އެއްވެސް ކަމެއް ޙާޞިލުނުކުރެވިގެން ކަންބޮޑުނުވާށެވެ! ތިބާ ބޭނުންވާ ހުރިހާ ކަމެއްވެސް ޙާޞިލުކުރެވޭނެއެވެ! އިން ޝާ ﷲ: މުފްތީ މެންކް

ކުއްޖާ ދުނިޔެއަށް އުފަންވަނީ ކަންތައްތަކަކަށް ބޭނުންވެގެން ކަމަށްނުވެދާނެއެވެ. ނަމަވެސް ކޮންމެ ކުއްޖަކުވެސް ދުނިޔެއަށް އުފަންވުމާއިއެކު ކަންތައްތަކަށް ބޭނުންވާން ފަށައެވެ. ފުރަތަމަ ކޮޅު ހަމައެކަނި ބަނޑު ފުރިފައި ނިދައިލެވުމުން ފުދެއެވެ. ނަމަވެސް ބޮޑުވާވަރަކަށް ބޭނުންތައް ބޮޑެތިވެ ބޭނުންވާ ކަންތައްތައް އިތުރުވެއެވެ. މިއީ އިންސާނީ ޠަބީޢަތެވެ.
ކޮންމެ މީހަކުވެސް އެދޭ ކަންތައްތަކެއް ހުންނާނެއެވެ! ޙާޞިލުވުން އެދި ދުޢާކުރާ ކަންތައްތަކެއްވެސް ހުންނާނެއެވެ. ދުޢާކުރާއިރަށް އެކަމެއް ޙާޞިލުނުވެއްޖެނަމަ ޝަކުވާކުރެވެން ފަށައެވެ. އެކަން ކުރުމުގެ އެއްވެސް ޙައްޤެއް ތިމާއަށް ނެތްއިރުގައިވެސްމެއެވެ.  
އެއްވެސް މީހަކު އެދޭ ހުރިހާ ކަމެއް ވަގުތުން ފުއްދަވައި ދެއްވަވާނެ ކަމަކަށްވެސް އަދި މިދުނިޔޭގައި ފުއްދަވައި ދެއްވަވާނެ ކަމަކަށްވެސް ﷲ ތަޢާލާ ވައުދުވެވޮޑިގެންފައެއް ނުވެއެވެ. ނަމަވެސް ﷲ ތަޢާލާގެ ވަޢުދު ބަސްފުޅަކީ އެކަލާނގެ އެންގެވި ގޮތުގައި ދުނިޔޭގެ ހަޔާތް ވޭތިކޮށް ސުވަރުގެ ހޯދައިފި މީހަކަށް ސުވަރުގެ ވައްދަވާނެ ކަމަށާއި ސުވަރުގެ ވަދެވުމުން އެމީހަކު އެދޭ ހުރިހާ ކަމެއް އެކަމަކަށް ބޭނުންވެގެން ހިތަށްއަރުވައިލާއިރަށް ޙާޞިލުވެގެންދާނެކަމެވެ.
މީސްތަކުންނަށް މިއަދު އޮޅިގެން މިއުޅެނީ އެކަމެވެ. ސުވަރުގެ ބޭނުން ކަމަށް ބުނަމުން އެމީހުން މަސައްކަތްކުރަނީ ދުނިޔެ ހޯދާށެވެ. "ބިޒީ"ވަނީ ސުވަރުގެ ހޯދުމަކަށް ނޫނެވެ. ދުނިޔެ ހޯދުމަށެވެ. ހީކުރެވިގެން އުޅެނީ އެދޭ ހުރިހާ އުފާތަކާއި ބޭނުންތައް ދުނިޔެއިން ހޯދޭނެ ކަމަށެވެ. ކިތަންމެ ވަރަކަށް ތެޅިފޮޅުނު ނަމަވެސް އެކަމެއް ނުވާނެއެވެ. 
ﷲ ތަޢާލާ ރުހިވޮޑިގަންނަވާއަޅުންނަށް ނުވަތަ އިރާދަ ކުރައްވަވާއަޅުންނަށް އަބަދުވެސް ކުރިއެރުން މިންވަރުކުރައްވަވައެވެ. ވީމާ އަބަދުވެސް ކޮންމެވެސް މީހަކު ނުވަތަ ބައަކު ދާނީ ކުރިއަރަމުންނެވެ. އެމީހާ ފަހަތުން ދުވަމުން ގޮސް އަރައިހަމަކުރާތަނުން އެހެން މީހަކު މާކުރިއަށް އަރާނެއެވެ. އެއީ ދުނިޔޭގެ އާދައެވެ. ދުވަންވީ މީސްމީހުންގެ ފަހަތަކުންނޭވެ! ގަދައަޅައި މަސައްކަތްކުރަންވީ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ހޯދުމަށެވެ. 
ވީމާ ދުނިޔެ ފަހައި ދުވުން އަވަހަށް ހުއްޓައިލާށެވެ! އެއްވެސް އިތުރު މަސައްކަތެއް ކުރުމަކާއި ނުލައި ހިތަށް އަރުވައިލުމުން ހުރިހާ ނިޢްމަތްތަކެއް ލިބޭނެ ސުވަރުގެ ހޯދަން ކުރާ މަސައްކަތް އިތުރުކުރާށެވެ. ރަމަޟާން މަހަކީ އެކަމަށް އޮތް ރަނުގެ ފުރުޞަތެވެ. އެންމެ ބާރަށް ކުރިއަށް ދިއުމުގެ ފުރުޞަތު އޮތް މައްސަރެވެ! އޮތީ ހަމަ އެމީހަކަށް ކެރުނު މިންވަރެކެވެ! 
- މުފްތީ މެންކުގެ ދަރުސަކުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ