އާލިއާ ބަޓް، އަމިއްލަ ޕްރޮޑަކްޝަން ހައުސްއެއް އުފައްދައިފި

ބޮލީވުޑްގައި މިވަގުތުހުރި އެންމެ ކާމިޔާބު ބަތަލާ އާލިއާ ބަޓް އޭނާގެ އަމިއްލަ ޕްރޮޑަކްޝަން ހައުސްއެއް އުފައްދައިފިއެވެ.
"އެޓާނަލް ސަންޝައިން ޕްރޮޑަކްޝަންސް" ގެ ނަމުގައި އުފެއްދި ޕްރޮޑަކްޝަން ހައުސްގެ ހަބަރު އޭނާވަނީ އަމިއްލަ އިންސްޓަގްރާމް މެދުވެރިކޮށް ފޭނުންނާ ހިއްސާކޮށްފައެވެ.
އާލިއާ ބުނެފައިވާގޮތުގައި އޭނާގެ ޕްރޮޑަކްޝަން ހައުސްއިން ތައްޔާރުވަނީ ނިމުމެއްނެތް ހަގީގީ ވާހަކަތަކެއް ބެލުންތެރިންނާ ހިއްސާ ކުރުމަށެވެ.
އާލިއާއަކީ ކުޑަ ދުވަސް ކޮޅެއްގެ ތެރޭގައި އޭނާގެ ފިލްމީ ކެރިއަރުގައި ބޮޑު ކާމިޔާބެއް ހާސިލްކުރި ފަންނާނެކެވެ.
އޭނާވަނީ ޅަ އުމުރުގައި ވަރަށް ވަރުގަދަ ރޯލްތަކެއް ހިމެނޭ ފިލްމުތަކެއް ކުޅެ ބެލުންތެރިންނަށް ގެނެސްދީފައެވެ.
ދާދިފަހުން އާލިއާވަނީ އޭނާގެ ކުރިއަށް އޮތް ފިލްމު "ގަންގޫބާއީ ކަތިއާވާޅީ" ގެ ފިލްމުގެ ޓީޒާ ބެލުންތެރިންނާ ހިއްސާކޮށްފައެވެ.
ކާމިޔާބު ޕްރޮޑިއުސަރ ސަންޖޭ ބަންސާލީގެ މިފިލްމަކީ މިހާތަނަށް އާލިއާ ކުޅެފައިވާ އެހެން ފިލްމުތަކާ ބަލާއިރު ވަރަށް ވަރުގަދަ އަދި ތަފާތު ރޯލަކުން އޭނާ ފެނިގެންދާނެ ފިލްމެކެވެ.
ފިލްމުގެ ޓީޒާ ރިލީޒްކުރުމާއެކު ގިނަ ބައެއްގެ ތައުރީފު އޭނާއަށްވަނީ ލިބިގެން ގޮސްފައެވެ. އަދި މިވަގުތު ގިނަ ބަޔަކު އެފިލްމެއް ރިލީޒްކުރުމަށް އެންމެ އިންތިޒާރުކުރެވޭ އެއްފިލްމެވެ.
އަމިއްލަ ޕްރޮޑަކްޝަނެއް ފެށުމުގެ އިތުރުން ކުޅަދާނަ ބަތަލާ ދާދިފަހުންވަނީ އޭނާގެ އަމިއްލަ ބްރޭންޑެއް "އެޑްމާމާ" ގެ ނަމުގައި ތައާރަފް ކޮށްފައެވެ. މިއީ ކުޑަކުދިންނާ ގުޅޭ ތަފާތު އެކި އަންނައުނު ވިއްކަން ފަށާފައިވާ އޮންލައިން ވިޔަފާރިއެކެވެ.
ތިމާވެށި ޙިމާޔަތްކުރުމަށް ވަރަށްބޮޑަށް ބާރުއަޅާ ބަތަލާގެ މިބްރޭންޑުން ވިއްކަނީވެސް ތިމާވެއްޓަށް ގެއްލުން ނުވާގޮތަށް އުފައްދާފައިވާ ތިމާވެއްޓާ ރައްޓެހި ބާވަތްތަކުން އުފައްދާފައިވާ އަންނައުނެވެ.
27 އަހަރުގެ ބަތަލާގެ ކުރިއަށްހުރި ބޮޑެތި ޕްރޮޖެކްޓްތަކުގެ ތެރޭގައި، ލޯބިވެރިޔާ އަދި އެކްޓަރު ރަންބީރް ކަޕޫރުއާއެކު ކުޅޭ ފިލްމު "ބްރަހްމަސްތްރާ" އަދި ކާމިޔާބު ޕްރޮޑިއުސަރު އެސް.އެސް. ރާޖާމޮލީގެ ޓްރިޕްލް އާރް ފިލްމު ހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ