ދުނިޔޭގެ ޓޫރިޒަމް ދުވަހު ވިތަވެލިން ކިޔަވާ ކުދިންނަށް މައުލޫމާތު ދީފި

ބައިނަލްއަގުވާމީ ޓޫރިޒަމް ދުވަސް ކަމަށްވާ ސެޕްޓެމްބަރު 27 އާ ގުޅުވައިގެން ވިތަވެލި ރިސޯޓުން ކިޔަވާ ކުދިންނަށް މައުލޫމާތު ދީފި އެވެ. ދުބާއީގެ މަޝްހޫރު ކުންފުންޏެއް ކަމަށްވާ ޖުމެއިރާ ގްރޫޕުން ރާއްޖޭގައި އަލަށް ހުޅުވާ ރިސޯޓް "ޖުމެއިރާ ވިތަވެލި" (ކ. ބޮލިފުށި) ގައި އަންގަރާ ދުވަހާއި ބުދަދުވަހު މައުލޫމާތު ދީފައި ވަނީ އަހުމަދިއްޔާ، އަމީނިއްޔާ، ޕޮލިޓެކް އެޑިއުކޭޝަން އަދި ގައުމީ ޔުނިވަސިޓީގައި ޓޫރިޒަމް ދާއިރާ އިން ކިޔަވާ ދަރިވަރުންނަށެވެ. ޖުމެއިރާ މޯލްޑިވިސް އިން އެކުދިންނަށް މައުލޫމާތު ދިނީ ރިސޯޓެއްގައި ހަރަކާތްތެރިވާނެ ގޮތާ ބެހޭ ގޮތުންނެވެ. އަދި ޓޫރިޒަމް އިންޑަސްޓްރީގައި ހުރި ވަޒީފާގެ ފުރުސަތުތަކާ ބެހޭ ގޮތުން ވެސް ޖުމެއިރާ އިން މި ދަތުރުގެ ބައިވެރިންނަށް މައުލޫމާތު ދީފައިވެ އެވެ. ޖުމެއިރާ އިން ބުނީ މި ޕްރޮގްރާމްގައި ގައުމީ ޔުނިވާސިޓީގެ ކުދިން ހިމެނީ އަވަސް މުއްދަތެއްގައި ވަޒީފާގެ މައިދާނަށް ނުކުންނާނެ ކުދިންނަށް ވީތީ ކަމަށެވެ. އަދި މި މައުލޫމާތުގެ ސަބަބުން ރިސޯޓެއްގެ ކަންތައްތައް ހުންނާނެ ގޮތް ކުދިންނަށް ވަރަށް ރަނގަޅަށް އެނގޭނެ ކަމަށް ވެސް ޖުމެއިރާ އިން ބުންޏެވެ. ޖުމެއިރާ އިން ރާއްޖެ އަށް ކަނޑައަޅާފައި ހުންނަ މެނޭޖަރު ސްޓެފަން އޯ ހިއުމާ އެ ރިސޯޓަށް ދިޔަ ދަރިވަރުންނާ މުހާތަބުކޮށް ވިދާޅުވީ ޓޫރިޒަމް ދާއިރާއާ ބެހޭ ގޮތުން ބައެއް ފަރާތްތަކުން ދެކޭ ގޮތް ވަރަށް ތަފާތު ކަމަށެވެ. "އަޅުގަނޑުމެން ބޭނުންވަނީ ކިޔަވާ ކުދިންނަށާއި ބެލެނިވެރިންނަށް ވެސް އަންގައިދޭން މި ދާއިރާ އަކީ ވަޒީފާގެ މާހައުލަށް ހަމަ ރަނގަޅު ދާއިރާއެއްކަން. އަދި މި ދާއިރާ އަށް އަންހެން ކުދިން ވެސް އެބަ ބޭނުންވޭ،" ސްޓެފަން ވިދާޅުވި އެވެ. މި ޕްރޮގްރާމްގައި ބައިވެރިވި ކުދިންނަށް ޓޫރިޒަމް ދާއިރާއާ ބެހޭ ގޮތުން މަޒުމޫނެއް ލިޔަން ޖެހެ އެވެ. ޖުމެއިރާ އިން ބުނީ ދުބައިގާއި ހުންނަ ހެޑް އޮފީހަށް މަޒުމޫންތައް ފޮނުވުމަށް ފަހު ވަނަތަކަށް ދާ ދަރިވަރުންނަށް ޚާއްސަ އިނާމެއް ދޭނެ ކަމަށެވެ. ޖުމެއިރާ އިން ބުނީ ސްކޫލްތަކުގެ ބެލެނިވެރިންނަށް އަމާޒުކޮށްގެން ވެސް މިފަދަ ޕްރޮގްރާމެއް ރާވާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ