އާޒިމާއާ ދައުވާގެ ލިޔުންތައް ހަވާލުކޮށް ޝަރީއަތަށް ތައްޔާރުވެއްޖެ

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ލީގަލް އެފެއާޒް މިނިސްޓަރު އައިޝަތު އާޒިމާ ޝަކޫރުގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ލިޔެކިޔުންތައް އޭނާއާ ހަވާލުކޮށްފި އެވެ. ޖިނާއީ އިޖުރާއަތުގެ ގާނޫނު އޮންނަ ގޮތުން ޝަރީއަތުގެ އަޑުއެހުންތައް ފެށޭނީ ދައުވާއާ ގުޅޭ ލިޔެކިޔުންތައް ހަވާލުކުރުމަށް ފަހު އެވެ. އެގޮތުން އާޒިމާގެ ފަރާތުން ދައުވާގެ ލިޔެކިޔުންތަކާ ހަވާލުވާން ކޯޓަށް އައީ އޭނާގެ ބޭބެ، އަލީ އާމިރު އެވެ. ދެން އޮންނާނީ ދައުވާގެ އިބްތިދާއީ އަޑުއެހުންތަކެވެ. އާޒިމާގެ މައްޗަށް ދައުލަތުން އުފުލާފައިވާ އެއް ދައުވާ އަކީ، މަނީ ލޯންޑްރީ ކުރުމަށް ރައީސް ޔާމީންއަށް އެހީތެރިވެދިނުމުގެ ދައުވާ އެވެ. މީގެ އިތުރުން އޭސީސީއިން ކުރި ތަހުގީގަކަށް ރައީސް ޔާމީންގެ ފަރާތްޕުޅުން ދޮގު މައުލޫމާތުތަކެއް ދިން ކަމުގެ ދައުވާ ވެސް ކުރެ އެވެ. އާޒިމާއާ ޗިޓް ހަވާލުނުކުރެވިގެން ޝަރީއަތް ނުފެށި ލަސްވާ މައްސަލައިގައި އެކި ފަރާތްތަކުން ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ. އާޒިމާ މިފަހަކާ ޖެހެންދެން އުޅުއްވީ ރާއްޖެއިން ބޭރުގަ އެވެ. އެހެން ނަމަވެސް މި ފަހުން ވަނީ އެނބުރި ރާއްޖެ ވަޑައިގެންފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ