އާ ސިޔާސީ ޕާޓީގެ ތެރެއިން ޕްރައިމަރީ އަށް ކުރިމަތިލާނަން: ޔާމީން

ކުރީގެ ރައީސް އަދި ޑީއާރުޕީގެ ޒައީމް އަލްއުސްތާޒް މައުމޫން އަބްދުލް ގައްޔޫމް އުފައްދަވާ އާ ސިޔާސީ ޕާޓީ އަށް އެންމެ ފުރަތަމަ ސޮއިކުރައްވާ ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާނެ ކަމަށާއި އެ ޕާޓީގެ ތެރެއިން ރިޔާސީ ޕްރައިމަރީ އަށް ވެސް ވާދަކުރައްވާނެ ކަމަށް ޕީއޭގެ ރައީސް އަދި މައުމޫންގެ ކޮއްކޯފުޅު އަބްދުﷲ ޔާމީން އިއްޔެ ވިދާޅުވެއްޖެ އެވެ. މުލަކު ދާއިރާގެ މެމްބަރު ޔާމީން ވިދާޅުވީ މައުމޫން އާ ސިޔާސީ ޕާޓީއެއް އުފައްދަވަން ނިންމެވީ "އަޅުގަނޑުމެން ވަރަށް ގިނަ ފަހަރު ދަންނަވައިގެން" ކަމަށާއި "އެ ނޫން ގޮތެއް ނެތިގެން" ކަމަށެވެ. "މައުމޫން އުފައްދަވާ ސިޔާސީ ޕާޓީ އަށް އެންމެ ފުރަތަމަ ސޮއިކުރާ މީހުންގެ ތެރޭގައި އަޅުގަނޑު ހިމެނޭނެ. އަދި ޕީއޭގެ މަޖިލީހުގެ މެމްބަރުން ވެސް އޭގެ ތެރޭގައި ހިމެނޭނެ. މި ޕާޓީ މި އުފައްދަނީ ޒެޑް ޑީއާރުޕީ އާއި ޕީއޭ އާއި މަޖިލީހުގައި ވަކި ސިޔާސީ ޕާޓީއަކަށް ނިސްބަތް ނުވާ ބައެއް މެމްބަރުން ވަރަށް ބޮޑަށް މައުމޫނަށް ދަންނަވައިގެން. އެއީ ޑީއާރުޕީ ތެރެއިން ހަރަކާތްތައް ކުރިއަށް ގެންދެވޭނެ ގޮތެއް ނެތިގެން،" ޔާމީން ވިދާޅުވި އެވެ. ޑީއާރުޕީ އުފެއްދުމުގައި ވެސް މައުމޫނާ އެކު އިސްކޮށް ހަރަކާތްތެރިވެވަޑައިގެންނެވި ޔާމީން ވިދާޅުވީ މައުމޫން އުފައްދަވާ އާ ސިޔާސީ ޕާޓީން 2013 ގެ ރިޔާސީ އިންތިހާބަށް ކުރިމަތިލައްވާ ކެންޑިޑޭޓަކު ހޮވުމަށް ބާއްވާ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވައި ނާކާމިޔާބާ ކުރިމަތިލައްވަން ޖެހިވަޑައިގަތަސް، ޕްރައިމަރީން ހޮވޭ ބޭފުޅެއްގެ ފަހަތުގައި ހުންނަވާނެ ކަމަށެވެ. "އާ ސިޔާސީ ޕާޓީ އަށް ސޮއިކުރިޔަސް 2013 ގެ އިންތިހާބުގައި ވާދަކުރުމުގެ ޝައުގުވެރިކަން އަޅުގަނޑުގެ އެބަހުރި. އާ ޕާޓީގެ ތެރެއިން ޕްރައިމަރީގައި ވާދަކޮށް ކާމިޔާބު ވެއްޖިއްޔާ އަޅުގަނޑު ކުރިއަށް ދާނަން. އަދި ކާމިޔާބު ނުވިޔަސް އެ ހޮވޭ ބޭފުޅަކާ އެކު އަޅުގަނޑު މަސައްކަތް ކުރާނަން،" ރިޔާސީ އިންތިހާބަށް ވާދަކުރައްވާނެކަން އެންމެ ފުރަތަމަ އިއުލާން ކުރެއްވި ޔާމީން ވިދާޅުވި އެވެ. ޔާމީން ވިދާޅުވި ގޮތުގައި މައުމޫން އުފައްދަވާ ސިޔާސީ ޕާޓީއާ ގުޅިވަޑައިގަތަސް ޕީއޭ އުވާނުލާނެ އެވެ. އަދި މައުމޫންގެ އާ ޕާޓީއާ އެކު ޕީއޭ އިން ކޯލިޝަން ހަދައި ވަރަށް ގާތުން މަސައްކަތް ކުރައްވާނެ ކަމަށް ޔާމީން ވިދާޅުވި އެވެ. "މިހާތަނަށް ވެސް ޕީއޭ އިން މިއައީ ޑީއާރުޕީއާ އެކު ވެސް ވަރަށް ގާތުން މަސައްކަތް ކުރަމުން. ހަމަ އެ ގޮތަށް މައުމޫން އުފައްދަވާ އާ ސިޔާސީ ޕާޓީ އަށް އެހީތެރިވުމުގައި ޕީއޭ އަބަދުވެސް އޮންނާނެ. އަޅުގަނޑު ޕީއޭގައި ނެތަސް ޕީއޭ ހިނގާނެ. އޭރަކު ޕީއޭގައި ތިއްބެވި ބޭފުޅުންތަކެއް އެކަން ކުރިއަށް ގެންދަވާނެ،" ޔާމީން ވިދާޅުވި އެވެ. "އަޅުގަނޑުމެންނަށް ވިސްނުނީ އަޅުގަނޑުމެންނަށް އެއްބަނޑު އެއްބަފާ މީހުންގެ ގޮތުގައި ކުރިއަށް ދެވެން އޮތީ އެންމެން އެކައްޗެއް ކިޔައިގެން މި ގޮތަށް ވަކި ސިޔާސީ ޕާޓީއެއް އުފައްދައިގެން ކަމަށް. އެންމެންނަށް ވެސް އިއްތިފާގު ވެވުނީ އެ ގޮތް."
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ