ދިއްފުށީގައި ރޯކޮށްލި ޑިންގީއާ ވަގުންނާއި އެއްވެސް ގުޅުމެއް ނެތް: ވެރިފަރާތް

ކ. ދިއްފުށީގައި މިމަހުގެ 23 ވަނަ ދުވަހުގެ ރޭ ރޯކޮށްލި ޑިންގީއަކީ އެރަށުގައި ވައްކަން ކުރި ކަމަށް ބުނާ މީހުންނާ އެއްވެސް ގުޅުމެއް އޮތް ޑިންގީއެއް ނޫން ކަމަށް ޑިންގީގެ ވެރިފަރާތުން ބުނެފި އެވެ.
ޑިންގީގެ ވެރިޔާ ހަސަން ގައްސާން ސީއެންއެމް އަށް ކިޔައިދިން ގޮތުގައި އޭނާ ދުވަހަކުވެސް ވައްކަން ނުކުރާ ކަމަށާއި، އެފަދަ ބޭނުމަކަށް އޭނާގެ ޑިންގީ ބޭނުން ކުރަން ވެސް ނުދޭ ކަމަށެވެ.
"އަޅުގަނޑު އެ ޑިންގީ ހަވާލުކޮށްފައި އޮންނާނީ ބޭބެއަކާއި. އޭނާ އޭގައި ފަރުމަސްވެރިކަން ކުރާނީ. ވައްކަމާއި ޑިންގީ އެއްވެސް ގުޅުމެއް ނެތް،" އޭނާ ބުންޏެވެ.
ގައްސާން ބުނީ ޑިންގީގައި ރޯކޮށްލީ ދިއްފުށީގެ ފިހާރައަކުން ވަގަށް ނެގި ތިޖޫރިއެއް އޭގައި އުފުލި ކަމަށް ބުނެ އެވެ. އެކަމަކު އެއީ ދޮގު މައުލޫމާތެއް ކަމަށާއި، ތިޖޫރި ފެނުނީ ރަށުގެ ތުނޑީކޮޅުން ކަމަށް އޭނާ ފާހަގަކުރި އެވެ.
އޭގެ އިތުރުން ގައްސާން ބުނީ އެ ޑިންގީއަކީ ވަގުންނާ ގުޅުން އޮތް ޑިންގީއެއް ކަމަށް މީޑިއާތަކުގައި ރިޕޯޓުކުރުމުން އޭނާގެ އަބުރަށް ހުތުރު ނަމެއް ލިބޭ ކަމަށާއި، އެފަދަ ދޮގު މައުލޫމާތު ނުފެތުރުމަށް އެދޭ ކަމަށެވެ.
އެ މައްސަލަ މިހާރު ވަނީ ފުލުހުންނަށް ހުށަހަޅާފަ އެވެ. ދިއްފުށީގެ ފިހާރައަކުން ވައްކަން ކުރުމުން އެމީހުން ހޯދަން ނިކުތުމުން އެރަށުގައި ހަމަނުޖެހުން ހިނގި އެވެ.
އެ ހަމަނުޖެހުމުގައި ދެމީހަކަށް އަނިޔާވި އެވެ. ރަށުގެ އާއްމު ހާލަތު ރަނގަޅުކަމަށް ރަށު ކައުންސިލުން ސީއެންއެމް އަށް މައުލޫމާތު ދިން ނަމަވެސް، ޖެހިގެން އައި ބުރާސްފަތި ދުވަހުގެ ރޭވެސް އެރަށުގައި ހަމަނުޖެހުން ހިނގި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ