ރައީސްގެ އަނބިކަނބަލުން މުލަކު ސްކޫލަށް 100،000ރ. ހަދިޔާ ކުރައްވައިފި

އަންނަ މަހުގެ 7 ގައި ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ރައީސް މުހަންމަދު ވަހީދުގެ އަނބިކަނބަލުން އިލްހާމް ހުސެން މ. މުލަކު ސްކޫލަށް އެއް ލައްކަ ރުފިޔާ ރޭ ހަދިޔާ ކުރައްވައިފި އެވެ. "ހަވީރު"ން ދެންނެވި ސުވާލެެއްގެ ޖަވާބުގައި "ގައުމައިގެން ކުރިއަށް" ކޯލިޝަންގެ ތަރުޖަމާން އަބްދުއްރަޝީދު ނާފިޒް މިއަދު ވިދާޅުވީ އެ ފައިސާ މުލަކު ސްކޫލަށް އިލްހާމް ހަދިޔާ ކުރެއްވީ، ކުރިން އެފަދަ އެހީއެއް ދެއްވުމަށް ރައީސް ވަހީދު ވައުދުވެވަޑައިގެންފައިވާތީ ކަމަށެވެ. ނާފިޒް ވިދާޅުވި ގޮތުގައި މީގެ ހަތަރު ވަރަކަށް މަސް ކުރިން ރައީސް ވަހީދު މުލަކަށް ވަޑައިގަތުމުން އެ ރަށު ސްކޫލުގެ ކޮމްޕިއުޓަރު ސާމާނު ގަތުމަށް އެހީއެއް ދެއްވުމަށް އެމަނިކުފާނުގެ އަރިހުގައި އެ ސްކޫލުގެ އެދުނެވެ. "އެކަމަކު ރައީސް އެބޭފުޅުންގެ އަރިހުގައި މި ވިދާޅުވަނީ ސަރުކާރުގެ ބަޖެޓުގެ ހާލަތު ހުރި ގޮތުން ފަހަރެއްގައި އެކަން ސަރުކާރަށް ކޮށްނުދެވިދާނެއޭ. އެކަމަކު ސަރުކާރުން ހަމަޖައްސައި ނުދެވުނަސް އެހެން ގޮތަކުން ނަމަވެސް ހަމަޖައްސަވައި ދެއްވޭތޯ ބައްލަވާނަމޭ. އެހެން ވިދާޅުވެފައި އޮއްވައި އިލްހާމް މި ފަހަރުގެ ކެމްޕެއިންގައި މ. އަތޮޅަަށް ވަޑައިގަތުމުން އެ މީހުން މި އެއްސެވީ އެ ކަންތައް ވެފައި އޮތް ގޮތް. އެ ބޭފުޅުން އެދިވަޑައިގަތީ އެކަން ހަމަޖައްސަވައި ދެއްވަން،" ނާފިޒް ވިދާޅުވި އެވެ. "ރައީސް ކުރިން ވެވަޑައިގެންނެވި ވައުދުގެ މައްޗަށް ބައްލަވާފައި އިލްހާމް ކުރެއްވި ކަމަކަށް މި ބެލެވެނީ." ނާފިޒް ވިދާޅުވި ގޮތުގައި ރައީސް ވަހީދުގެ އަނބިކަނބަލުން ދެއްވި ފައިސާގެ އެހީއާ ކެމްޕެއިނާ އެއްވެސް ގުޅުމެއް ނެތެވެ. އަދި އެއީ އިލްހާމް އަމިއްލަފުޅު ގޮތުން ދެއްވި އެހީއެއް ކަމަށް އޭނާ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ