"ތަލައިވީ"އާ އެކު ބޮލީވުޑްގެ އެންމެ އަގުބޮޑު އަންހެން އެކްޓަރަކަށް ކަންގަނާ!
ޓަމިލް ނާޑޫގެ ކުރީގެ ޗީފް މިނިސްޓަރު ޖޭ ޖަޔާލަލީތާގެ ހަޔާތުގެ މައްޗަށް އުފައްދާ ފިލްމު 'ތަލައިވީ' އަށް ބަތަލާ ކަންގަނާ ރަނައުތު 24 ކުރޯރު ރުޕީޒް (34,69,687 އެމެރިކާ ޑޮލަރު)ގެ އަގެއް ހުށަހަޅައިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ. އެ ފިލްމު ހިންދީ ބަހުންނާއި ތަމިލް ބަހުން ރިލީޒް ކުރުމަށް ހަމަޖެހިފައި ވާއިރު، ހިންދީ ބަހުން އެ ފިލްމަށް ދީފައިވާ ނަމަކީ 'ޖަޔާ' އެވެ. ތަމިލް ފިލްމެއްގެ ލީޑު ރޯލަށް ކަންގަނާ ހަމަޖެއްސީ ފިލްމު ބަލާ އޯޑިއެންސް އިތުރު ކުރުމަށް ކަމަށް ޑައިރެކްޓަރު ވިޖޭ ވަނީ ބުނެފަ އެވެ. ޚަބަރުތައް ބުނާ ގޮތުން ފިލްމުގެ ލީޑު ރޯލު ކުޅުމަށް ކަންގަނާ އަށް 24 ކުރޯރު ރުޕީޒް ވަނީ ދީފަ އެވެ. އެއާ އެކު ކަންގަނާ ވެގެން ދާނީ ބޮލީވުޑްގެ އެންމެ އަގުބޮޑު އަންހެން އެކްޓަރަށެވެ. މީގެ ކުރިން އެ މަގާމު އޮތީ ބަތަލާ ދީޕިކާ ޕަދުކޯން އަތުގަ އެވެ. ދީޕިކާ، ސަންޖޭ ލީލާ ބަންސާލީގެ 'ޕަދްމާވަތު' ގެ ލީޑު ރޯލު ކުޅެދީފައި ވަނީ 13 ކުރޯރު ރުޕީޒް އަށެވެ. އެހެންކަމުން ކަންގަނާގެ އަގު މިހާރު އެއަށް ވުރެ ގާތްގަނޑަކަށް ދެ ގުނަ އިތުރުވީ އެވެ. މިއީ ކަންގަނާ ކުރިން ފިލްމު ކުޅެދިން އަގާ ބަލާއިރު ވެސް ދެ ގުނަ ބޮޑު އަގެކެވެ. މީގެ ކުރިން ކަންގަނާ ވަނީ އޭނާ ފިލްމު ކުޅެދޭ އަގު 11 ކުރޯރަށް ބޮޑު ކޮށްފަ އެވެ. ނަމަވެސް 'ސިމްރަން' އަދި 'ރަންގޫން' ކުޅެދިނީ އެއަށްވުރެ ކުޑަ އަގަކަށް ކަމަށް ރިޕޯޓުތައް ބުނެ އެވެ. ފިލްމާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ކަންގަނާ ބުނީ 'ތަލައިވީ' އިން ފުރުސަތު ލިބުނީ އަމިއްލަ ބަޔޮޕިކްގެ މަސައްކަތް ކުރަމުން ދަނިކޮށް ކަމަށެވެ. އަދި ޖަޔާލަލީތާގެ ވާހަކަ އާއި ކަންގަނާގެ އަމިއްލަ ވާހަކަ ވަރަށް އެއްގޮތް ނަމަވެސް ޖަޔަލަލީތާގެ ވާހަކަ މާ ކާމިޔާބު ވާނެ ކަމަށެވެ. "އެހެންވެ އަމިއްލަ ބަޔޮޕިކް އާއި ޖަޔާލަލީތާގެ ބަޔޮޕިކް އިން އެއް ފިލްމު ނަގަން ޖެހުމުން އަހަރެން ނިންމީ ޖަޔާލަލީތާގެ ފިލްމު ކުޅެން،" ކަންގަނާ ބުންޏެވެ. ކަންގަނާ ބުނީ އެ ފިލްމަށް އޭނާ ތަމިލް ބަސް ދަސްކުރާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ