ސިފައިން އަތުން އެސްޓީއޯ މޮޅުވެއްޖެ

ގައުމީ ވޮލީބޯޅަ ލީގުގެ ފުރަތަމަ ބުރުގައި އިއްޔެ ހަވީރު ދިވެހި ސިފައިންގެ ކްލަބް އަތުން ސީދާ ތިން ސެޓުން އެސްޓީއޯ ރެކްރިއޭޝަން ކްލަބް މޮޅުވެއްޖެ އެވެ. ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ކުރިއަށްދާ މުބާރާތުގައި އިއްޔެ ކުޅުނު މެޗު އެސްޓީއޯ އިން ގެންދިޔައީ 30- ،28 25- 23 އަދި 25- 21 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ އެސްޓީއޯގެ އިސްމާއިލް ސާޖިދު (ކުޑަކާއްޓޭ) އެވެ. މި އަހަރުގެ ވޮލީބޯޅަ ސީޒަނަށް ރާއްޖޭގެ ގައުމީ ޓީމުގެ ގިނަ ކުޅުންތެރިންތަކެއް ގެންދިޔަ އެސްޓީއޯ ވަނީ މި މުބާރާތުގައި މިހާތަނަށް ކުޅުނު ދެ މެޗުން ވެސް މޮޅުވެފަ އެވެ. ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން ކްލަބް ޕީކޭ ވަނީ ރޭ ކުޅުނު މެޗުގައި ސްޕޯޓްސް ކްލަބް ގުޑީސް އަތުން 3- 1 ސެޓުން މޮޅުވެފަ އެވެ. މެޗުގެ ފުރަތަމަ ސެޓާއި ދެވަނަ ސެޓް ޕީކޭ އިން ގެންދިޔައީ 25- 18 އިންނެވެ. ތިން ވަނަ ސެޓު 24- 26 އިން ގެންދިޔައީ ގުޑީސް އެވެ. ޕީކޭ އިން މެޗު ކާމިޔާބުކުރީ 26- 24 އިން ހަތަރު ވަނަ ސެޓް ކާމިޔާބުކޮށްގެނެވެ. މި މުބާރާތުގައި މާދަމާ ކުޅޭ މެޗުގައި ބައްދަލުކުރާނީ ޕޮލިހާއި ކްލަބް ޕީކޭ އެވެ. މި އަހަރުގެ ގައުމީ ވޮލީބޯޅަ ލީގުގެ ފުރަތަމަ ބުރު މި މަހުގެ 10 ވަނަ ދުވަހާ ހަމައަށް ކުރިއަށް ދާނެ އެވެ. މުބާރާތުގެ ދެވަނަ ބުރު ކުޅޭނީ އޮކްޓޯބަރު މަހު އެވެ. ފުރަތަމަ ބުރާ ހިލާފަށް ދެވަނަ ބުރުގައި ޓީމުތަކަށް ބިދޭސީ ކުޅުންތެރިން ކުޅެވޭނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ