އިތުުރުވާ ފައިސާ ކަނޑާލަންދެން ޗައިނާގެ ވާހަކަ ދައްކާނަން: ރައީސް ނަޝީދު

ޗައިނާއިން ލޯނުނަގައިގެން ހިންގާފައިވާ ޕްރޮޖެކްޓުތަކަށް ޚަރަދުވި ފައިސާ އަށްވުރެ އިތުރަށް ދައްކަންޖެހޭ މިންވަރު ޗައިނާ ސަރުކާރުން ކަނޑާލަންދެން ޗައިނާގެ ވާހަކަ ދައްކަވަމުން ގެންދަވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޗައިނާއަށް ނަޝީދު ފާޑުވިދާޅުވުމާ ގުޅޭގޮތުން ނޫސްވެރިޔަކު ދެންނެވި ސުވާލަށް ޖަވާބު ދެއްވަމުން ނަޝީދު ވިދާޅުވީ ޗައިނާއިން ލޯނު ނަގައިގެން ސަރުކާރުން ކުރިއަށް ގެންދިޔަ ޕްރޮޖެކްޓުތަކަށް ހަރަދުވި މިންވަރަށް ވުރެ އިތުރަށް އެ ގައުމަށް އަނބުރާ ފައިސާ ނުދެއްކޭނެ ކަމުގައެވެ. ޗައިނާއިން ލޯނު ނަގައިގެން ހިންގާފައިވާ މަޝްރޫޢުތަކުގެ ތެރެއިން ނަޝީދު ފާހަގަކުރެއްވި މަޝްރޫއަކީ ހުޅުމާލޭގައި އަޅާފައިވާ 7000 ފްލެޓްގެ މަޝްރޫއެވެ.
އެފްލެޓްތައް އަޅާފައިވަނީ އަކަފޫޓެއް ނަވާރަސަތޭކަ ރުފިޔާއަށް ފްލެޓްތަކުގެ ފިނިޝިން މަސައްކަތް ނުލާކަމަށް ވިދާޅުވެ ނަޝީދު ވިދާޅުވީ މާލޭގައި އެފަދަ ފްލެޓްތައް އަޅާފައިހުރީ އަކަފޫޓަކަށް ބާރަސަތޭކަ ރުފިޔާއަށް ކަމުގައެވެ. އެހެންކަމުން ސަރުކާރަށް ޖެހެނީ ސަބްސިޑައިޒް ކޮށްގެން އަގުތިރި ކުރަން ކަމަށް ނަޝީދު ވިދާޅުވިއެވެ. ނަޝީދު ވިދާޅުވީ ޗައިނާއިން ކަންތައްތައް ކުރާ ގޮތާ ބެހޭގޮތުން ވާހަކަ ނުދައްކައި ހުރުމަކީ ގައުމަށާއި ދުނިޔެއަށްވެސް ގެއްލުން ހުރި ކަމެއް ކަމަށެވެ.
" މި ގޮތަށް އޮތް ކަމެއްގައި، މުޅި ޖުމްލަކޮށް ހުރިހާ ގައުމުތަކުގެ މަސައްކަތްތައް ފާހަގަވާ އިރުގައި، އެއީ ޖިބޫޓީއަށް ވިޔަސްވެސް ސްރީލަންކާއަށް ވިޔަސްވެސް އީސްޓް ޓިމޯއަށް ވިޔަސްވެސް ކޮންމެ ގައުމަކަށް ވިޔަސް، މި ކަންތައްތައް ވެފައި ހުރި ގޮތް ތާރީހީ ނަޒަރަކުން ދެކިއްޖެއްޔާ ދެން އެކަމާ ގުޅޭގޮތުން ފެންނަ އެއްޗެއް ނުބުނެ ހުރުމަކީ އެއީ މި ގައުމަށްވެސް އަދި އަޅުގަނޑުމެންގެ ރައްޔިތުންނަށްވެސް އަދި ދުނިޔެއަށްވެސް ގެއްލުން ހުރި ކަމެއް" ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވަނީ އިންޑިއަން އޯޝަން ކޮންފަރެންސްގައި ތަގުރީރު ކުރައްވަމުން ވެސް ޗައިނާއަށް ބަހުގެ ހަމަލާތަކެއް ދެއްވާފައެވެ. އެގޮތުން ޗައިނާއިން މި ސަަރަހައްދުގެ ގައުމުތަކުގައި ބޮޑެތި ލޯނުތައް އަޅުވައި ދަރުވާލުމުގެ ސިޔާސަތުތަކެއް ގެންގުޅޭ ކަމަށް ނަޝީދު ވަނީ ވިދާޅުވެފައެވެ. ނޫސްވެރިންގެ ބައްދަލުވުމުގަައި އެވާހަކަތައް ދިފާޢުކުރައްވާ ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވީ ކަންހިނގަމުންދާގޮތް ތަފްސީލުކޮށް އިންޑިއަން އޯޝަން ކޮންފަރެންސްގައި ދައްކާފައި ވާނެ ކަމުގައެވެ. އަދި މިކަމުގައި ނަޝީދާއި ޗައިނާ ސަފީރަކާއި ރައްޔިތުންނާ އަދި ޗައިނާގެ ސަރުކާރާ އެއްވެސް މައްސަލައެއް ނެތް ކަމަށް ނަޝީދު ވިދާޅުވިއެވެ.
" އަޅުގަނޑު ހަމައެކަނި މިދަންނަވާ ވާހަކައަކީ މިތަނަށް ޚަރަދު ކުރިވަރު އެނގިވަޑައިގަންނަވާނޭ. އެހުރީ ކޮންކްރިޓް ފެންނަން. އޭތި މިނޭނެ އެ ކިރޭނެ. ކިތައް ދަގަނޑުތޯ އެނގޭނެ. އެއަށް ދިޔަ ޚަރަދު އެނގޭނެ. އެއަދަދަށް އަޅުގަނޑުމެން އަނބުރާ ފައިސާ ދައްކަންޖެހޭނެ. އެކަމަކު އެއަށްވުރެ އިތުރަށް ފައިސާ ދެއްކުން، އެއީ ތިބޭފުޅުން އަތުން އަތުލައިގެން އެފައިސާ ދައްކަން އޮތީ. ސަރުކާރުގައި އޮތް ލާރިއެއް ނޫން ދައްކަން އޮތީ" ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ 2021 ވަނަ އަހަރު ބޮޑެތި އަދަދުތަކުން ޗައިނާއަށް ފައިސާ ދައްކަންޖެހޭ ކަމަށެވެ. އެފައިސާ އެ ޕްރޮޖެކްޓުތަކުން ދެއްކެން ނެތް ކަމަށް ނަޝީދު ވިދާޅުވިއެވެ. އެހެންކަމުން ޗައިނާގެ ވާހަކަ ތަކުރާރުކޮށް ދައްކަމުން ގެންދާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.
"އަޅުގަނޑު ދެކޭ ގޮތުގައި ޗައިނާ ސަފީރުވެސް އެކަމުގައި ކަންބޮޑުވުމެއް ނުބާއްވަވާނެ. ޗައިނާ ސަރުކާރުންވެސް އަޅުގަނޑު ދެކޭ ގޮތުގައި މިކަމާ ކަންބޮޑުވުމެއް ނުބާއްވާނެ. އަޅުގަނޑު ދެކޭ ގޮތުގައި އެ ބޭފުޅުން އިތުރުވެފައި އޮތްބައި ކަނޑާލަދެއްވާނެ. އަދި އަޅުގަނޑު މި ވާހަކަ ދައްކަމުން ގެންދާނަން އެ ބޭފުޅުން އިތުރުވެފައި އޮތްބައި ކަނޑާލަ ދެއްވަންދެން،" ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު ޗައިނާއަށް ރައްދު ކުރައްވާ ވާހަކަތަކާ ގުޅިގެން ޗައިނާ ސަފީރު ވަނީ މީގެ ކުރިން ނަޝީދާ ބައްދަލުކުރައްވައި، ކަންކަން އޮޅުންފިލުއްވައިދެއްވުމަށް ދެ ފަހަރެއްގެ މަތިން މަސައްކަތް ކުރައްވާފައެވެ. ނަމަވެސް ނަޝީދު ގެންދަވަނީ ތަކުރާރުކޮށް ޗައިނާއަށް ފާޑުވިދާޅުވަމުންއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ