ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ރަޖިސްޓްރީގައި 4،000 އަށް ވުރެ ގިނަ މީހުން އެބަތިބި: މިނިސްޓަރު

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ރަޖިސްޓްރީގައި 4،000 އަށް ވުރެ ގިނަ މީހުން ރަޖިސްޓްރީކޮށްފައިވާ ކަމަށް ޖެންޑާ މިނިސްޓަރު ފާތުމަތު ދިޔާނާ ސައީދު ރޭ ވިދާޅުވެއްޖެ އެވެ. ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ފުރަތަމަ ފަހަރަށް ބޭއްވި އެވޯޑު ހަފުލާގައި މިނިސްޓަރު ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ލިބެންޖެހޭ ހައްގުތަކުގެ ހޭލުންތެރިކަން މުޖުތަމައުގައި ކުޑަ ކަމަށެވެ. އަދި އެ މީހުންނަށް މުޖުތަމައުގައި ދޭ ސަމާލުކަން ވެސް ކުޑަކަމަށް ދިޔާނާ ވިދާޅުވި އެވެ. "ނުކުޅެދުންތެރިކަން ތަހައްމަލުކުރާ ފަރާތްތަކަށް ހުރިހާ ދާއިރާއެއްގައި ވެސް ގޮންޖެހުންތައް ކުރިމަތިވޭ. ތައުލީމް ނިންމައި އެކިއެކި ތަމްރީނުގެ ފުރުސަތުތަކާއި ވަޒީފާ ހޯދުމުގައި ވެސް ހާއްސަ ގޮންޖެހުންތައް އެބަހުރި. ވަޒީފާގެ ދަތިތަކާ ހުރެ އާމްދަނީ ނުލިބޭތީ އެއާ ގުޅިފައި ހުރި އެހެން ކަންކަން ވެސް އެބަހުރި، ސިއްހީ ހިދުމަތް ހޯދުމާއި އެކަށޭނެ ބޯހިޔާވަހިކަން ހޯދުމުގައި، ހުރަސްއެޅިގެންދޭ،" މިނިސްޓްރު ވިދާޅުވި އެވެ. "އިޖުތިމާއީ ކަންކަމުގައި ބައިވެރިވުމުގެ ފުރުސަތު ވެސް މިފަދަ މީހުންނަށް ހަނި." މިނިސްޓަރު ވިދާޅުވި ގޮތުގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ހިމާޔަތްކުރުމަށް ގާނޫނީ އޮނިގަނޑެއް އެކުލަވާލާފައިވުމަކީ އެ ދާއިރާ ކުރިއަރުވަން ލިބިފައިވާ ބާރެކެވެ. އެގޮތުން ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ބައިނަލް އަގުވާމީ މުއާހަދާގައި ރާއްޖެ އިން ބައިވެރިވެ ތަންފީޒުކުރަން ފަށާފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ސަރުކާރުން މާލީ އެހީއެއް ފޯރުވައިދެމުން އަންނަ ކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ އެ އެހީގެ ސަބަބުން އެ ފަރާތްތަކުގެ ދިރިއުޅުމަށް ބަދަލުއާދޭތޯ މޮނިޓަކުރެވޭނެ ނިޒާމެއް މުހިއްމު ކަމަށެވެ. އަދި ވިދާޅުވީ ގުރައިދޫ މަޒުކަޒުގައި ތިބި ހާއްސަ އެހީ އަށް ބޭނުންވާ 160 އަށް ވުރެ ގިނަ މީހުން ދައުލަތުން ބަލަހައްޓަމުން ދިޔަ ނަމަވެސް އެ މީހުންނަށް ވެސް އާއިލާގެ އަޅާލުމާއި ލޯބި ބޭނުންވެ އެވެ. އާއިލާގެ އެހީތެރިކަން އެ ފަރާތްތަކަށް އެކަށީގެންވާ މިންވަރަށް ލިބެމުން ނުދާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ