ލޭބާ ޕާޓީގެ ފުރަތަމަ އާއްމު ޖަލްސާ ބާއްވައި ލޯގޯ އާއި ކުލަ ފާސްކޮށްފި

މޯލްޑިވްސް ލޭބާ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީ ނުވަތަ ލޭބަ ޕާޓީގެ ފުރަތަމަ އާއްމު ޖަލްސާ ރޭ ބާއްވައިފި އެވެ.
ގާނޫނީ ވަކީލް އަބްދުﷲ ހަސީން އިސްވެ ހުންނަވައިގެން އުފެއްދެވި ލޭބާ ޕާޓީގެ ފުރަތަމަ އާއްމު ޖަލްސާ ބާއްވާފައިވަނީ 317 މެންބަރުންނާއި އެކު ދަރުބާރުގޭގަ އެވެ. މި
މިޖަލްސާގައި ވަނީ އެޕާޓީގެ އަސާސީ ގަވައިދު ފާސްކޮށް ދިދަ އާއި ލޯގޯ އިފުތިތާހުކޮށްފަ އެވެ. އެގޮތުން އެޕާޓީގެ ކުލައިގެ ގޮތުގައި ކަނޑައަޅާފައިވަނީ، ރަތް، ކަޅު އަދި ހުދު ކުލަ އެވެ.
މީގެ އިތުރަށް ރޭގެ ޖަލްސާގައި ވަނީ އެޕާޓީގެ ވަގުތީ ހިންގާ ކޮމިޓީވެސް އެކުލަވާލާފަ އެވެ. އެގޮތުން މިޖަލްސާގައި ލޭބަ ޕާޓީގެ ވަގުތީ ލީޑާޝިޕަށް 15 މެމްބަރުން އިންތިޚާބު ކޮށްފައިވާއިރު، މީގެތެރޭގައި އެޕާޓީ އުފެއްދުމުގައި އިސްކޮށް ހުންނެވި އަބްދުﷲ ހަސީން އާއި، ޓޫރިޒަމް އެމްޕްލޮއީ އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީމް)ގެ މައުރޫފް ޒާކިރު ވެސް ހިމެނެ އެވެ.
ޕާޓީއެއް އުފައްދަން ހަމަކުރަންޖެހޭ 3000 މީހުންގެ ސޮއި ހަމަކޮށް، ލޭބަ ޕާޓީ އުފެއްދުމަށް އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ ހުސްވި ޑިސެންބަރު މަހުގެ 16 ވަނަ ދުވަހު އެވެ.
ގާނޫނީ ވަކީލް ހަސީން ވިދާޅުވީ ލޭބާ ޕާޓީގެ މުހިއްމު މަޤްސަދަކީ މަސައްކަތްތެރިންގެ ހައްގުތައް ހޯދައިދީ މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކުރުން ކަމަށެވެ. އެގޮތުން ރިސޯޓް މުވައްޒަފުންނާއި، ސީފެއަރާސް ނުވަތަ ބޯޓް ދަތުރުކުރާ މީހުންގެ ހައްގުތައް ހިމާޔަތްކޮށްދީ، ޕައިލެޓުންގެ ހައްގުތައް ހިމާޔަތްކޮށްދިނުމަށްވެސް ޚާއްސަ މަސައްކަތްތަކެއް ކުރެވޭނެ ކަމަށެވެ. އަދި އެފަރާތްތަކުގެ ފުރިހަމަ އެއްބާރުލުން ދިނުމަށް އެއްބަސްވުމެއްގައި ސޮއިކުރެވިފައިވާ ކަމަށާއި، ޕާޓީގެ މަގުސަދަކީ ހުރިހާ މަސައްކަތްތެރިންގެ އަޑު އިއްވައި އެމީހުންގެ ހައްގުތައް ކަށަވަރުކޮށްދިނުމަށް މަސައްކަތް ކުރެއްވުމަށް ކަމަށްވެސް އަބްދުﷲ ހަސީން ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ