ހަނިމާދޫ އެއާޕޯޓް ތަރައްގީ ކުރުމަށް އަށް ފަރާތެއް ޝޯޓް ލިސްޓްކޮށްފި

ހދ. ހަނިމާދޫ އެއާޕޯޓް ބައިނަލްއަގުވާމީ ފެންވަރަށް ތަރައްގީކުރުމަށް ހުށަހެޅި 19 ފަރާތުގެ ތެރެއިން އަށް ފަރާތެއްގެ ނަން ޓްރާންސްޕޯޓް މިނިސްޓްރީން ޝޯޓް ލިސްޓްކޮށްފި އެވެ.
ސަރުކާރުން ހަނިމާދޫ އެއާޕޯޓް ތަރައްގީކުރަން ނިންމާފައި ވަނީ ޕަބްލިކް ޕްރައިވެޓް ޕާޓްނާޝިޕް (ޕީޕީޕީ) ގެ ދަށުންނެވެ.
"ހަވީރަ"ށް މައުލޫމާތު ލިބިފައިވާ ގޮތުގައި ޝޯޓް ލިސްޓްކުރި ކުންފުނިތަކުގެ ތެރޭގައި ރާއްޖެ އާއި ތުރުކީ އަދި ސިންގަޕޫރާއި އިންޑިއާ އަދި އެމެރިކާ އާއި އިނގިރޭސިވިލާތުގެ ކުންފުނިތައް ވެސް ހިމެނެ އެވެ. އޭގެތެރޭގައި އައިލެންޑް އޭވިއޭޝަނާއި ތުރުކީގެ ޓީވީއޭ އެއާޕޯޓްސް ހޯލްޑިންގްގެ އިތުރުން ސިންގަޕޫރާއި ތައިލޭންޑްގެ ކުންފުންޏެއް ގުޅިގެން އުފައްދާފައިވާ ސީއެންބީ ބެންކޮކް އެއާވޭސް މާލިން ސޮލިއުޝަންގެ އިތުރުން އިނގިރޭސިވިލާތުގެ ލެގަން ސްކޮޓް ވިލްސަން ކުންފުންޏާއި ރާއްޖޭގެ މިލީނިއަމް ކެޕިޓަމް މޯލްޑިވްސްގެ އިތުރުން އިންޑިއާގެ ސުޕަ އެއާޕޯޓް ފަދަ ކުންފުނިތައް ހިމެނެ އެވެ.
ހަނިމާދޫ އެއާޕޯޓް ތަރައްގީކުރާނެ ފަރާތެއް ހޯދުމަށް މީގެ ކުރިން ވެސް ސަރުކާރުން ވަނީ މަސައްކަތްކޮށްފަ އެވެ. އަދި އެ އެއާޕޯޓް ބައިނަލްއަގުވާމީ ފެންވަރަށް ތަރައްގީކޮށް ހިންގުމަށްޓަކައި މިހާރު މާލޭ އިންޓަނޭޝަނަލް އެއާޕޯޓް ހިންގަމުން އަންނަ އިންޑިއާގެ ޖީއެމްއާރު ކުންފުންޏާ އެކު ނޮވެމްބަރު ،5 2009ގައި އެމްއޯޔޫއެއްގައި ސޮއި ވެސް ކޮށްފައި ވެ އެވެ. ނަމަވެސް އެއާޕޯޓުން ފައިދާ ހޯދުމަށް ހުށަހަޅާފައިވާ ކަންތައްތަކާ މެދު އެއްބަސްވުމަކަށް ނާދެވި ސަރުކާރުން ވަނީ އެ އެމްއޯޔޫ ބާތިލްކޮށްފަ އެވެ.
ހަނިމާދޫ އެއާޕޯޓް ތަރައްގީކުރުމަށް ސަރުކާރުން މިހާރު ކަނޑައަޅާފައި ވަނީ ތިން ފިޔަވައްސަކަށް ބަހާލައިގެންނެވެ. ފުރަތަމަ ފިޔަވަހީގައި އެއާޕޯޓް ތަރައްގީކުރަން ހަމަޖައްސާފައި ވަނީ އައިލެންޑް އޭވިއޭޝަނުން ބޭނުންކުރާ ވައްތަރުގެ އާދައިގެ ކުދި ބޯޓުފަހަރު އޮޕަރޭޓްކުރާ ވަރުގެ އިންޓަނޭޝަނަލް އެއާޕޯޓެއްގެ ގޮތުގަ އެވެ. އޭ 320ގެ މެދު ސައިޒުގެ ބޯޓުފަހަރު ޖެއްސޭ ވަރަށް އެއާޕޯޓް ތަރައްގީކުރުމަށް ކަނޑައަޅާފައި ވަނީ ދެ ވަނަ ފިޔަވަހީގަ އެވެ. އަދި ބޯއިން 747- 400 ގެ ބޯޓުފަހަރު ޖެއްސޭ ވަރަށް ތަރައްގީކުރާނީ ތިން ވަނަ ފިޔަވަހީގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ