އޯގަސްޓް މަހު އައި ޓޫރިސްޓުންގެ އަދަދު 26 އިތުރުވެއްޖެ

މިދިޔަ މަހު ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު 26.6 ޕަސެންޓް އިތުރުވެފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ. އިމިގްރޭޝަން ޑިޕާޓްމަންޓުގެ ތަފާސްހިސާބަށް ރިޔާއަތްކޮށް، ޓޫރިޒަމް މިނިސްޓްރީން ބުރާސްފަތި ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މިދިޔަ އަހަރުގެ އޯގަސްޓް މަހު ރާއްޖެ އައި 52388 ޓޫރިސްޓުންނަށް ވުރެ މި އަހަރުގެ އޯގަސްޓް މަހު އައި 66315 ޓޫރިސްޓުންނަކީ ކުރީ އަހަރުގެ އެ މުއްދަތުގައި އައި ޓޫރިސްޓުން ވުރެ 13927 މީހުން އިތުރު އަދަދެއް ކަމަށެވެ.ޓޫރިޒަމް މިނިސްޓްރީން ބުނި ގޮތުގައި އެހެން މަސްތަކެކޭ އެއްގޮތަށް މި ދިޔަ މަހު ވެސް ރާއްޖެ އަށް އެންމެ ގިނަ ޓޫރިސްޓުން އައިސްފައި ވަނީ ޔޫރަޕުންނެވެ. ޔޫރަޕުން އަންނަ މީހުންގެ ނިސްބަތް 64.8 ޕަސެންޓް ހިއްސާކުރާ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.މި އަހަރުގެ އޯގަސްޓްގެ ނިޔަލަށް އެންމެ ގިނަ ޓޫރިސްޓުން އައި 10 ގައުމަކީ، ޓޫރިޒަމް މިނިސްޓްރީން ބުނި ގޮތުގައި، ޗައިނާ، އިނގިރޭސި ވިލާތް، އިޓަލީ، ޖަރުމަނު، ފްރާންސް، ރަޝިޔާ، ޖަޕާން، ސްވިޒަލޭންޑް، އިންޑިއާ އަދި ކޮރެއާ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ