ކޮމިޝަންގެ ރިޕޯޓު އޮގަސްޓު މަހުގެ ނިޔަލަށް ނިންމާ ނަމަ މާ ލަސް:ރައީސް ނަޝީދު

ވެރިކަން ބަދަލުވީ ގޮތުގެ ތަހުގީގު ހިންގުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު ވަހީދު ހަސަން މަނިކު އެކުލަވާލައްވާފައިވާ އިންކުއައިރީ ކޮމިޝަންގެ ރިޕޯޓު ނިންމާ ތާރީހު އޮގަސްޓު މަހުގެ ނިޔަލަށް އިތުރު ކުރާ ނަމަ މާބޮޑަށް ލަސް ވެގެންދާ ކަމަށް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ސީއެންއެމުން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ނަޝީދު ރޭ ވިދާޅުވީ، ބޭނުންވަނީ ވީ އެންމެ އަވަސް މުއްދަތެއްގެ ތެރޭގައި ވީހާ ވެސް ރަނގަޅަކަށް ކޮމިޝަންގެ މަސައްކަތްތައް ނިންމުން ކަމަށެވެ.
ކޮމިޝަނަށް ގެއްލިގެން ގޮސްފައިވަނީ 17 ދުވަސް ކަމަށާއި ކޮމިޝަނުން އިތުރަށް ނަގަންވާނީ ވެސް އެވަރުގެ މުއްދަތެއް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
"ދެން އެކަމަށް ތިޔަހާތަން މުއްދަތެއް ނަގަންވީ ސަބަބެއް ވެސް ނުފެނޭ، ބަޔާންތައް ދޭން ހުރި ފަރާތްތަކުން ދީނުމުނީމާ ރިޕޯޓު އެކުލަވާލަން ޖެހޭނެހެން ހީވަނީ، އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި ނިމުން މުހިއްމީ. 17 ދުވަސް ގެއްލުނީ، ދެން އޮގަސްޓު މަހުގެ ނިޔަލަށް މާލަސް." ނަޝީދު ވިދާޅުވިއެވެ.
ކޮމިޝަންގެ މަސައްކަތްތައް ނުނިމި ލަސްވަމުންދަނީ ސަރުކާރުގެ ސަބަބުން ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.
އަދި ކޮމިޝަންގެ މަސައްކަތް އެއްބަސްވެފައިވާ ތާރީހަށް ނުނިމި ލަސްވާ މައްސަލާގައި ކޮމަންވެލްތާއި އެކު މަޝްވަރާ ކުރައްވާނެ ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.
ކޮމިޝަންގެ މަސައްކަތް އެއްބަސްވެފައިވާ މުއްދަތުގެ ތެރޭގައި ނުނިންމޭނެ ކަމަށް ކޮމިޝަނުން ވެސްވަނީ ބުނެފައެވެ. އަދި އެކަމާ ގުޅިގެން ކަމާ ބެހޭ ފަރާތްތަކާ އެކު މަޝްވަރާ ކުރާނެ ކަމަށް ވެސް ކޮމިޝަނުންވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ