ފުވައްމުލަކު އަތޮޅު ކައުންސިލްގެ ރައީސާއި ނާއިބް ރައީސް ހޮވުމަށް ފަސް ފަހަރަށް ވޯޓުލައިފި

ފުވައްމުލަކު އަތޮޅު ކައުންސިލް ހުވާކުރުމަށް ފަހު އެ ކައުންސިލްގެ ރައީސާއި ނާއިބު ރައީސް ހޮވުމަށް ބޭއްވި ޖަލްސާގައި ހަތަރު ފަހަރެއްގެ މަތިން ވޯޓު ނަގައިގެން ވެސް، ވޯޓު އެއްވަރުވުމާ ގުޅިގެން ދެ ޕާޓީގެ މަޝްވަރާ އަށް ފަހު ރޭ ފަސް ވަނަ ފަހަރަށް ވޯޓުލައިގެން ރައީސަކާއި ނާއިބު ރައީސަކު ހޮވައިފި އެވެ.
އިދިކޮޅު ޑީއާރްޕީގެ ތިން މެންބަރުންނާއި ސަރުކާރު ހިންގާ އެމްޑީޕީގެ ތިން މެންބަރުންނާ އެކު ޖުމްލަ ހަ މެންބަރުން ތިއްބަވާ އަތޮޅު ކައުންސިލަށް ރައީސަކު ހޮވުމަށް އިއްޔެ ހެނދުނު 10: 11 އިން ފެށިގެން ރޭ މެންދަމު 30: 12 އާ ހަމަ އަށް ހަތަރު ފަހަރެއްގެ މަތިން ވޯޓުލުމުން ވެސް، ދެ މެންބަރުންނަށް ވެސް ވޯޓު ލިބުނީ އެއް ވަރަކަށެވެ.
ޑީއާރުޕީގެ އަލީ ފަޒާދާއި އެމްޑީޕީގެ ހަސަން ސައީދަށް އެ ހުރިހާ ފަހަރަކު ވެސް ލިބުނީ ކޮންމެ މެމްބަރަކަށް ތިން ވޯޓެވެ.
ދެ ޕާޓީން މަޝްވަރާތައް ކޮށްގެން އެންމެ ފަހުން ރޭ 30: 12 ހާއިރު ކައުންސިލްގެ ރައީސް ކަމަށް ހަސަން ސައީދު އަދި ފަޒާދު ނާއިބު ރައީސް ކަމަށް ހޮވީ ހުރިހާ ކައުންސިލަރުންގެ އިއްތިފާގުންނެވެ.
ފުވައްމުލަކު މެދު ދާއިރާ އިން އަތޮޅު ކައުންސިލަށް އިންތިހާބުވި މި ދެ ކައުންސިލަރުންގެ ތެރެއިން ރައީސް ކަމަށް އިންތިހާބުވި ހަސަން ސައީދަކީ، ފުވައްމުލަކުގެ ކުރީގެ އަތޮޅު ކައުންސިލަރެވެ. އަދި ނާއިބު ރައީސް ކަމަށް އިންތިހާބުވި ފަޒާދަކީ މިސްކިތްމަގު އޮފީހުގެ ކުރީގެ ކަތީބެވެ.
ފުވައްމުލަކު އަތޮޅު ކައުންސިލްގެ ނާއިބު ރައީސް އަލީ ފަޒާދު ވިދާޅުވި ގޮތުގައި ރައީސް ކަމުގެ މަގާމަށް ވާދަކުރުމަށް ފަހު އެ މަގާމަށް އަލުން ކުރިމަތިނުލީ ކުރިން ވެސް އެ މަގާމަށް ވާދަކުރުމަށް ނިންމާފައި ނުވާތީ ކަމަށެވެ.
"އަޅުގަނޑުމެން ]ކައުންސިލަށް ހޮވުނު ޑީއާރްޕީގެ ތިން މެމްބަރުން[ގެ ތެރެއަކު ނެތް އެއްގޮތަކަށް ވެސް ރައީސް ކަމަށް ވާދަކުރުމަށް މަޝްވަރާކުރެވިފައެއް. އަނެއްކާ ދެ ޕާޓީގެ މެދުގައި ވެސް ނެތް މަޝްވަރާކުރެވިފައެއް. އެހެން އޮއްވާ ރައީސް ކަމަށް އެމްޑީޕީ ބޭފުޅަކު ހޮވިފައި އަނެއްކާ ނާއިބު ރައީސް ކަމުގެ މަގާމަށް އަޅުގަނޑުމެން ކުރިމަތިލުމުން ވޯޓު އެއްވަރުވެގެން ގޮތެއް ނުނިމިދާނެތީ، ދެ ޕާޓީގެ މެދުގައި މަޝްވަރާކުރުމުގެ ފުރުސަތު ތަނަވަސްކުރުމަށް އަޅުގަނޑުމެން ރައީސް ކަމަށް ވާދަކުރީ،" ފަޒާދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރައީސް ކަމަށް ނެގި ވޯޓު އެއްވަރުވުމުން ދެ ފަރާތުގެ މެދުގައި ވާހަކަ ދެއްކުމުގެ ފުރުސަތަކަށް އެދުމުން ރޭ 10 ޖެހުމާ ހަމައަށް މަޝްވަރާކުރި ކަމަށެވެ. އަދި އޭގެ ފަހުން ރައީސް ކަމަށް އެމްޑީޕީގެ ކައުންސިލަރެއް އަދި ނާއިބު ރައީސް ކަމަށް ޑީއާރްޕީގެ ކައުންސިލަރެއް އިންތިހާބުކުރީ ދެ ޕާޓީގެ މެދުގައި މަޝްވަރާކޮށްގެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ޕާޓީން ނިންމީ މިއަދު އޮފީސް ހުޅުވުމުގެ ކުރިން ރައީސާއި ނާއިބު ރައީސް އިންތިހާބުކުރުމުގެ ކަންތައް ނިމި ހިދުމަތްތައް ދޭންޖެހޭނެ ކަމަށް. އެހެންވެ އަޅުގަނޑުމެން އެއް މަގާމު ނަގާފައި އަނެއް މަގާމު އަނެއް މީހުންނަށް ދޭން ނިންމީ،" ފަޒާދު ވިދާޅުވި އެވެ.
ފަޒާދު ވިދާޅުވި ގޮތުގައި އަތޮޅު ކައުންސިލްގެ ގަވާއިދު ފާސްކުރުމަށްޓަކައި މިއަދު ކައުންސިލްގެ ބައްދަލުވުމެއް ބާއްވާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ