިބުނީ ނިއުސް ކޮންފަރެންސަށް ފަހު. އަޅުގަނޑުމެން މިކަމުގައި ވާހަކަ ދައްކާނަން. އަދި މިކަމުގައި ޖީއެމްއާރަށް ފަހިވާ ގޮތަށް ފަރުވާއެއް ލިބޭނެ ކަމަށް އުއްމީދުކުރަން،" އަރުން ވިދާޅުވި އެވެ. ޖީއެމްއާރާއި ސަރުކާރާ ދެމެދު 2010 ވަނަ އަހަރު ސޮއިކުރި އެގްރީމެންޓް އުވާލުމުން، އިންޑިއާ ސަރުކާރުގެ ތަރުޖަމާނު ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ ދިވެހިރާއްޖޭގައިވާ އިންޑިއާގެ މަސްލަހަތުތައް ހިމާޔަތްކޮށް އިންޑިއާ ރައްޔިތުންގެ ހިމާޔަތަށް އަޅަންޖެހުނު ކޮންމެ ފިޔަވަޅެއް ވެސް އަޅާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ