ފަނޑިޔާރު ދީދީގެ މައްސަލަ ބެލުމުގައި ރިފްއަތާއި މަސްތޫރާއި ހިސާންގެ މަސްލަހަތު ހިމެނޭކަމަކަށް ނުދެކެން: ނަޝީދު

ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރު ކުރި މައްސަލައިގައި، ކުރީގެ ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާކުރި އިރު، އެމަނިފާނުުގެ ދިފާއުގައި ވަކާލާތު ކުރެއްވި ވަކީލުން، އޭރު ކުރެއްވި މަސައްކަތާއި އެބޭފުޅުން ޖޭއެސްސީގައި މިހާރު ކުރައްވާ މަސައްކަތްތައް ތަފާތުކަމަށާއި، އެހެންކަމުން ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބުދުﷲ ދީދީއާ ބެހޭގޮތުން ރައީސް ނަޝީދު ޖޭއެސްސީއަށް ހުށަހެޅުއްވި މައްސަލަ ބެއްލެވުމުގައި އެ ވަކީލުންގެ މަސްލަހަތު ހިމެނޭކަމަށް ގަބޫލުފުޅު ނުކުރައްވާކަމަށް ރައީސް ނަޝީދު ވިދާޅުވެއްޖެއެވެ.
ސުޕްރީމްކޯޓުގެ ފަނޑިޔާރު އަބުދުﷲ ދީދީގެ ސުލޫކީ މައްސަލަ ބައްލަވާ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ކޮމިޓީގައި ތިބެއްވި ތިން ބޭފުޅުން ކަމުގައިވާ، ޖޭއެސްސީގެ ނާއިބު ރައީސް މަސްތޫރު ހުސްނީ އާއި، އެ ކޮމިޝަންގެ މެންބަރުން ކަމުގައިވާ، ބަންޑާރަ ނާއިބު އިބްރާހިމް ރިފްއަތު އާއި އަލްއުސްތާޒާ ހިސާން ހުސެއިން އަކީ އެ މައްސަލައިގެ މަސްލަހަތު ހިމެނި ވަޑަިއގަންނަަވާ ބޭފުޅުން ކަމަށްވިދާޅުވެ، އެ ތިން ބޭފުޅުން މައްސަލަބަލާ ޖޭއެސްސީގެ ކޮމިޓީން ތަނާޒަލުވެވަޑައިގަތުމަށް، ނުވަތަ އިސްތިއުފާ ދެއްވުމަށް، މައްސަލަ ރައްދުވާ ފަނޑިޔާރު އަބުދުﷲ ދީދީ އާއި އެ މަނިކުފާނުގެ ވަކީލުން ވަނީ ގޮވާލައްވައިފައެވެ.
އެބޭފުޅުން އެކަމަށް ގޮވައިލެއްވީ މިމަހުގެ 20 ގައި އާއްމުކޮށް ހުޅުވާލައިގެން ދަރުބާރުގޭގައި ކުރިއަށްގެންދިޔަ އެ މައްސަލައިގެ ތަހުގީގީ އަޑުއެހުމުގައެވެ.
އެ ދުވަހުގެ ޝަރީއަތުގެ މަޖިލީހުގައި ޖޭއެސްސީގެ ފަރާތުން ހުށަހެޅި ސުވާލުތަކަށް ޖަވާބު ދެއްވަމުން ފަނޑިޔާރު ދީދީ އާއި އެމަނިކުފާނުގެ ވަކީލު ޑރ. މުހައްމަދު ޖަމީލް އަހުމަދު އާއި މުހައްމަދު ސަލީމް ވިދާޅުވީ، ޖޭއެސްސީން ބަލަމުން އަންނަ މައްސަލައަކީ، އެ ކޮމިޝަންގައި ހިމެނިވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް ނަޝީދު ޖޭއެސްސީއަށް ހުށަހެޅުއްވި މައްސަލައެެއް ކަމަށާއި، އެ މައްްސަލަ ރައްދުވާ ފަނޑިޔާރު ދީދީ އަކީ، މީގެ ކުރިން ރައީސް ނަޝީދުގެ މައްޗަށް ހުކުމް އިއްވި ފަނޑިޔާރަކަށް ވެފައި، ޖޭއެސްސީގެ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ތިން ބޭފުޅުންނަނީ، އެ މައްސަލައިގައި ރައީސް ނަޝީދުގެ ދިފާއީ ވަކީލުންގެ ގޮތުގައި ވަކާލާތު ކުރެއްވި ތިން ބޭފުޅުންކަމަށެވެ. އެހެންކަމުން އެ މައްސަލަ ބެއްލެވުމުގައި އެ ބޭފުޅުންގެ މަސްލަހަތު ހިމެނޭތީ އެ ތިން ބޭފުޅުން ކޮމިޓީިން އިސްތިއުފާ ދެއްވުމަށްފަހު އެހެން ބަޔަކު ކޮމިޓީގައި ހިމެނުމަށް އެ ބޭފުޅުން އެދިވަޑައިގެންނެވިއެވެ.
ރައީސް ނަޝީދުގެ އެންގެވުމަކަށް އެމަނިކުފާނުގެ ވެރިކަމުގައި އަބުދުﷲ ގާޒީ ހައްޔަރު ކުރިއިރު، އެ މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ކުރެވުނު ޓެރަރިޒަމްގެ ދައުވާގައި، އެމަނިކުފާނު ދިފާއު ކުރެއްވުމަށް ވަކީލުންގެ ގޮތުގައި ހަރަކާތްތެރިވެ ވަޑައިގެންނެވި، ރިފްއަތު މިހާރު ޖޭއެސްސީގައި ހިމެނިވަޑައިގަންނަވަނީ، ބަންޑާރަ ނާއިބުގެ ހައިސިއްޔަތުންނެވެ. އަދި މަޖިލީހުން ޖޭއެސްސީއަށް ކަނަޑައަޅާ މެންބަރުގެ ގޮތުގައި ހިސާން ޖޭއެސްސީގައި ހިމނެިވަޑައިގަންނަވާއިރު މަސްތޫރު ޖޭއެސްސީގައި ހިމެނިވަޑައިގަންނަވަނީ، ރަައީސުލް ޖުމްހޫރިއްޔާ އައްްޔަން ކުރައްވާ މެންބަރުގެ ހައިސިއްޔަތުންނެވެ. އަދި ރައީސް ނަޝީދު ޖޭއެސްސީގައި ހިމެނި ވަޑައިގަންނަވަނީ މަޖިލިސް ރައީސްގެ ހައިސިއްޔަތުންނެވެ.
ފަނޑިޔާރު ދީދީގެ ވަކީލުން ފާހަގަ ކުރައްވަނީ، ރައީސް ނަޝީދުގެ މައްޗަށް ހުކުމް ކުރެއްވީ ފަނޑިޔާރު ދީދީއަށްވެފައި ފަނޑިޔާރު ދީދީގެ މައްސަލަ ޖޭއެސްސީއަށް ހުށަހެޅުއްވި ބޭފުޅަކީ ރައީސް ނަޝީދަށް ވެފައި ވަކީލުންނަކީ ރައީސް ނަޝީދު ދިފާއުކުރައްވަން ވަކާލާތު ކުރެއްވި ބޭފުޅުންކަމުން އެކަމުުގައި މަސްލަހަތު ހިމެނޭ ކަމަށެވެ.
މި މައްސަލައާބެހޭގޮތުން ނޫސްވެރިޔަކު ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ނަޝީދު މިއަދު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ފަރާތުން ޖުޑިޝަލް ސާވިސް ކޮމީޝަނަށް ވަޑައިގެން ތިއްބަވަނީ ރައްޔިތުންގެ މަންދޫބުން ކަމަށެވެ. އަދި އެމެންބަރުންނަކީ ރައްޔިތުން އިންތިހާބު ކުރާބައެއް ކަމަށެވެ. އެހެންކަމުން އެބޭފުުޅުން އޭރު ކުރެއްވި މަސައްކަތާއި މިހާރު ކުރައްވާ މަސައްްކަތާ ކުޑަވެސް ގުޅުމެއް ނެތްކަމަށް ނަޝީދު ވިދާޅުވިއެވެ.
"އެއީކީއެއް އެބޭފުޅުން އޭގެ ކުރީގައި ގާނޫނީ ވަކީލެއްގެ ގޮތުގައި ކުރައްވާފައިހުރި މަސައްކަތަކަށް، ނުވަތަ ރާނާ މީހެއްގެ ގޮތުގައި ކޮށްފައިވާ މަސައްކަތަކަށް، ނުވަތަ ރުކަށް އަރާ މީހެއްގެ ގޮތުގައި ކޮށްފައިވާ މަސައްްކަތަށް ވިޔަސްވެސް އެމަސައްކަތްތަކާ އަޅުގަަނޑަށް ފެންނަ ގޮތުގައި މި މަސައްކަތަކާ ކުޑަވެސް ގުޅުމެއްނެތް،" ރައީސް ނަޝީދު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ