މަސްތުވާތަކެއްޗާއި ގިނަ އަދަދެއްގެ ފައިސާއާ އެކު ދެމީހަކު ހައްޔަރު ކޮށްފި

މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް އަޅާފައި ހުރި 16 ރަބަރު ޕެކެޓާއި ގިނަ އަދަދެއްގެ ފައިސާއާއެކު ދެ ފިރިހެނުން ފުލުހުންގެ ހައްޔަރު ކޮށްފިއެވެ.
ފުލުހުން ބުނެފައިވަނީ މި ދެ މީހުން އަތުލައިގަތީ ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން އިއްޔެ ފުލުހުންގެ އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓާއި ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ގެސްޓް ހައުސް އެއްގެ ކޮޓަރިއަކުންނެވެ. ހައްޔަރުކޮށްފައިވަނީ އުމުރުން 36 އަހަރާއި 31 އަހަރުގެ މީހެކެވެ.
ފުލުހުން މި މައްސަލައާ ގުޅިގެން އިތުރަށް ބުނެފައިވަނީ މި މީހުން ހައްޔަރު ކުރިއިރު ތިބި ކޮޓަރިއާއި، އެމީހުންގެ ހަށިގަނޑު ބަލައި ފާސްކުރުމުގެ ތެރޭގައި މަސްތުވާތަކެތިކަމަށް ޝައްކު ކުރެވޭ އެއްޗެއް އަޅާފައި ހުރި 10 ރަބަރު ޕެކެޓް ފެނިފައިވަނީ އެ ކޮޓަރިތެރެއިން ފުލުހުން ހައްޔަރުކުރި 36 އަހަރުގެ މީހާގެ ޓީޝާޓް މަތީގައި ބަހައްޓައިފައި ހުއްޓައި ކަމަށެވެ.
އަދި މީގެ އިތުރުން މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް އަޅާފައި ހުރި އިތުރު ހަ ރަބަރު ޕެކެޓް، ފުލުހުން ހައްޔަރު ކުރި 31 އަހަރުގެ މީހާ ލައިގެން ހުރި ބޮކްސާ ތެރެއިން ފެނިފައި ވާއިރު 24 ޔޫއެސް ޑޮލަރާއި 23500 ދިވެހި ރުފިޔާ ފެނިފައިވަނީ ކޮޓަރީގައި ހުރި އެނދުގެ ގޮދަނޑި ދަށުންކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ