އިންތިޚާބް ކާމިޔާބު ކުރެވިއްޖެނަމަ ޤާއިމްކުރާނީ ރައްޔިތުންގެ ސަރުކާރެއްކަމަށް -ޔާމީން

ރިޔާސީ އިންތިޚާބް ޕީ.ޕީ.އެމް އަށް ކާމިޔާބު ކުރެވިއްޖެނަމަ ރާއްޖޭގައި ޤާއިމްވެގެންދާނީ ރައްޔިތުންގެ ސަރުކާރެއްކަމަށް ޕީ.ޕީ.އެމް ގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމިން އަބްދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ. ޕީ.ޕީ.އެމް ކޯލިޝަނުން ރޭ ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަނުން ޔާމިން ވިދާޅުވީ އިންތިޚާބް ކާމިޔާބު ކުރެވިއްޖެނަމަ ދެން ރާއްޖެއިން ފެނިގެންދާނީ އެމް.ޑީ.ޕީ ނޫން އެހެން ހުރިހާ ޕާޓީތައް ގުޅިގެން އުފައްދާ ސަރުކާރެއްކަމަށާއި، އޭގެ އެންމެ ބޮޑު ބޭނުމަކީ ޤާނޫނީ ވެރިކަމެއް ޤާއިމްކުރުން ކަމަށެވެ.
އެގޮތުން އެމްޑީއޭ އާއި އަދާލަތު ޕާޓީ އާއި ޑީއާރުޕީގެ އިތުރުން ޖުމްހޫރީ ޕާޓީ އާއި ގައުމީ އިއްތިހާދުގެ މެމްބަރުން ޕީޕީއެމާ އެކު މަސައްކަތް ކުރަމުން އަންނަ ކަމަށް ޔާމިން ވިދާޅުވިއެވެ.
ޔާމިން ވިދާޅުވީ ޕީ.ޕީ.އެމްގެ ސަރުކާރެއްގައި މަޤާމްތައް ދިނުމުގައި ވަކި ޕާޓީއެއްގެ މީހަކަށް އިސްކަން ނުދެއްވާނެ ކަމަށެވެ.
އެމްޑީޕީގެ ސިޔާސަތުތަކަށް ފާޑުވިދާޅުވަމުން އުމުރުން ދުވަސްވީ މީހުންނަށް ދޭ އިނާޔަތަކީ އެމްޑީޕީގެ އަޅާލާ ސިޔާސަތުގެ ނަތީޖާކަމަށް ބުނަމުންދާއިރު އާސަރުކާރެއްގައި އުމުރުން ދުވަސްވީ މީހުންނަށް ދޭ އިނާޔަތު ބޮޑުކޮށްދޭން އެޕާޓީގެ މެނިފެސްޓޯގައި ހިމަނާފައިނުވާކަމަށާއި ދިވެހި ރައްޔިތެއްގެ ބޮލަކަށް ޖެހޭ މިންވަރު މިހާރު އޮންނަ ހަތަރު ހާސްޑޮލަރުން މައްޗަށް ޖައްސަން އެއްވެސް ވާހަކައެއް މެނިފެސްޓޯގައި ނެތުމުން އެޕާޓީގެ އިގްތިސާދީ ސިޔާސަތެއް ނެތްކަން ދޭހަވެގެންދާކަމަށް ޔާމީން ވިދާޅުވިއެވެ.
ޔާމީންގެ ހަމަލާ އެންމެ ބޮޑަށް އަމާޒުވީ ރައީސް ނަޝީދުގެ ސަރުކާރުގެ ދީނީ ސިޔާސަތުތަކަށެވެ.
އެމްޑީޕީ ސަރުކާރުގެ ދީނީ ސިޔާސަތުތަކާއި ދެކޮޅަށް ތޭވީސް ޑިސެމްބަރ އިއްތިހާދުން ނުކުތް ނުކުތުން މިއީ ތަކުރާރުކުރަންޖެހިފައިވާ ދަނޑިވަޅުކަމަށާއި އެކަމަށްޓަކައި އެކުގައި މަސައްކަތްކުރަން އޮތް ވަގުތު ހަނިވަމުން ކުޑަވަމުންދާކަމަށްވެސް ޔާމީން ވިދާޅުވިއެވެ.
މިޖަލްސާގައި ޔާމިންގެ ރަނިންގމޭޓް ޑރ. މުހައްމަދު ޖަމީލް އަހްމަދު ވެސް ވާހަކަފުޅުދެއްކެވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ